ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ، ސިޔާސީ އެންގުތަކުގެ މައްޗަށް ބިނާކޮށް އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ކަމަށް އަޒްމިރަލްދާ މިއަދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން، މަހާޒާއި އަޒްމިރަލްދާއާއި އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިދިޔަ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކުރިއެވެ.
އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ސަރުކާރުން ހުށަހަޅައިގެން، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބައްލަވަމުން ގެންދަވަނިކޮށެވެ. އަދި އެ މައްސަލައިގެ ވަގުތީ އަޑުއެހުމެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވަން ވަރަށް ކުޑަތަންވެފައި ވަނިކޮށެވެ.
އެއަށްފަހު ޖޭއެސްސީން ވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލާކަން ހާމަވެފައިވާއިރު، އެ ކޮމިޝަނުން މައްސަލަ ބެލީ، އަޒްމިރަލްދާގެ އެދުމާ ޚިލާފަށް ސިއްރުކޮށްގެންނެވެ. އެ އަޑުއެހުންތަކަށް ފަހު ކޮމިޝަނުން ފާސްކުރީ މަހާޒާއި އަޒްމިރަލްދާ ވަކިކުރުމަށެވެ. އޭރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން މަހާޒާއި އަޒްމިރަލްދާ ޖަވާބުދާރީވާން ފުރުސަތަށް އެދިވަޑައިގަތެވެ. އެހެންނަމަވެސް މިދިޔަ އާދިއްތަ ދުވަހު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ދެ ފަނޑިޔާރުންނަށް ފުރުސަތެއް ނުދީ، ޖޭއެސްސީގެ ރިޕޯޓު ސައްހަ ކަމަށް ނިންމިއެވެ.
އެ ރިޕޯޓު މިއަދު ތަޅުމަށް ހުށަހެޅުމުން، ޕީއެންސީގެ 68 މެންބަރުންގެ ވޯޓުން ވަނީ ދެ ބޭފުޅުން ވަކިކޮށްފައެވެ.
އަޒްމިރަލްދާ ވަކިކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކަމަނާ މަގާމުން ވަކިކުރީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، ހައްގުތައް ނިގުޅައިގަނެ ސިއްރިއްޔާތުގައި ހިންގި އިޖުރާއަތުތަކަކަށް ފަހު ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް
"އެ ނިންމެވުން ނިންމަވާފައި ވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަމެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ." އެ ކަމަނާ ވިދާޅުވިއެވެ.
އެ ބަޔާނުގައިވާ ގޮތުން، ޖޭއެސްސީން އަޒްމިރަލްދާގެ މައްސަލަ ބެލިއިރު ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހަނިކޮށް، ތުހުމަތުން ދިފާއުވުމަށް ބޭނުންވާ އަސާސީ ލިޔެކިޔުންތައް ހިއްސާނުކޮށް، ދިފާއުވުމުގެ ހައްގު ނިގުޅައިގަނެފައިވެއެވެ. އެ ކަމަނާ ވިދާޅުވީ އެ މައްސަލަ ބެލިއިރު އެންމެ ކަންބޮޑުވީ ސިއްރުކޮށްގެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން ނިންމުންނާއި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވާން ފުރުސަތު ނުދޭން ނިންމުމުން ކަމަށެވެ.
އެފަދަ މައްސަލަތަކާ ހެދި، ސަސްޕެންޑުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮށްފައިވަނީ ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެއް ކަމަށާއި އޭގެ ސަބަބަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގުން ކަމަށް އަޒްމިރަލްދާ ވިދާޅުވިއެވެ.
"ގާނޫނުގެ ވެރިކަން ހިނގާނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް، އަސާސީ ހައްގުތައް ކަށަވަރުކުރެވި، ނުހިނގާ ކަމެއް ހިނގިކަމަކަށް ހަދައިގެން ބަޔަކު އަޅުގަނޑުގެ މައްސަލަ ތަހުގީގު ނުކުރާނެއެވެ." ބަޔާނުގައިވެއެވެ.
މީގެ އިތުރުން އަޒްމިރަލްދާ ވަނީ، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު އަމާޒުވި ފާޑުކިޔުންތަކަށް ޕީއެންސީން ރައްދު ދީފައިވަނީ، ކުރީ ސަރުކާރުގައި އަމަލުކޮށްފައިވާ ގޮތް ދައްކައިގެންކަން ފާހަގަކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޖުޑިޝަރީ ކޮމިޓީގެ ޕީއެންސީއަށް ނިސްބަތްވާ މުގައްރިރު ހުސްނީ މުބާރަކާއި، ޖޭއެސްސީގެ ރައީސަކަށް ހުންނަވާ މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ރިޒާ އާދަމާއި އެ ޕާޓީގެ އިތުރު މެންބަރުން ވެސް ވަނީ މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީން އެ ޕާޓީގެ ސަރުކާރުގައި ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތުގެ ވާހަކަ ދައްކަވައި، މި ސަރުކާރުގެ ފިޔަވަޅުތައް ދިފާއު ކުރައްވައިފައެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ފާސްކުރީ ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމެއްގައި -- ފޮޓޯ/ މަޖިލީސް
އަޒްމިރަލްދާ ވިދާޅުވީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ މަޖިލިހުން ބަޔަކަށް އަނިޔާވެރިވެފައިވާނަމަ، މިހާރު އޮތް 20 ވަނަ މަޖިލީހުން ވެސް އަނިޔާވެރިކަމުގެ ސަގާފަތެއް ދެމެހެއްޓުމަކީ އެ ބޭފުޅުންނަށް ރައްޔިތުން ހަވާލުކޮށްފައިވާ މަތިވެރި ޒިންމާއެއްކަމަށް ދޭހަވާ ކަހަލަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށެވެ.
