ތަފާތު ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުން "މޫސުން"ގެ ނަމުގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިއެވެ.
ޑާކްރެއިން އިން މިހާރު ޝޫޓިންގެ މަސައްކަތް ފަށާފައިވާ މޫސުންގެ ބައެއް މަންޒަރުތައް ވަނީ އާންމުކޮށްފައެވެ. އަލަށް ތައްޔާރު ކުރަމުން އަންނަ ޕްރޮޖެކްޓަކީ ވެބް ސީރީޒް އެއް ކަމަށް ޑާކްރެއިން އިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކި ޒަމާންތަކުގެ މަންޒަރުތައް ދައްކުވައިދޭ މި ވެބް ސީރީޒް އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އުފެއްދުމެކެވެ. ޗިއްޕެއަކީ މި ފަހަކަށް އައިސް ގިނަ ޝޯތަކެއް އުފައްދަމުން އަންނަ ޑައިރެކްޓަރެކެވެ. ޗިއްޕެ ވަނީ މިއަހަރުގެ ތެރޭގައި ވެސް ވަރުގަދަ ޝޯތަކެއް މީގެ ކުރީން އުފައްދާފައެވެ. އޭގެތެރޭގައި "ފެށުމާއި ނިމުން"ގެ އިތުރުން "ރޯލީމޭ" ހިމެނެއެވެ. މި ދެ ޝޯއަކީވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ދެ ޝޯއެވެ. އެހެންވީމާ އަލަށް ނެރެން އުޅޭ ސީރީޒް އަކީވެސް ލޯބީގެ ވާހަކަތަކެއް ކިޔައިދޭނެ ސީރީޒްއެއް ކަމަށް ބެލެވެއެވެ.
އަލަށް ނެރޭ ސީރީޒް އަކީ 10 އެޕިސޯޑުގެ ސީރީޒްއެކެވެ. އަދި މި ސީރީޒް އާންމުންނަށް ފެނިގެންދާނީ މީޑިއާނެޓްގެ އެމްއެސްކްލަބުންނެވެ.
މޫސުންގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ މުހައްމަދު މަނިކާއި ރަޒާން ރާމިޒާއި މުހައްމަދު މަޒީންގެ އިތުރުން ހުސައިން ސާމީއެވެ. އޭގެއިތުރުންވެސް އައިމިނަތު ޝުހާ އާއި އަލީ ޝަޒްލީމް އާއި އައިޝަތު ގުލްފާ އަދި މުހައްމަދު ވިޝާލް ވެސް މި ސީރީޒް އިން ފެނިގެންދާނެއެވެ.
މި ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި މި ޝޯ ދައްކަން ފަށާނެ ކަމަށް ޑާކްރެއިން އިން ވަނީ އިޝާރާތް ކޮށްފައެވެ.