ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން، އެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ކުރުމަށް ބާއްވާ 'އޭވިއޭޝަން ފޯރަމް' މި މަހުގެ 27ގައި ބާއްވަން ނިންމައިފިއެވެ.
މި އެކްސްޕޯ އިންތިޒާމުކުރަނީ މޯލްޑިވްސް މެރިން އެކްސްޕޯއާއި މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ފަދަ ހަރަކާތްތައް ވެސް އިންތިޒާމުކޮށްފައިވާ މީޑިއަމް އިވެންޓްސްއިންނެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައިވަނީ އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހަފުތާގެ އަންގާރައިގައި، ހުޅުލޭ އައިލެންޑް ހޮޓެލްގައި ކަމަށެވެ.
މި ހަރަކާތް ބާއްވަނީ އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ) އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފަދަ، މި ދާއިރާގެ ނުފޫޒުގަދަ ޖަމިއްޔާތަކުގެ ތާއީދާ އެކުގައެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ)އިން ހެދި ދިރާސާއެއްގައި ވަނީ، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އޭވިއޭޝަން ސިނާއަތް 154 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2038 ވަނަ އަހަރާ ހަމައަށް އިތުރު 4.7 މިލިއަން ފަސިންޖަރުން ފުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޑިއަމް އިވެންޓްސްއިން ބުނެއެވެ. މި ކަން ހަގީގަތަކަށް ވެއްޖެނަމަ، ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރު ގައުމީ ޖީޑީޕީއަށް އިތުރުވެ، 92،000 ވަޒީފާ އުފެދޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.
މީޑިއަމް އިވެންޓްސްއިން ބުނީ އޭވިއޭޝަން ފޯރަމް ފަރުމާކޮށްފައިވަނީ އެ ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް އަމާޒުކޮށްގެން ކަމަށެވެ. އެއީ އޮޕަރޭޝަންތަކާއި، ސިޔާސަތު އެކުލަވާލުމާއި، ސަލާމަތީ މިންގަނޑުތަކާއި، އާލާތްތަކާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ގޮތުންނެވެ.
މި ފޯރަމްގެ މަގުސަދަކީ، އެ ގޮންޖެހުންތަކަށް އަމަލީގޮތުން ހައްލުތަކެއް އުފެއްދުމާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމުގައި ބިންގަލެއްގެ ދައުރު އަދާކުރުމެވެ.