ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 141 މީހަކު ފޯމު ހުށަހަޅައިފި

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުން ދޭ ގައުމީ އިނާމު: އެ އިނާމަށް މިއަހަރު ވަނީ 141 ބޭފުޅުން ފޯމު ހުށަހަޅާފައި ----- ފޮޓޯ/ ރައީސް އޮފީސް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 މީހުން ނަން ހުށަހަޅައިފައިވާ ކަަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ބުނެފިއެވެ.

އެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ، މިދިޔަ މާރިޗު މަހުގެ 18ގައެވެ.

އިނާމު ކޮމިޓީން ބުނީ، ފޯމު ހުށަހެޅި މީހުންގެ ވަޒީފާގެ ލިޔުންތައް މިހާރު ބަލައި، އިންޓަވިއުއަށް ޝަރުތު ހަމަވާ މީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ކޮމިޓީން މިއަދު ވަނީ އެ މީހުންނާ އިންޓަވިއުތައް ކުރަން ވެސް ފަށައިފައެވެ.

މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު ކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފުވެރި އިނާމެކެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅި ބޭފުޅަކާ އިންޓަވިއު ކުރަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މިދިޔަ އަހަރު، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި 53 މީހަކަށާއި ތައުލީމީ ދާއިރާއިން މަތީ ދަރަޖަ ހޯދި 40 މީހަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވޯޑު ދެއްވިއެވެ.

comment ކޮމެންޓް