އެ ކަމަނާގެ މައްސަލަ ޖޭއެސްސީން ތަހުގީގުކުރަން ފެށީވެސް ގާނޫނާ ޚިލާފަށްކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ގާނޫނީ ލަފާވެސް އެއްބަސްވެވޭ ރާގަށް ނެތުމުން ބަލައިގަނެވޭ ކަމަކަށް ޖުޑީޝަރީ ކޮމެޓީއަކަށް ނުވިކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
އަޒްމިރަލްދާ ވިދާޅުވީ، ޖޭއެސްސީއާއި ޖުޑީޝަރީ ކޮމިޓީގައި ގާނޫނީ ޢިލްމު ލިބިވަޑައިގެން ތިއްބެވި ކަމަށް ދައުވާ ކުރައްވާ ބޭފުޅުން ހިމެނޭއިރު، އެހާ ސިއްރިއްޔާތުގައި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަންޖެހުނު ސަބަބަށް ވިސްނާ ފިކުރުކުރަންޖެހޭ ކަމަށެވެ.
"މީގެ ޖަވާބު އަޅުގަނޑަށް ވަރަށް ސާފެވެ. އަޑުއެހުންތައް ހުޅުވާލައިގެން ގެންދެވުނުނަމަ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ދައުލަތުގެ އިދާރާތަކުން އުފައްދާފައިވާ ޚިޔާލީ މައްސަލައެއްކަން ދިވެހި އެންމެހައި ރައްޔިތުންނަށް އޮޅުމެއްނެތި ހާމަވެގެންދާނެއެވެ. މިއީ 19 ވަނަ މަޖިލީހުންވެސް ޢަމަލުކޮށްފައިވާ ގޮތަށް ވުރެ އެތައް ދަރަޖައެއް ހުތުރު ޢަމަލެކެވެ." އެ ކަމަނާގެ ބަޔާނުގައިވެއެވެ.
އަޒްމިރަލްދާ ވަނީ މީގެ ކުރިން ސަރުކާރަށް ކުރެއްވި ތުހުމަތުތައް ތަކުރާރުކުރައްވައިފައެވެ. އެގޮތުން ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ކުރައްވާފައިވާ ތުހުމަތަށް އިތުރަށް ބާރު ދެއްވައި އެ ކަމަނާ ވިދާޅުވީ، އެ ކަމަނާއާއި ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ފްރޭމްކުރުމުގެ އޮޕަރޭޝަނެއްގެ ޝިކާރައަކަށެވެ.
"ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަނީ ހަމައެކަނި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމުގައިވެފައި، އެފަދަ މައްސަލަތަކަކީ އާންމު އުސޫލުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ކަމުގައިނުވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން ސިއްރުކޮށްގެން އަޑުއެހުން ބާއްވައި އަޅުގަނޑުގެ މައްޗަށް ގޮތް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެތައް އަސާސީ ޙައްގުތަކެއް ނިގުޅައިގަތުމަށްފަހުގައެވެ." ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލިސް: މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް
އެ މައްސަލައިގައި އެ ކަމަނާ ހުށަހެޅި ޝަކުވާތައް އެއްވެސް އިދާރާއަކުން ބަލައިފައިނުވާކަން ފާހަގަކުރައްވައި އަޒްމިރަލްދާ ވިދާޅުވީ، މުސްތަގުބަލުގައި ވިޔަސް އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމްކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާޢަތަކުން ޙައްގު އަދަބު ލިބޭތަން ދެކެން އަޅުގަނޑު ބޭނުމެވެ. ދިވެހިރާއްޖެއަށް އަދި ޝަރުޢީ ނިޒާމަށް ހެޔޮގޮތް މިންވަރުކުރެއްވުމަށް އަޅުގަނޑު އަބަދުވެސް އެދެމެވެ." އަޒްމިރަލްދާ ލިޔުއްވާފައިވެއެވެ.
އެ މައްސަލައިގައި ޕީއެންސީގެ 75 މެންބަރުންގެ ތެރެއިން، ޖޭއެސްސީން މައްސަލަ ބެލި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ހަމައެކަނި މެންބަރަކީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު އެކަންޏެވެ. މިއަދު ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވީ ދެ ފަނޑިޔާރުން ވެސް ވަކިކުރުމާ ދެކޮޅަށެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި އދ. އާއި ކޮމަންވެލްތުގެ އިތުރުން، އެކި ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އޭގެ ތެރޭގައި ލޯ އޭޝިޔާއާއި އިންޑިއާގެ ބާ އެސޯސިއޭޝަން ވެސް ހިމެނެއެވެ.
އެ ޖަމިއްޔާތަކުން ގޮވާލާފައިވަނީ ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސައިލާށެވެ. ނަމަވެސް ފަނޑިޔާރުން ވަކިކުރަން މިއަދު ފާސްކުރީ އެ ގޮވާލުންތަކަށް އިޖާބަނުދީއެވެ.