ސިއްހީ އެހީގެ ދޮގު ޕޯސްޓެއް ޖަހައިގެން އާންމުންގެ އަތުން އެއްލައްކަ ރުފިޔާ ނެގި މައްސަލައެއް ފުލުހުން ބަލަނީ

މީހަކު ފޯނާ ކުޅެނީ: ސިއްހީ އެހީގެ ދޮގު ޕޯސްޓެއް ޖަހައިގެން އާންމުންގެ އަތުން އެއްލައްކަ ރުފިޔާ ނެގި މައްސަލައެއް ފުލުހުން ބަލަނީ -- ސަން ފޮޓޯ

ސިއްޙީ އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ދޮގު ޕޯސްޓެއް ޖަހައި، އާންމު ރައްޔިތުންގެ އަތުން މިފަހުން ލައްކައެއްހާ ރުފިޔާ ހޯދި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސިއްހީ އެކިއެކި ކަންކަން ދިމާވެގެން ސޯޝަލް މީޑިއާ އާއި ނޫސްތައް މެދުވެރިކޮށް އެހީއަށް އެދުމަކީ މި ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެކަން ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އޭގެ ތެރޭގައި ހަގީގަތުގައި ވެސް އެހީތެރިކަން ބޭނުންވާ ހާލަތުގައި ތިބި ގިނަ ބަޔަކު ވެސް ހިމެނެއެވެ. އަދި މިފަދަ ޕޯސްޓްތަކުގެ ސަބަބުން ވަރަށް ގިނަ އާއްމުން އެހީތެރިކަން ފޯރުކޮށްދީފައި ވެސް އެބަހުއްޓެވެ.

https://sun.mv/206204

ވަގުންނާއި ފޭރޭ މީހުން މި ވަނީ މިކަމުގެ ނާޖާއިޒު ފައިދާ ނަގަން ފަށައިފައެވެ. މީހުންނަށް އަސަރު ކުރާނެ އެކިއެކި ޕޯސްޓްތައް ހަދައިގެން ދައުރުކޮށް, އެހީގެ ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދުން އާއްމު ކަމަކަށް ވެއްޖެއެވެ. އޭގެ ތެރޭގައި ހަގީގީ ބަލި މީހުންގެ މައުލޫމާތު ބޭނުންކޮށްގެން އެކަމަކު އެ މީހުންނާ ގުޅުމެއް ނެތް އެކައުންޓް ނަމްބަރުތައް ޖަހައި ފައިސާ ހޯދުން ހިމެނެއެވެ. މިފަދަ ޕޯސްޓްތައް ދައުރު ކުރާތީ އެކަމަށް ސަމާލުވުމަށް މީހުން ޖަހާފައި ހުންނަ ޕޯސްޓްތައް ވެސް މިހާރު ސޯޝަލް މީޑިއާއިން ވަރަށް ގިނައިން ފެނެއެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް، މުހައްމަދު ސަލީމް ޓީވީއެމްގެ 'ހެނދުނު ހެނދުނާ' ޕްރޮގްރާމްގައި ވާހަކަދައްކަވަނީ --

އެކަމާ ގުޅިގެން ޓީވީއެމްގެ 'ހެނދުނު ހެނދުނާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް، މުހައްމަދު ސަލީމް ވިދާޅުވީ ބޭސްފަރުވާއަށް އެހީއަށް އެދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދޮގު ޕޯސްޓުތައް ޖަހާފައި އެބަހުރި ކަމަށެވެ. ނަމަވެސް އަސްލު މީހަކު ބަލިވެގެން އުޅެނީތޯ ވެސް ނުބަލާ އެފަދަ ޕޯސްޓުތަކުގައި ޖަހާފައި ހުންނަ އެކައުންޓުތަކަށް އާއްމުން ފައިސާ ޖަމާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ހިސާބަކުން އެއީ ބަލިވެ އުޅޭ މީހެއް ނޫންކަން އެނގި، ފުލުހުންނަށް މައްސަލަ ހުށަހަޅާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިފަހުން ވެސް އެފަދަ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ގޮސް މިހާރު ކުރިއަށްދަނީ އެ މައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތެވެ.

"ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހޯދާފައި [އެބަހުރި]. އެ ވެސް ބަލިވެގެން ޕޯސްޓު ޖަހައިގެން ކޮންމެވެސް ތަނަކަށް ދާން އެ ވެސް. އަޅުގަނޑުމެން [އެ ފައިސާ ވެސް] ރިކަވާކުރަން އެބަ،" ސަލީމް ވިދާޅުވިއެވެ.

