އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އީރާނުގެ ލީޑަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ ފަރާތުން ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ ޓްރަމްޕްގެ ބައެއް ވާހަކަފުޅުތަކަކީ ޖާވާބުދާރީވާ ކަހަލަ ވާހަކަފުޅުތަކެއްވެސް ނޫން ކަމަށެވެ.
"އެ ވާހަކަތަކުގެ ފެންވަރު އެހާ ދަށް ކަމުން އެއީ އެ ވާހަކަތައް ދެއްކި މީހާއަށް ލިބުނު ބަދުނާމެއް އަދި އެމެރިކާއަށް ލިބުނު ބަދުނާމެއް،" ޚާމަނާއީ ވިދާޅުވިއެވެ.
ޚާމަނާއީ އިތުރަށް ވިދާޅުވީ ފަލަސްތީނާއި ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ހަމަނުޖެހުން ހިންގުމަށް އެމެރިކާއިން ވާގިވެރިވާއިރު، ސުލްހަ ގާއިމުކުރުމަށް ބާރުގެ ބޭނުންކުރައްވާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި އިސްރާއީލަކީ "ނުރައްކާތެރި ކެންސަރު ޓިއުމަރެއް" ކަމަށާއި އެ ޓިއުމަރު ޖެހޭނީ ނަގަން ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ.
މީގެ އިތުރުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ހޮނިހިރު ދުވަހު ނޭވީ އޮފިސަރުންގެ އެއްވުމެއްގައި ވިދާޅުވީ ސުލްހައިގެ މެސެޖްތައް ޓްރަމްޕް ދެއްވާއިރު، އަނެއްކޮޅުން ނަސްލު ނައްތާލާނެ ކަމުގެ އިންޒާރުވެސް ދެއްވަމުން އަންނަ ކަމަށެވެ.
"މި ރައީސްގެ ކޮން ވާހަކައެއްތޯ އަޅުގަނޑުމެން ގަބޫލުކުރަންވީ؟ އެ މަނިކުފާނު ދެއްވާ ސުލްހަވެރިކަމުގެ މެސެޖްތޯ، ނުވަތަ އިންސާނުން ޤަތުލުކުރުމުގެ މެސެޖްތޯ؟" ޕެޒެޝްކިއަން ވިދާޅުވިއެވެ.
އަދި ޓްރަމްޕް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމަކީ ބައިނަލްއަގްވާމީ ގޮތުން ފާޑުކިޔުން އަމާޒުވި ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ "މަކަރުވެރި ވާހަކަތަކެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި ފަލަސްތީނަށް ހަމަލާދިނުމަށް އިސްރާއީލަށް ތާއީދުކޮށް، ސޫރިއާއަށް ހަމަލާދީ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ އިންޒާރުތައް ދީފައި ވަނީ އެމެރިކާއިން ކަމަށް އައްބާސް ވިދާޅުވިއެވެ.
އިންޑޮނޭޝިއާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ކޮންފަރެންސެއްގައި ތަގުރީރު ކުރައްވަމުން އީރާނުގެ ޕާލަމެންޓްގެ ވެރިޔާ މުހައްމަދު ބަޣްރް ޣަލިބާފް ވިދާޅުވީ ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވަނީ އެމަނިކުފާނު ދިރިއުޅުއްވަނީ "އޮޅުމެއްގެ ތެރޭގައި" ކަމަށެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރު ހުސައިން ސަލާމީ ވިދާޅުވީ އީރާނުގައި ރީތި ބިމެއް އޮތް ނަމަވެސް ފަޚުރުވެރިވަނީ އަޚްލާގާއި އައިޑެންޓިޓީއާއި ސަގާފަތާއި އިސްލާމްދީނުގެ މަތިވެރިކަމާ މެދު ކަމަށެވެ.
އީރާނު ލީޑަރުންގެ ފާޑުކިޔުން ޓްރަމްޕަށް އަމާޒުވެފައި ވަނީ މެދުއިރުމަތީގެ ތިން ގައުމު ކަމަށްވާ، ސައުދީ އަރަބިއާ، ޤަޠަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިދިޔަ ހަފްތާ ކުރެއްވި ދަތުރުފުޅުގައި އީރާނަށް އަމާޒުކުރައްވައި ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ސުލްހަވެރި ހައްލެއް ބޭނުންވާ ކަމަށާއި ފިޔަވަޅު އެޅުމުގެ އިޚުތިޔަރު މިހާރު އޮތީ ޤަޠަރަށް ކަމަށް ދޯހާގައި ހުންނަވައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ބޭނުންފުޅު ވަނީ އީރާނާއެކު ޑީލެއް ހަދަން ކަމަށާއި ނަމަވެސް އީރާނުގެ ލީޑަޝިޕުން އެކަން ނުކޮށްފިނަމަ، ''މެކްސިމަމް ޕްރެޝަރެއް'' ދިނުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ގެންގުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.