ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރު ކުރުމަށް ޓަކައި "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ޕްރޮގްރާމް 2027ވަނަ އަހަރުގެ ނިޔަލަށް ކުރިޔަށް ގެންދާނެއެވެ. އެ އޮފީހުން ބުނީ މި ޕްރޮގްރާމަކީ ރައީސް އޮފީހުގެ ޕޮލިޓިކަލް އެފެއާޒް އޮފީސް (ޕީއޭއޯ)ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕާފޯމަންސް މެނޭޖްމަންޓް (ޕީއޭޕީއެމް) ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި) އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް މިއަދު ފެށިއިރު، ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކިންގް ސަލްމާން މިސްކިތުގައެވެ.
ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ އަފީފް ހުސައިންއެވެ.

އަފީފް ހުސައިން: އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ އަފީފުގެ މައުޟޫއު ޚާއްސަ ކުރައްވާފައިވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ސަގާފަތެއްގެ ތެރެއިން ގައުމުގެ ތަސައްވުރު ބަދަލުކުރުމުގެ މައްޗަށް ކަމަށެވެ.
މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ދައުލަތުގެ މުވައްޒަފުން، ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލި ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި، ސެމިނާ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރިއްޔާއިން ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރަން ޕްރޮގްރާމެއް ފެށިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.
މި މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، އެ މައުލޫމާތުތައް ސިއްރުކޮށްފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓުގައި މައްސަލަ އޮތްކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ވަގުތުން އެ މައުލޫމާތު ހާމަނުކުރެއްވުނު ނަމަވެސް މާ ލަސްނުކޮށް ހާމަކުރައްވާނެ ކަމަށް އެ ދުވަހު ވިދާޅުވިއެވެ.
އެހެން ނަމަވެސް އަދިވެސް އެ މައުލޫމާތު ހާމައެއް ނުކުރައްވައެވެ.
ކޮންމެ ސަރުކާރެއްގައި ވެސް، ތައުލީމީ ގާބިލުކަން އިސްކަން ނުދީ، ބޮޑު މުސާރަ ލިބޭ ގޮތަށް ސިޔާސީ މީހުން އައްޔަން ކޮށްފައި ތިބުމަކީ އާންމު ޝަކުވާއެކެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމު 700އަށް ވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާއެކު ކަމުގައިވީ ނަމަވެސް މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000އަށް ވުރެ ވެސް އިތުރު ކަމަށް އިދިކޮޅުން ލަފާކުރެއެވެ.