ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މަޝްހޫރު ސްޕެނިޝް ލަވަކިޔުންތެރިޔާ އެންރީކޭ އިގްލޭސިއަސްގެ ޝޯއެއް އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެންރީކޭގެ ޝޯ މުމްބާއީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ މި އަހަރުގެ އޮކްޓޯބަރު މަހު ތެރޭ ކަމަށެވެ. ނަމަވެސް މި ޝޯ އޮންނާނެ ތާރީޚެއް އަދި ޔަގީންކޮށް ބުނަން ނޭނގޭ ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
ވަރަށް ގިނަ ބަޔަކު އުއްމީދުކުރީ އެންރީކޭ މިދިޔަ އަހަރު ދުބާއީގައި ބޭއްވި މިއުޒިކު ޝޯ ނިންމާލުމުގެ ކުރިން އިންޑިއާގެ ޓުއާއާ ބެހޭގޮތުން ފޭނުންނާ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ވެސް ބުނެފައި ވަނީ އޮކްޓޯބަރު މަހު އެންރީކޭގެ ޓުއާއެއް އިންޑިއާގައި ބޭއްވުމުގެ ވާހަކަތަކެއް ދެކެވި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

އެންރީކޭ މިއުޒިކް ޝޯއެއްގައި ޕާފޯމްކުރަނީ--ފޮޓޯ/އެމްސްއެން
ރިޕޯޓުތައް ބުނާގޮތުން އެންރީކޭގެ ޝޯ މުމްބާއީގައި ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދަނީ އިންޑިއާގެ ގުޖްރާތުގެ އިވެންޓު ކުންފުންޏެއް މެދުވެރިވެގެންނެވެ.
އޮކްޓޯބަރު މަހު އެންރީކޭ އިންޑިއާއަށް އަންނަކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު މަޝްހޫރު ލަވަކިޔުންތެރިޔާ އެންމެފަހުން އިންޑިއާގައި ޝޯއެއް ދީފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ. ދެހާސްބާރަ ވަނަ އަހަރު އެންރީކޭ އިންޑިއާއަށް ކުރި ދަތުރުގައި އެ ޤައުމުގެ ތިން ސިޓީއެއްގައި ވަނީ މިއުޒިކް ޝޯ ބާއްވާފައެވެ. އެއީ އިންޑިއާގެ ޕޫނޭ، ގުރުގުރަމް އަދި ބެންގަލޫރެވެ.
އެންރީކޭ ވަނީ 2019 ވަނަ އަހަރުގެތެރޭ އިންޑިއާގެ ޓުއާގެ ބައެއް ފޮޓޯތައް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އެންރީކޭ ބުނެފައި ވަނީ އިންޑިއާ އަކީ މިހާތަނަށް އޭނާ ދަތުރުކުރި ޤައުމުތަކުގެތެރެއިން އޭނާއަށް ކަމުދާ އެއް ޤައުމު ކަމަށެވެ. އިންޑިއާ އަކީ އެންރީކޭ ވަރަށް ލޯބިވާ ޤައުމެއް ކަމަށާއި އެނބުރި އެ ޤައުމަށް ދިއުމަށް ކެތްމަދުވެފައިވާ ކަމަށް މި ވީޑިއޯގައި އެންރީކޭ ވަނީ ބުނެފައެވެ.
ބައިނަލް އަޤްވާމީ ދުނިޔޭގެ މަޝްހޫރު މިއުޒީޝަނުން އިންޑިއާގައި މިއުޒިކް ޝޯ ދީފައިވާއިރު އޭގެތެރޭގައި ދުއާ ލިޕާ، ބްރަޔަން އެޑަމްސް، ކޯލްޑް ޕްލޭ، މެރޫން އަދި އެޑް ޝީރީން ހިމެނެއެވެ.