ރިޔާޟް (14 މެއި 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގަލްފުގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއުއާ ސައޫދީ އަރަބިޔާގައި ބައްދަލު ކުރައްވައިފިއެވެ.
މިއީ ފާއިތުވި 25 އަހަރު ތެރޭގައި އެމެރިކާގެ ރައީސަކާއި ސޫރިޔާގެ ރައީސަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އަހްމަދުއްޝަރުއު އަކީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދުނިޔެއަށް ނަންމަޝްހޫރު "ޖަބްހަތުއްނުސްރާ" ޖަމާއަތުގެ ކުރީގެ ލީޑަރެވެ.
އޭނާއަކީ އިރާގުގައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި ބޮން ގޮއްވައިގެން މީހުން މެރުމުގެ އެތައް ކުށެއްގައި އިރާގުގެ ކޯޓުތަކަށް ވެސް ބޭނުންވެފައިވާ މީހެކެވެ. "ޖަބްހަތުއްނުސްރާ"އަކީ އަލްގައިދާ ޖަމާއަތުން ވަކިވެގެން އުޅޭ ޖަމާއަތެކެވެ. އެ ޖަމާއަތް ސިފަކުރެވެނީ އައިއެސް ޖަމާއަތުގެ ގޮތްޕެއްގެ ގޮތުގައެވެ.
އަހްމަދުއްޝަރުއު އައިއެސްގައި އުޅުނުއިރު އޭނާ މަޝްހޫރުވެފައިވަނީ އަބޫމުހައްމަދުލްޖޫލާނީގެ ނަމުންނެވެ. އަހްމަދުއްޝަރުއު ސޫރިޔާގެ ވެރިކަމަށް އިސްވީ އަމިއްލައަށެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ފެށި ހަރަކާތްތަކާ ގުޅިގެން އޭނާ ކުއްލި ގޮތަކަށް ގައުމުން ފިއްލަވައިގެން ރަޝިއާއަށް ވަޑައިގަތުމާއެކު އޭނާގެ ޒަމާންވީ އަނިޔާވެރި ވެރިކަން ވެއްޓުމާ ގުޅިގެންނެވެ.
ޓްރަމްޕް، އަހްމަދުއްޝަރުއު އާ ބައްދަލުކުރެއްވުމުގެ ތަންކޮޅެއް ކުރިން ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އިއުލާން ކުރައްވާފައެވެ. ޓްރަމްޕް، އަހްމަދުއްޝަރުއު އާ ބައްދަލުކުރެއްވުމާއި ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ފަހަތުގައިވަނީ މިކަމަށްޓަކައި ގަލްފުގެ ބައެއް ގައުމުތަކާއި ތުރުކީގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް، ގަލްފުގެ ބައެއް ގައުމުތަކަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ސޫރިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ސޫރިޔާ ވަނީ އެމެރިކާއަށް ހުޅުވާލާފައިވާ ކަމާއި ސޫރިޔާ އޮތީ އެގައުމުގައި ޓްރަމްޕް ޓަވަރުގެ ނަމުގައި ޓަވަރެއް އެޅުމުގެ ފުރުސަތު ދޭން ތައްޔާރަށްކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލާ އެކު ސުލްހަވެރި ގުޅުމެއް ބާއްވަން ބޭނުންކަމާއި އީރާނާދެކޮޅަށް މަސައްކަތްކުރަން ސޫރިޔާ އޮތީ ތައްޔާރަށް ކަންވެސް އެބަޔާން ބުނެއެވެ.
އިސްރާއީލު ގެންދަނީ އެއްވެސް ހައްގަކާ ނުލައި ސޫރިޔާއަށް ބޮންއަޅައި ސޫރިޔާގެ އާންމުން މަރަމުންނެވެ. އަދި އިސްރާއީލުވަނީ އެކި ފަހަރުމަތިން ބޮންއަޅައި ސޫރިޔާގެ ސިފައިންގެ ލަޝްކަރުތައްވެސް ފުނޑުފުނޑު ކޮށްލާފައެވެ. އަދި އިސްރާއީލުވަނީ 1967 ވަނަ އަހަރު ސޫރިޔާގެ ގޯލާންގެ ބިންތައް ހިފައި އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ.