އައިކޮމް އޮފީހުގައި އުޅެވޭވަރު ނުވުމުން މަސައްކަތް އޮންލައިންކޮށް، މުވައްޒަފުން ގެއަށް

އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި: އެ ތަނަކީ ސިއްހީ ގޮތުން ރައްކާތެރި ތަނެއް ނޫން ކަމަށް އެ އޮފީހުން ބުނޭ ---- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އޮފީހުގައި މަސައްކަތް ކުރެވެން ނެތުމުން، އައިކޮމްގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.

އައިކޮމްގެ އޮފީސް ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން އެ އޮފީހުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އައިކޮމްއިން މިދިޔަ މާރިޗް މަހު ނެރުނު، މިދިޔަ އަހަރުގެ ރިޕޯޓުގައި ވަނީ އޮފީހުގައި ފޫ ޖަހައި، ސިއްހަތަށް ނުރައްކާވާ ހާލަތުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނާ އަޙްމަދު އާހިދު ރަޝީދު އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަނީ، އޮފީހުގެ ފާޚާނާ ވެސް ބޭނުން ނުކުރެވޭ ކަމަށާއި މުވައްޒަފުން މިހާރު އޮފީހުގައި މަސައްކަތްކުރަނީ ދަންފަޅިތަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން އައިކޮމްގެ ގިނަ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބާއްވަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/203565

މިއަދު އައިކޮމްއިން ނެރުނު ދެންނެވުމެއްގައި ވަނީ، އެ އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭ މާހައުލެއް ނެތުމުން މާދަމާއިން ފެށިގެން މަސައްކަތްތައް ހިންގަމުންދާނީ އޮންލައިންކޮށް ކަމަށެވެ. އަދި އޮފީހުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، 3010990އަށް ގުޅުމަށް އެ ދެންނެވުމުގައިވެއެވެ.

އައިކޮމްގެ އަހަރީ ރިޕޯޓުގައި ވަނީ އެ އޮފީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން، 2017 ވަނަ އަހަރުން ފެށިގެން ކަމާ ބެހޭ އިދާރާތަކުގައި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ތަކުރާރުކޮށް އެދެމުން އަންނަ ކަމަށެވެ.

އައިކޮމްގެ އޮފީސް: އޮފީހުގައި ފޫ ޖަހައި، ފާޚާނާ ވެސް ބޭނުން ނުކުރެވޭ ކަމަށް މުވައްޒަފުން ބުނޭ ---- ފޮޓޯ/ އައިކޮމްގެ އަހަރީ ރިޕޯޓު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ ހުއްދައެއް ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ދިނުމާ ގުޅިގެން ތަނެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އިއުލާނުކޮށްގެން ތަނެއްގެ އަގު ބެލި ކަމަށް އެ އޮފީހުން ބުނެެފައިވެއެވެ.

އެކަމަކު، ބިޑުގެ އަގު 7.6 މިލިއަނަށް ވުރެ ބޮޑުވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތީން ބިޑާ މެދު ގޮތެއް ނިންނަން މިދިޔަ ނޮވެންބަރު މަހުގެ 19ގައި ފިނޭންސް މިނިސްޓްރީއަށް އައިކޮމްއިން ފޮނުވި ކަމަށް ވެސް އަހަރީ ރިޕޯޓުގައިވެއެވެ.

އޭގެފަހުން، ބައެއް މައުލޫމާތު އިތުރަށް ސާފުކުރުމަށް ފަހުގައި، އޮފީސް ޖާގައެއް ހޯދަން އިއުލާނު ކުރާނީ ޓެންޑާ ބޯޑުން ކަމަށް ނިންމާފައިވީ ނަމަވެސް، މި އަހަރު ވެސް އައިކޮމް ހިންގާނެ އިމާރާތެއް ހޯދަން ޓެންޑާ ބޯޑުން ނިންމާފައިނުވާ ކަމަށް އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް