ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލޭގައި ހިންގާ ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް، ވަރަށް އަވަހަށް ހުޅުވަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލޭގައި ހުޅުވި ސްމާޓް ސްޓޯރަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެއްވެސް ކޭޝިއަރަކާ ނުލައި ޚިދުމަތް ދޭގޮތަށް ހުޅުވި ފުރަތަމަ ފިހާރައެވެ.
ރޭ ނަސަންދުރައިގައި ބޭއްވި އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ވިދާޅުވީ، އެތަން ފާމާސީއަކަށް ބަދަލު ކުރުމަށް ނިންމީ ހުޅުމާލޭ ހޮސްޕިޓަލަށް ދާ ބަލި މީހުންނަށް ރަނގަޅު ފެންވަރުގައި ޚިދުމަތް ދޭނެ ފާމަސީއެއް ނެތް ކަމަށް ބުނެ ކުރަމުން އަންނަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
އެތަން ފާމާސީއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ކުރިއަށް އޮތް ދެ ހަފުތާތެރޭ އެތަން ފާމަސީއަކަށް ބަދަލުކުރެވޭނެކަން ޝިމާދު ފާހަގަކުރެއްވިއެވެ.

ރޭ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު (މ) --- ފޮޓޯ/ އެސްޓީއޯ
ސްމާޓް ސްޓޯރު ފާމާސީއަކަށް ބަދަލުކުރި ނަމަވެސް، އެތަނާ ކައިރީގައި ހުންނަ އެސްޓީއޯގެ ފާމަސީ ހިންގާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އެއީ، މިހާރަށް ވުރެ ފުޅާކޮށް، އަވަސް ޚިދުމަތެއް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްމާޓް ސްޓޯރު ފާމާސީއަކަށް ބަދަލު ކުރަން ނިންމާފައިވާއިރު، ފާމަސީތަކުން ހަމައަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ސޯޝަލްމީޑިއާގައި ވަނީ ފެންމަތިވެފައެވެ. އެމައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެސްޓީއޯއިން މިފަހުން ވަނީ، ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިންޑިއާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.