އެމެރިކާއާއި ގަތަރާ ދެމެދު 1.2 ޓްރިލިއަން ޑޮލަރުގެ އެއްބަސްވުން ހަދާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
އޭގެތެރޭގައި ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކާއި، ހަކަތައާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެއްބަސްވުންތައް ހިމެނެއެވެ.
"މިއަދު ރައީސް ޑޮނަލްޑް ޓްރަމްޕް ގަތަރާއެކު މަދުވެގެން 1.2 ޓްރިލިއަން ޑޮލަރުގެ އިގުތިސާދީ ބަދަލުތަކެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވި،" ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އެއްބަސްވުންތަކުގެ ސަބަބުން ޖީލުތަކެއް ވަންދެން އާ އުފެއްދުންތައް އިތުރުވެ، އެމެރިކާގެ އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ލީޑަޝިޕް ވަރުގަދަވެ، އެމެރިކާ އާ ރަންޒަމާނަކަށް ގެންދެވޭނެ ކަމަށެވެ.
ބޮއިންގް-ގަތަރު އެއާވޭސްގެ ޑީލާއި އެހެނިހެން އިންވެސްޓްމަންޓްތައް
އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުނި، ބޮއިންގް އާއި ޖީއީ އެއަރޮސްޕޭސްއިން ގަތަރު އެއާވޭސްއާއެކު 96 ބިލިއަން ޑޮލަރުގެ ބޮޑު އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެ އެއާލައިނުން އެމެރިކާގައި އުފައްދާފައިވާ 210 ބޮއިންގް 787 ޑްރީމްލައިނާ އާއި 777އެކްސް ބޯޓު ގަންނަން ވަނީ ނިންމާފައެވެ.
މިއީ ބޮއިންގްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ވައިޑްބޮޑީ އެއާކްރާފްޓް އޯޑަރެވެ. އަދި 787 މޮޑެލްއަށް ވެސް އެންމެ ބޮޑު އޯޑަރެވެ. އެއްބަސްވުމުގެ ސަބަބުން އެމެރިކާގައި ޖުމްލަ އެއް މިލިއަނަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށްވެސް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
ވައިޓް ހައުސްއިން އިތުރަށް ބުނީ ގަތަރުން ޖޮއިންޓް ވެންޗާއިން ފޯރުކޮށްދޭ އެންމެ ޒަމާނީ ކުއަންޓަމް ޓެކްނޮލޮޖީތަކާއި ވޯކްފޯސް ޑިވެލޮޕްމަންޓަށް އެއް ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓް ކުރާނެ ކަމަށެވެ.
އެ އެއްބަސްވުންތައް އިއުލާނުކޮށްފައި ވަނީ ގަލްފުގެ ހަތަރު ގައުމަކަށް ޓްރަމްޕް މިހާރު ކުރައްވާ ދަތުރުފުޅުގައި އިއްޔެ ގަތަރަށް ވަޑައިގެންނެވުމަށްފަހުއެވެ.
ގަޠަރުގެ އިތުރުން ޓްރަމްޕް ވަނީ ސައުދީ އަރަބިއާއަށް ވަޑައިގެން އިގުތިސާދީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.