އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއޫ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

އިމިގްރޭޝަން މުވައްޒަފެއް ޚިދުމަތް ދިނުމުގައި: އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއޫ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ --

ފަންސާސް މުވައްޒަފުން ހޯދުމަށްޓަކައި, އިމިގްރޭޝަނުން އިއުލާނުކުރި ވޯކް އިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ވޯކް އިން އިންޓަވިއު އަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ކުރެވޭ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއު ތަކެކެވެ.

އިމިގްރޭޝަނުން މެއި 13، 2025ގައި ކުރި އިއުލާނެއްގައި ބުނީ މިއީ ބޯޑަރު ބަލަހައްޓައި ގައުމަށް ޚިދުމަތް ކުރުމަށް ލިބޭނެ އަގު ހުރި ފުރުސަތެއް ކަމަށެވެ.

އިމިގްރޭޝަނުން 50 މުވައްޒަފުން ހޯދަނީ, އޮފިސާ ޓްރެއިނީސްގެ މަގާމަށެވެ.

މިއަދު ކުރި އިއުލާނެއްގައި އިމިގްރޭޝަނުން ބުނީ، ވޯކް އިން އިންޓަވިއޫ އޮންނާނީ މެއި 24، 2025 ވާ މި ހަފުތާގެ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން މި އިންޓަވިއޫ އޮންނާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00އާ ހަމައަށް ގަލޮޅު ސްކޫލުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އިންޓަވިއުކުރުން ކުރިއަށް ގެންދާނީ އެ އިދާރާއިން ކަނޑައަޅާ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށެވެ.

މި ވަޒީފާއާ ގުޅުމުގެ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުމެވެ. ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ. އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ 6،500 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ.

https://sun.mv/205971

އިމިގްރޭޝަނަކީ ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ ކަންކަން ބަލަހައްޓާ އިދާރާއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ވެސް އިމިގްރޭޝަނުގެ ޒިންމާއެކެވެ.

ކިތަންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގަމުން އައި ނަމަވެސް އިމިގްރޭޝަނަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރީންސުރެ ކުރެވޭ އިދާރާއެކެވެ. ޚާއްސަކޮށް ބިދޭސީންނަށް ކޯޓާ ދޫކުރުމާއި ބިދޭސީން ބެލެހެއްޓުމުގެ ކަންކަމުގައި ނާޖާއިޒު ފައިދާ އެތަނުގެ ބައެއް މުވައްޒަފުން ނަގާ ކަމަށް ތުހުމަތު ކުރެވެއެވެ.

އިމިގްރޭޝަނަށް އިތުރު މުވައްޒަފުން ހޯދާއިރު އެ އިދާރާގެ އެންމެ އިސް ފަރާތަކަށް މި ސަރުކާރުން ފުރަތަމަ ކަނޑައެޅި މުޙައްމަދު ޝައްމާން ވަހީދާއި އެ އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ, މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކެއް މިހާރު ވެސް އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް