ތިން ބާރު އޮތީ ނަމެއްގައެވެ. 'ރައްޔިތުންގެ' ކިޔަކަސް މަޖިލީސް އެ އޮތީ ސަރުކާރުގެ ބޮޑު މުށުތެރޭ ފިތި ބާރުވެފައެވެ. ފަނޑިޔާރުގެއަށް ކަންތައްވަމުން އެދާ ގޮތް އެންމެން އެބަ ދެކެއެވެ. އެއީ، އިއްތިފާގެއް ނޫނެވެ. ކަނޑައެޅިގެން ބާރުތައް މުށުތެރެއަށް ލެއްވުމެވެ.
ތިން ބާރުގެ މިނިވަންކަން އެބައޮތްހެއްޔެވެ؟
މަޖިލީހުގައި އެ ތިއްބެވި މެންބަރުންނަށް ކިތަންމެ 'ފޫކެހިޔަސް' ނޫނެކޭ ވިދާޅުވެވޭކަށް ނެތެވެ. ފައިސާގެ ނުފޫޒާއި ބާރުވެރިކަމުގެ ގަދަ މަޖުބޫރުގައި ބަނދެވިތިއްބަވައިގެން ނަމަވެސް އެ މެންބަރުން އަމިއްލަ އަތްޕުޅުން ގެންނެވި 'އިސްލާހަ'ކަށް ނުވާ އިސްލާހެއްގެ ބާރުގައި އެ ތިއްބެވީ ބަރުބޮޑު ސަރުކާރުގެ ދަށުވެފައެވެ.
މަޖިލީސް އެ އޮތީ 'ވާ'ވެފައެވެ. ޖަވާބުދާރީކުރުމާއި ޒިންމާދާރުކުރުވުމުން އެއްކިބާވެ، ސަރުކާރުގެ 'ރަބާ ސްޓޭމްޕް' ޖަހާ 'ގުދަނަކަށް' ބަދަލުވެފައެވެ.
ދެން އޮތީ ޝަރީއަތެވެ. މަޖިލީސް މިނިވަންވެދާނެކަމުގެ ބިރު ބޮޑުވެ، ސަރުކާރުގެ ގަދަފަދަކަމަށް ލޮޅުން އަރައިފާނެހެން ހީވީމާ ފަނޑިޔާރުގެއަށް އެ ޒަލްޒަލާ އައުން އެއީ 'އިއްތިފާގެކޭ' ވިދާޅުވެ ނިންމައެއް ނުލެވޭނެއެވެ. ފަނޑިޔާރުންނަށް ވީގޮތާއި އެކަން ހިނގި ވަގުތާއި ހާލަތު ހެކި ދެނީ މުޅިން އެހެން ގޮތަކަށެވެ.
ފަނޑިޔާރުން 'ފްރޭމް'ކުރީތަ؟
ބާރުގައި ތިއްބަވާއިރު ވާދަވެރިން 'ފްރޭމް'ކޮށްފައި އެއްލައިލުމަކީ ދުނިޔޭގެ ސިޔާސީ ތާރީޚުގައި ދިގު މާޒީއެއް އޮތް ކަމެކެވެ. ޕާކިސްތާނުގައި 2007 ވަނަ އަހަރު އެ ގައުމުގެ އޭރުގެ އުއްތަމަފަނޑިޔާރު އިފްތިޚާރު ޗައުދްރީ ސަސްޕެންޑުކޮށްފައި، މައްސަލަ ބަލަން ފެށީ ވެސް ފަހަތުގައި ސިޔާސީ ސަބަބުތަކެއް އޮވެގެންނެވެ.
