ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް

ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް ވަޑައިގަތުން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ޙައްޖުގެ އަޅުކަމަށްދާ ޙައްޖުވެރިންނަށް އަލަށް ތައާރަފުކުރާ މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީ އަރަބިއާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ރާއްޖެއަށް ވަޑައިގަތީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމުގައި މަސައްކަތްކުރައްވާ އެޑްވާންސް ޓީމެއް ކަމަށެވެ.

އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މަރުޙަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އެ މިނިސްޓްރީގެ އޮފިޝަލުންނެވެ.

ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް ވަޑައިގަތުމުން މިނިސްޓަރު ޝަހީމް މަރުޙަބާ ދަންނަވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓްރީން ބުނީ، މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ މި މަހުގެ 26 ވަނަ ދުވަހެވެ.

މައްކާ އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީން ރާއްޖެއަށް ވަޑައިގެން ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެއާއެކު، މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެއްކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް ވަޑައިގަތުމުން މިނިސްޓަރު ޝަހީމް މަރުޙަބާ ދަންނަވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.

https://sun.mv/205823

މި އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ.

comment ކޮމެންޓް