މާލޭ ނޯތު ހާބަރު ސަރަހައްދުގައި އޮޔާދަނިކޮށް އިއްޔެ ސަލާމަތްކުރި މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އިއްޔެ މެންދުރުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ގެނބުނީ ދިވެހި ފިރިހެނެކެވެ.
'ސަން' އަށް މައުލޫމާތު ދެއްވައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
އިއްޔެ އެ މީހާ ގެނބެނުއިރު ސަލާމަތްކޮށްދިނީ ނޯތު ހާބަރުގައި އޮތް ދޯންޏަކުން އެއްޗެއް ނަގަން ދިޔަ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ)އެވެ.
އޭނާ ވަނީ 'ސަން' އާ ހާދިސާ ހިނގި ގޮތް ހިއްސާކޮށްފައެވެ.
އެ މަންޒަރު ފެނުމާއެކު އެއީ ފަތަން ނޭނގޭ މީހެއްކަން އޭނާއަށް އެނގުނު ކަމަށާއި އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ގެނބެނީކަން ވެސް އެނގުނު ކަމަށް ފުކޫ ބުންޏެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އެ މީހާ ސަލާމަތް ކުރެވޭނެ ގޮތެއް ބެލުމަށެވެ. ނަމަވެސް، ގެނބެމުން ދިޔަ މީހާ ގާތު އަތްދަށަށް އައުމަށް އެދުމުން އޭނާގެ ފަރާތުން އެކަމަށް އިޖާބައެއް ނުލިބުނެވެ.
ފުކޫ ބުނީ އޭނާ ފަތާފައި ގޮސް އެ މީހާއާ އަރާ ހަމަވިއިރު އެ މީހާ އެއްކޮށް އަޑިއަށް ގޮސްފައި ވާކަމަށެވެ. އެހެންކަމުން އޭނާ ލައިގެން އޮތް ޖިންސުގައި ހިފައި މައްޗަށް ނެގުމަށް ފަހު ބޮއެ ފަތީގެ އެހީގައި ގެނައީ ކަމަށް އޭނާ ކިޔައިދިނެވެ.
އެ ވަގުތު ވެސް ކައިރީ ތިބި މީހުން އުޅުނީ ވީޑިއޯ ކުރުމުގައި ކަމަށާއި އެހީއަށް އެދުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފޭބީ އެމްޕީއެލްގެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކަމަށް އޭނާ ބުންޏެވެ.
އެ މީހާ އެއްގަމަށް ގެނެވުނުއިރު އަނގައިން ވަނީ ފޮނު އަރާފައެވެ. އަދި ފުކޫއަށް އެއްގަމަށް އެރުނުއިރު އޭނާ އޮތީ ރިކަވަރީ ޕޮޒިޝަންގައި ކަމަށާއި އޭރު އެމްބްއުލާންސަށް ވެސް ގުޅާފައި ވާކަމަށް އޭނާ ބުންޏެވެ.