ތުރުކީގައި 2010 ވަނަ އަހަރު 'ބަޣާވާތެއްގެ' ތުހުމަތުގައި ހައްޔަރުކުރި އެތައް ސަތޭކަ ނޫސްވެރިންނާއި ސިފައިންނެއްގެ ދައުވާގެ ފަހަތުގައި ވެސް 'ސިޔާސީ' ނިޔަތެއް އޮތްކަން ތާރީޚު ހެކިދެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ: އެތައް ކަންބޮޑުވުމެއް އޮއްވައި ދެ ބޭފުޅުން މިއަދު ވަނީ ވަކިކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
ކޮންމެ ވެރިކަމެއްގެ ބާރުވެރިކަމާ އެކު ރާއްޖޭގައި ވެސް މި ކުޅި ކުޅެއެވެ. ކޮންމެ ވެރިކަމާ އެކު ޖަލަށްލައި އެތައް 'ސިޔާސީ' ބޭފުޅުންނާއި އޭގެ ފަހުން ވެރިކަން ބަދަލުވުމާ އެކު އެ ބޭފުޅުން މިނިވަންވާވުމަކީ އެ ކަމުގެ ދިރިހުރި މިސާލެވެ. އެއީ، ގާނޫނު ތަންފީޒުކުރުމުގެ ސާފު ނިޔަތުގެ ބަދަލުގައި ސިޔާސީ ހަޑިނުބައި ރޭވުންތަކުގެ ތެރެއިން ކޮށްފައި ހުރި މުޑުދާރު ކަންތައްތަކެއްކަން އެންމެން ދަނެއެވެ.
މުޅި ސަރުކާރުގެ ހަމަޖެހުމާއި 'މަޖިލީހުގެ ކޮންޓްރޯލް'އާ ގުޅިފައި އޮތް ދުސްތޫރީ މައްސަލައިގެ މެދުން މިވީ ގޮތަކީ އެ ހުތުރު ތާރީޚަށް އިތުރުވި ބޮޅެކެވެ.
މަޖިލީހުން މިއަދު ފަނޑިޔާރުކަމުން މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކޮށް، 'އެއްލައިލި'އިރު ވެސް އެ ބޭފުޅުން ކުރެއްވި ކުށަކީ ކޮބައިކަމެއް ނޭނގެއެވެ. އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަން ސާފުކޮށް އެނގެއެވެ. ދަށު ކޯޓުގެ ފަނޑިޔާރަކަށް މަހާޒް ގުޅުއްވި ކަމަށް ބުނާ ގަޑިއަކީ އިސްމާއިލް ލަތީފް ދޫކޮށްލުމުގެ ފަހެވެ. އެ މައްސަލަ އޭރު އޮތީ ނިމިފައެވެ.
"މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ ވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ފްރޭމްކުރުމުގެ އޮޕަރޭޝަނެއްގެ ޝިކާރައަކަށެވެ،" ވަކިކުރުމާ އެކު އާންމުކުރެއްވި ދިގު ބަޔާނުގެ ތެރޭގައި އަޒްމިރަލްދާ ލިޔުއްވާފައިވެއެވެ.
ފަނޑިޔާރުންތަކެއް ކުއްލި ގޮތަކަށް ވަކިކުރުމާއި އެ ފަނޑިޔާރުން ބަލަމުން އައި ދުސްތޫރީ މައްސަލައާ ގުޅުމެއް ނެތޭ ބުނާ މީހަކަށް އެ އޮތީ ހަގީގަތް އޮޅިފައެވެ. އެ ފަނޑިޔާރުން ބަލަމުން އައި ގާނޫނުއަސާސީގެ އެންމެ ބޮޑު އަސާސްކަމުގައިވި ބާރުތަކުގެ މިނިވަންކަން ނަގާލައި، މަޖިލީސް ބަނދެފައި އޮތް ކަމަށް ބުނާ އިސްލާހުގެ މައްސަލައެވެ. ސަސްޕެންޑުކުރީ ވަގުތީ އަމުރުތަކެއް ނެރެން 15 މިނެޓަށްވެފައި އޮއްވައެވެ.
ބާރުތައް މުށުތެރެއަށް ލީމާ ވަނީ ކިހިނެއް؟
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހިންގަވަނީ ސިޔާސީ ބޭފުޅަކު އަލަށް ހިންގަވާ މަގަކުން ނޫނެވެ. ސިޔާސީ އިލްމުވެރިން އެތައް ދިރާސާއެއް ކުރައްވާފައިވާ މަގެކެވެ. ބާރުގަދަ ވެރިން ބާރުގެ ދަހިވެތިކަމުގައި ހިންގެވިކަން ތާރީޚުން ހެކިދޭ މަގެކެވެ.
މަޖިލީސް އެ އޮތީ ރައީސް އަތްޕުޅުގައެވެ. ފަނޑިޔާރުގެ ވެސް އެ ލައްވަނީ އެ މުއްފުޅުގެ ތެރެއަށެވެ.
ރީތިކޮށްލާފައި 'އިއްތިފާގެކޭ' ވިދާޅުވި ނަމަވެސް ފެންނަނީ ބާރުތައް ޖަމާކުރައްވާ ތަނެވެ. ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް އަސާސް 'މުގުރާލައި' ތަނެވެ. ވަކިވެފައި އޮތް ތިން ބާރުގެ ބަދަލުގައި ބޮޑު އެއް ބާރު ހެއްދެވުމުގެ މަގުމަތީ އުޅުއްވާ ތަނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި ރައީސް މުއިއްޒު: މަޖިލީސް އޮތީ ރައީސްގެ ކޮންޓްރޯލްގައި -- ފޮޓޯ/ މަޖިލީސް
ސިޔާސީ އިލްމުވެރިންގެ ދިރާސާތަކުން އެނގޭ ގޮތުގައި ޑިމޮކްރަސީއަށް އެންމެ ބޮޑު ގޮންޖެހުމަކީ ވެރިން ބާރުތައް ޖަމާކުރައްވަން ކުރައްވާ މަސައްކަތެވެ. ކުރިން އޮކްސްފަޑް ޔުނިވާސިޓީގައި ކިޔަވައިދެއްވި، މިހާރު ޕްރިންސްޓަން ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންޓިސްޓް ނެންސީ ބެއާމެޔޯ ލިޔުއްވާފައިވާ ގޮތުގައި އިންތިޚާބީ ވެރިން 'ޗެކް އެންޑް ބެލެންސް' ނުވަތަ ޖަވާބުދާރީކުރުވުން އެއްކޮށް ނައްތައިލުމުގެ ނަތީޖާއަކީ ވެރިކަންތައް ފާލުން ނެއްޓުމެވެ.
އޭގެ އާޚިރު ނަތީޖާއަކީ ވެރިކަންތައް އަމިއްލައަށް ހަލާކުވުމެވެ.
ފަނޑިޔާރުގޭގެ މިނިވަންކަމަކީ ގައުމެއްގެ ހަމަޖެހުމާ ގުޅިފައި އޮންނަ ކަމެކެވެ. އައްޑުއަތޮޅުގައި ހުރި ހުސޭނުބެއާއި ތުރާކުނުގައި އިން ކަތްދަދައިތަގެ މަސްލަހަތު ވެސް އެ ކަމުގައި އޮވެއެވެ. ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި އެ މީހުންގެ މިނިވަންކަން ހިމާޔަތްކުރާ ތަނަކީ ކޯޓުތަކެވެ. ގާނޫނުއަސާސީ ހިމާޔަތްކުރާ ތަނަކީ ވެސް އެ ފަނޑިޔާރުގެއެވެ. އެ ތަނުގެ މިނިވަންކަމަކީ އެންމެންގެ މަސްލަހަތެވެ.
