އަމްބާނީގެ ގޭގެ އެއް މަހުގެ ކަރަންޓު ބިލުން އެކަނި ވެސް އަގުބޮޑު ކާރެއް ގަނެލެވޭނެ

މުކޭޝް އަމްބާނީގެ އަގުބޮޑު މެންޝަން 'އެންޓިލިއާ' އަދި މުކޭޝް އަމްބާނީ އަންހެނުން ނީތާ އަމްބާނީއާ އެކު--ފޮޓޯ/ފޭސްބުކް

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭ ހިމެނޭ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ މުމްބާއީގައި ހުންނަ އެންޓިލިއާ ގޭގެ އެއްމަހުގެ ކަރަންޓު ބިލުން އެކަނި ވެސް އަގުބޮޑު ކާރެއް ގަނެލެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މުކޭޝް އަމްބާނީގެ އާއިލާ އިންޑިއާގެ މުމްބާއީގައި ދިރިއުޅެމުން އަންނަ 27 ބުރީގެ އަގުބޮޑު ގެ, އެންޓިލީއާ އަކީ އަބަދުވެސް ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާ އަގުބޮޑު ހަވޭލީއެކެވެ.

ހަތަރު އަހަރު ދުވަހުގެ ބުރަ މަސައްކަތަށްފަހު މި އަގުބޮޑު މެންޝަން އަކީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން އެކި ގޮތްގޮތުން ހޯދަމުން އަންނަ ގަނޑުވަރެއް ފަދަ ގެއެކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ޕްރައިވެޓް ރެސިޑެންސްގެ މަގާމާއެކު އެންޓިލިއާ ވަނީ ދުނިޔޭގެ ޖިނިއަސް ވޯލްޑް ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފައިވާ މުކޭޝް އަމްބާނީގެ އާއިލާ ދިރިއުޅެން ބިނާކޮށްފައިވާ މި މެންޝަންއަކީ ދިރިއުޅެން ބިނާކުރި ގެއަކަށްވުރެ ބޮޑަށް މުއްސަނދި ލަގްޒަރީ ދިރިއުޅުން ދައްކުވައިދިނުމުގެ އިތުރުން މުކޭޝްގެ އާއިލާއަށް ޓަކައި އޭނާވީ ގުރުބާނީ ރަމްޒުކޮށްދޭ މެންޝަންއެކެވެ.

އެތަކެއް ސުވިމިންގް ޕޫލްތަކާއި، މިނިވަންކަމާ އެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދޭވެނެ ތިއޭޓަރަކާއި، ސްޕާ، ސްނޯ ރޫމް އަދި މުކޭޝްގެ އާއިލާއަށް ހާއްސަ ހެލިކޮޕްޓަރުތައް ޖެއްސުމަށް ތިން ހެލިޕެޑްސް މި މެންޝަންގައި ވަނީ ގާއިމުކޮށްފައެވެ.

އެންޓިލިއާ ގޭގެ އެތެރޭގެ ބައެއް މަންޒަރުތައް--ފޮޓޯ/ފޭސްބުކް

މި މެންޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަށް ބަލާއިރު މުޅި އެކު 600 މުވައްޒަފުން މި މެންޝަންގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރެއެވެ. ހަމައެއާއެކު މުޅި އެކު 160 ކާރު އެންޓިލިއާއަށް ހާއްސަކޮށް ގަނެފައިވެއެވެ. މި ހުރިހާ ކަމަކާ އެކު ވެސް އާއްމުންގެ ސަމާލުކަން ދާދިފަހުން ލިބުނީ އެންޓިލިއާގެ ކަރަންޓު ބިލަށް އަރާ އަދަދު އެނގުމުންނެވެ.

އިންޑިއާގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެންޓިލިއާގެ ފުރަތަމަ ކަރަންޓު ބިލު ލިބުނުއިރު ބިލަށް އަރާފައިވާ އަދަދު 70 ލައްކަ ރުޕީސް (84،015 އެމެރިކާ ޑޮލަރު)އެވެ.

މިއީ އިންޑިއާގެ އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހަކަށް އެ ޤައުމުން ބީއެމްޑަބްލިޔު ކާރެއް ގަނެލެވޭނެ އަދަދު ކަމަށްވާއިރު އެންޓިލިއާ ފަދަ މުއްސަނދި މަހުޖަނެއްގެ ގޭގެ ކަރަންޓު ބިލަށް މި އަދަދު އެރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

އަމްބާނީގެ އާއިލާއިން އެންޓިލިއާގެ 27 ވަނަ ފަންގިފިލާގައި ދިރިއުޅެމުން އަންނައިރު މި ފަންގިފިލާގައި ހުންނަ މީހަކަށް މުމްބާއީގެ ކަނޑު ގިރާކުރުމަށްފަހު އޮންނަ ޢަރަބި ކަނޑުގެ ހިތްގައިމު މަންޒަރު ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް