ބޯޅަ ހިފައިގެން، ޕާކަށް ކުޅެން ފައިބާ ހަމަ ކޮންމެ ފަހަރަކު 'ޕޮލިހުންނަށް ގުޅާނެ' ކަމަށް ބުނެ ބިރު ދައްކައި، ފޮނުވާލަނީ ކަމަށް ކުދި ބަޔަކު ބުނާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ހުޅުމާލޭގެ ފްލެޓެއްގައި ދިރިއުޅޭ ބެލެނިވެރިއަކު ބުނި ގޮތުގައި ދެތިން ފަހަރަކު ޕޮލިހުން ގެނެސް ކުޅުން ހުއްޓުވައި ވެސް ފިއެވެ.
އާންމު ގޮތެއްގައި ހަވީރުގެ ވަގުތަކީ ހުޅުމާލޭގެ ފްލެޓްތައް ހުންނަ ސަރަހައްދުތަކުގައި ހުންނަ ޕާކުތަކަށް ކުޑަކުދިން، ކުޅެ މަޖާކޮށްލަން އެއްވާ ވަގުތެވެ. ނަމަވެސް ފާއިތުވި ދެތިން ހަފުތާގައި އެ ކަމަށް ބައެއް މީހުން ހުރަސް އަޅާކަމުގެ ކަންބޮޑުވުން ބައެއް ބެލެނިވެރިން އަންނަނީ ކުރަމުންނެވެ.
އެގޮތުން އިއްޔެ ވެސް ކުދިން ކުޅެން ފޭބުމާއެކު އެ ކުދިންނާ ޒުވާބުކޮށް، ފުލުހުން ގެނެސްފައިވާކަމަށް ބެލެނިވެރިއަކު "ސަން"އަށް ކިޔައިދިނެވެ.
ނަމަވެސް މިއީ ސީރިއަސް މައްސަަލައެއްގެ ގޮތުގައި އެ ބެލެނިވެރިން ސިފަކުރެއެވެ. ސަބަބަކީ ކުޑަކުދިންގެ ހިތްހަމަޖެހުމަށް ހުންނަ މިފަދަ ތަންތަނަށް ކުޅެ ސަކަރާތްޖަހަން ފޭބުމުން އެ ކަމަށް ހުރަސް އަޅާ ބަޔަކަށް ބޮޑެތި މީހުން ވުމެވެ.
"މި ތަނުން އެ ކަން ހުއްޓުވާ އެކަކު ބުނި އަހަރެން ދަރިފުޅު ގާތު ބޯޅަ ވެސް ފަޅައިލާނަމޭ. 800 ރުފިޔާ ދީފައި އަހަރެން ދަރިފުޅަށް ގަތް ބޯޅައެއް އެއީ،" ބެލެނިވެރިއަކު ބުންޏެވެ.
ކުދިން މި ތަންތަނުން ދުރުކޮށް، އެހެން ޕާކަކަށް ދާން އެ ކަން ހުއްޓުވާ ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ ވެސް ހައްލެއް ނޫން ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.
"އެ ފްލެޓެއް ކައިރި ހުންނަ ޕާކަކަށް އެ ހިސާބަކު ދިރިއުޅޭ ކުދިން މި ފައިބަނީ. އެހެންވެ އަދި މި ހިސާބުގައި އުޅޭ ކުދިން އެހެން ޕާކަކަށް ދިޔަޔަސް އެ ތަންތަނުގައި އެ ކުދިން ބައިވެރިނުކޮށް ކުޅެނީ،" ބެލެނިވެރިއަކު ކިޔައިދިނެވެ.
މި ކަން ހުއްޓުވާ ބައެއް މީހުން ބުނި ގޮތުގައި، މި ޕާކުތަކަކީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅުން އެޗްޑީސީން މަނާކޮށްފައިވާ ތަންތަނެވެ. އަދި ހަމައެކަނި ހިނގައި އިށީނދެލަން ހުންނަ ތަންތަނެވެ.
އެހެންވެ، ހުސްކޮށް ހުރި ޖާގަތަކުގައި ޖޯލި ވެސް ވަނީ ބަހައްޓައިފައެވެ.

ޕާކުގެ ހުސް ޖާގަތަކުގައި ޖޯލި ބަހައްޓައިފައި --
ގިނަ ބެލެނިވެރިންގެ ވިސްނުމުގައި މި ތަންތަނުގައި ކުދިން ކުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ކަންކުރަން ވާނީ އެހެން މީހުންނަށް ބެލުމާއި، އިހުތިރާމް ކުރުމުގެ މުހިންމުކަން ބުނެދީގެންނެވެ.
ޕާކުތަކުގައި ކުޅުން އެޗްޑީސީން މަނާކޮށްފައިތަ؟
ހުޅުމާލޭ ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވިސްނުމަކީ ވެސް ހުޅުމާލެއަކީ އެންމެނަށް ހިތްފަސޭހަ ތަނަކަށް ހެދުމެވެ. އެގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕީއާރު ހަސަން ޝަހީދު ވިދާޅުވީ ފްލެޓުތައް ތަރައްގީކުރިއިރު ފްލެޓުތައް މެދުގައި ތަރައްގީކޮށްފައި ހުރި ކުދި ޕާކުތަކަކީ، ހުރިހާ އުމުރެއްގެ މީހުން ވެސް ހިތްހަމަޖައްސަން ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކުރުމުގެ ވިސްނުމުގައި ތަރައްގީކުރި ތަންތަން ކަމަށެވެ.
އެ ތަންތަނުގައި ކުޑަކުދިން ކުޅިވަރު ކުޅުމަކީ އެޗްޑީސީން އެއްވެސް އިރަކު މަނާކޮށްފައިވާ ކަމެއް ނޫންކަމަށާއި، އެ ވިސްނުން ނުވެސް ގެންގުޅޭ ކަމަށް ޝަހީދު ވިދާޅުވިއެވެ.
"އެޗްޑީސީން އެއްވެސް އިރަކު މަނާކޮށްފައިވާ ކަމެއް ނޫން އެއީ. ކުޑަކުދިން ހިތްހަމަ ޖައްސައިލުމަށް އެ ފަދަ ތަންތަން ހުންނަނީ. އެ ކަންކަން ކުރުމުގައި އެންމެނަށް ވެސް ދަތިނުވާނެހެން އެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ތަންތަނުގައި ކުދިން އެއްވެ ކުޅުން މަނާކުރުމަކީ ވެސް އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"ނަމަވެސް ކުޅޭއިރު، ފްލެޓެއްގެ ކުޑަދޮރެއް ތަޅައިގެންދާހާ ބާރަށް، ނުވަތަ އެ ނޫން ވެސް ގެއްލުމެއް ނުލިބޭނެހެން ބަލައިގެން އުޅުން އެއީ ހަމަ ބެލެނިވެރިން ވެސް ނަސޭހަތްތެރިވުން މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޕާކުކުރުން މަނާ، އެކަމު ފްލެޓުތައް ތެރެ ވެސް ކާރުން ފުރިފައި!
މީގެ އަށްވަރަކަށް އަހަރުކުރިން ހުޅުމާލެއަކީ ވެހިކަލްގެ ތޮއްޖެހުން މާ ބޮޑު ތަނެއް ނޫނެވެ. ނަމަވެސް ސިނަމާލެ ބްރިޖު ހުޅުވި، މާލެއާއި ހުޅުމާލެ އެއްގަމު މަގުން ގުޅުމާއެކު އެ ކަން މުޅިން ބަދަލުވިއެވެ. ގިނަ ބަޔަކު ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓުތަކުގައި އާބާދުވާން ފެށުމާއެކު ހުޅުމާލެ ވެސް އުޅަނދުފަހަރުން ތޮއްޖެހެން ފެށިއެެވެ.
އެ މަންޒަރު ހުޅުމާލޭގެ ހުރިހާ މަގަކުން ވެސް ވަރަށް ސާފެވެ. މަގުގެ ދެފަރާތުގައި ސައިކަލާއި ކާރު ޕާކުނުކުރާ ހުސް މަގެއް ނެތެވެ. މަގުތައް ފުރި، ހިތްހަމަޖައްސަައިލަން މީހުން ފައިބައި، ކުދިން ކުޅެ ހަދަން ފައިބާ ހުސް ޖާގަ ވަށައިގެން ވެސް ހުންނަނީ ކާރު ޕާކުކޮށްފައެވެ. ސައިކަލަށް ޚާއްްސަ ޕާކިންތަކުގައި ވެސް ހުންނަނީ ކާރެވެ. މިއީ ކުދިންނަށް މިނިވަންކަމާއެކު ކުޅެ، މަޖާކޮށްލުމުގެ ފުރުސަތު ގެއްލޭ އެއް ސަބަބެވެ.

ފްލެޓުތައް ހުންނަ ސަަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭހެން ބޮލާޑް ޖަހައިފައި -- ސަން ފޮޓޯ
މި މައްސަލަ ބޮޑުވުމާއެކު، ކާރަށް ނުވަދެވޭހެން ފްލެޓްތައް އެތެރެއަށް ވަދެވޭ މަގުތަކުގައި ހުންނަނީ ބޮލާޑް ޖަހައި ބަންދު ވެސް ކޮށްފައެވެ. އެކަމަކު، އެ ގޮތަށް ހުރިހާ ތަނެއްގައި ބޮލާޑް ޖަހައި ބަންދުކުރުމަކީ ވެސް މި ކަމަށް އޮތް ހައްލު ނޫންކަމަށް ޝަހީދު ވިދާޅުވިއެވެ. އެއީ، ކުއްލި ހާލަތްތަކުގައި އެމްބިއުލާންސް ފަދަ އެމަޖެންސީ ޚިދުމަތްދޭ ވެހިކަލްތައް އެެތެރެއަށް ވަންނަން ޖެހޭތީ އެ ފުރުސަތު ދޭން ބައެއް ތަންތަން ހުޅުވައިފައި ހުންނަން ޖެހޭތީއެވެ. އެ ތަންތަނުން ކާރުތަކަށް ވަދެވެއެވެ.
"ބޮލާޑް ޖަހައި ބަންދުކޮށްފައި ހުންނަނީ ވެސް ފްލެޓްތައް އެތެރޭ ގާ އަތުރައިފައި މި އޮންނަ ސަރަހައްދަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް. އެ ކަމަކު ވެހިކަލް އިތުރުވެ، ޕާކިން ޖާގައިގެ ދަތި މިއަދު ހަމަ ފެންނާނެ ހުޅުމާލޭގައި ވެސް ވަރަށް ބޮޑަށް. އެ ދައްޗާއެކު ހައްލުނުވެ މި އޮތީ،" އޭނާ ފާހަގަކުރެއްވިއެވެ.

ބޮލާޑް ޖަހައިފައި ހުއްޓަސް، ނެތް ދިމަދިމާއިން ކާރު ވައްދައި މުޅި ސަރަހައްދު ކާރު ޕާކިންއަކަށް ވަނީ ހަދައިފައި -- ސަން ފޮޓޯ
މި ފަދަ އެތައް މައްސަަލައަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ވެސް ގިނައެވެ.
ޝަހީދު ވިދާޅުވީ އެޗްޑީސީގެ މެނޭޖުމަންޓުން އެ ކަންކަމަށް ހައްލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ވަގުތު ވެސް ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ ހުޅުމާލޭގައި ހުރި ހުސް ޖާގަތައް، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިތްފަސޭހަ ޖާގަތަކަކަށް ހެދުމަށް ރާވަންޖެހޭ ކަންކަން ރޭވުން ކަމަށެވެ. އަދި އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަަވައިލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.
ހާސްކަމާއި، ނުތަނަވަސްކަމުން ފުރިފައިވާ ތަނެއްގައި ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކޮށްދޭން ޖެހެއެވެ. ކުޑަކުދިންގެ އުފާވެރިކަމަށް ހުރަސް އަޅަން ނިކުންނަ ބަޔަކަށް ވުމަކީ ނާތަހުޒީބު ވިސްނުމެކެވެ. ކުޑަކުދިންނަށް ކުޅުމުގެ ފުރުސަތު ވެސް ދޭންޖެހެއެވެ. އިސްރަށްވެހިންނަށް ހިނގާލުމުގެ ފުރުސަތު ވެސް ދޭންޖެހެއެވެ. އުފާވެރިކަމާއި، ރައްކާތެރިކަން ލިބިގަތުމަކީ އެންމެންގެ ވެސް ހައްގަކެވެ. ނަމަވެސް އެ ކަން ކުރަންވާނީ އެއް ބައެއްގެ ހިތްހަމަޖެހުމަށް ހުރަސް އަޅައިގެންނެއް ނޫނެވެ.