ޔޭލް ޔުނިވާސިޓީގެ ގާނޫނީ ދާއިރާގެ ޕްރޮފެސަރު ޓޮމް ޓައިލާ ލިޔުއްވާފައިވާ ގޮތުގައި އާންމުން ސަރުކާރުތަކަށް ތަބާވަނީ 'ލެޖިޓިމަސީ' އޮންނައިރެވެ. ޝަރީއަތާއި ފަނޑިޔާރުންނަކީ ސަރުކާރުގެ 'އަޅުންގެ' ގޮތުގައި އާންމުންނަށް ގަބޫލުކުރެވުމުން އެ މީހުން ޝަރީއަތަށް އިހުތިރާމެއް ނުކުރެއެވެ. އެ މީހުން ގާނޫނީ މަގުން ހިނގާކަށް ބޭނުމެއް ނުވެއެވެ.
އޭގެ އާޚިރު ނަތީޖާއަކީ ގައުމު ހަލަބޮލިވުމެވެ. އިންސާފު ހޯދަން މަގުމައްޗަށް ނުކުތުން ނޫން އިތުރު ގޮތެއް ނުފެނުމެވެ.
މިކަން މި ހިސާބުން ނިމެނީއެއް ނޫނެވެ. އިންސާފުގެ އުންމީދު ނެތް ތަނަކަށް އިންވެސްޓަރުންނެއް ވެސް ނާންނާނެއެވެ. އިގުތިސާދީ އަނދަވަޅެއްގައި އޮވެ، ފައިސާގެ އެހީއަށް ސަލާންޖަހާއިރު ބޭރުގެ ގައުމުތަކުން މި ހުރިހާ ކަމެއް ބަލާނެއެވެ. ކަސިޔާރު މަގުން ހިނގާ ވެރިންނަށް އެހީވާނެ ބައިވެރިންނެއް ނުލިބެއެވެ. އޭގެ އާޚިރު ނަތީޖާއަކީ އިގުތިސާދީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ، ފަނޑިޔާރުންނާ މެދު ހިނގި ކަންކަމަކީ އިއްތިފާގެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ދިވެހި ސިޔާސީ މާޒީން މި ކަންކަން ފެނިއްޖެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުވަރީ 7، 2012 ގައި ނިމުނު ގޮތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް މެދުކެނޑުމެއްނެތި ކުރިމަތިވަމުންދިޔަ ބިޔަބޮޑެތި ގޮންޖެހުންތައް އެ ހުރީ ފެންނާށެވެ. އެއީ، ސިޔާސީ އިބުރަތެވެ.
ސިޔާސީ ވެރިން ބާރުތައް މުށުތެރެއަށް ލައްވަނީ ބާރުވެރިކަމުގެ ދިފާއުގައެވެ. އެކަމަކު، ސިޔާސީ ތާރީޚު ހެކިދެނީ އެއީ ބާރުވެރިކަމުގައި އަމިއްލައަށް އެޅުވޭ ކަތުރުފަންޏެއް ކަމެވެ.
ރައީސް މުއިއްޒު އެ ހިންގަވަނީ އެ މަގުންނެވެ. ހުރިހާ ބާރެއް އެ ލައްވަނީ މުށުތެރެއަށެވެ. ސަރުކާރުގެ 'ކޮންޓްރޯލް'އަށެވެ.
ރަޝިއާއާއި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުގައި ބާރުތައް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރައްވައިގެން ވެރިކަން ދިގުކުރެވުނަސް ރާއްޖޭގެ އިގުތިސާދީ ހާލަތާއި ބައްޓަންވެފައި މި އޮތް ސިޔާސީ ނިޒާމުން އެއީ ހަގީގަތާ ދުރު ހުވަފެނެކެވެ. ސިޔާސީ ތާރީޚު ބުނެދޭ ހަގީގަތަކީ އެއީއެވެ.
ބާރުތައް ޖަމާކުރުމަކީ ވެރިކަމެއް ވަރުގަދަވުން ކަމަށް ފެނިދާނެއެވެ. އެކަމަކު، ސިޔާސީ ހަގީގަތް މިހާތަނަށް ދައްކަނީ އެއީ ނިމުމުގެ ފެށުން ކަމެވެ.