"އާއްމު ރައްޔިތު މީހާ ހަމަ ވެރިފައިކުރަންވީ. ގޮތް ނޭނގޭ ކަންކަމަށް އެޓެންޑު ނުވާންވީ. މިސާލަކަށް އެޗްޑީސީ ނަމުގައި އެބަ ގުޅާ ދެއްތޯ؟ އެކަމު އަޅުގަނޑުމެންނަށް އެބަ އެނގޭ ހައުސިން ސްކީމެއް ނެތްކަން މިދުވަސްކޮޅު. އެކަމު ހަމަ އެޗްޑީސީ ނަމުގައި ގުޅާއިރަށް އެބަ ޖަމާކޮށްލާ ފައިސާ،"

ސަލީމް ވިދާޅުވި ގޮތުގައި ސްކޭމަރުންގެ އުކުޅުތައް ރެއާ ދުވާލު ދަނީ ބަދަލުވަމުންނެވެ.

"އަޅުގަނޑުމެން މިދައްކަނީ ހަމަ އެއް ވާހަކައެއް ތަކުރާރުކޮށް. ސްކޭމަރުންގެ އުކުޅުތައް ބަދަލުވާއިރު އަޅުގަނޑުމެންގެ ވިސްނުން ވެސް އެބަޖެހޭ ބަދަލުވާން،" ސަލީމް ވިދާޅުވިއެވެ.

ޚާއްސަކޮށް ކޮވިޑަށް ފަހު ރާއްޖޭގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ސްކޭމް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސާޖެންޓް މުހައްމަދު ޖުނައިދު ޓީވީއެމްގެ 'ހެނދުނު ހެނދުނާ' ޕްރޮގްރާމްގައި ވާހަކަދައްކަވަނީ --

އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ސާޖެންޓް މުހައްމަދު ޖުނައިދު ވިދާޅުވީ އެހީގެ އެފަދަ ޕޯސްޓުތައް ޖަހާ މީހުންނާއި، ޕޭޖުތަކާ ވާހަކަދައްކައިގެން އެ ޕޯސްޓުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޕޯސްޓުތައް ޖަހާއިރު ހުންނަނީ ވަރަށް ކުރީގެ ފޮޓޯތައް ނުވަތަ ވަރަށް ކުރީގެ ޕޯސްޓުތައް ބޭނުންކޮށްފައެވެ. އަދި ނޫސްތަކުން ނަގާފައި ހުންނަ ސްކްރީންޝޮޓްތައް ބޭނުންކޮށްފައި ހުންނަކަން ވެސް ފާހަގަވާ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

"އޭގަ އަސްލު ކޮންމެ ބޭފުޅަކު ވެސް ފައިސާ ފޮނުވުމުގެ ކުރިން ބަލާލަން ރަނގަޅު ހުންނަ ފޮޓޯތަކާ އެއްޗެހި، ބައެއް ފޮޓޯތައް ހުރޭ ބޭރު ގައުމުތަކުގެ ފޮޓޯތައް ޑައުންލޯޑްކޮށްގެން ޕޯސްޓުތައް ހަދާފަ. މިހާރު ގޫގުލްއިން ވަރަށް ފަސޭހައިން ކޮންމެ ބޭފުޅަކަށް ވެސް އިމޭޖު ސާޗުކޮށްލީމަ އެބަ ފެނޭ، އެ ފޮޓޯގެ އަސްލަކީ ކޮބައިކަން. ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ފަސޭހައިން ބަލާލެވޭނެ ކަންކަން މިއީ،" ޖުނައިދު ވިދާޅުވިއެވެ.

ފައިސާ ފޮނުވުމުގެ ކުރިން އެފަދަ ޕޯސްޓުތަކުގައި ބޭނުންކުރާ އެކައުންޓު ނަންބަރުތަކާއި ފޯނު ނަންބަރުތަކާ، އެ ޕޯސްޓުގައި ބުނާ ބަލިމީހާއާ އޮތީ ކޮން ގުޅުމެއް ކަމާއި، ނުވަތަ އެ ޕޯސްޓު ޖަހާ ފަރާތާއި ބަލިމީހާއާ އޮތް ގުޅުމަކީ ކޮބައިކަން ބެލުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ބަލި މީހަކަށް އެހީއެއް ދިނުމަށް ކޮންމެ މީހަކު ވެސް ފައިސާ ފޮނުވަނީ ވަރަށް ހެޔޮ ނިޔަތެއްގައި ނަމަވެސް ބަލައިނުލުމުގެ ސަބަބުން އަސްލު ބަލިމީހާއަށް އެހީ ނުލިބި އެހެން ބަޔަކަށް ފައިސާ ލިބޭ ކަމަށެވެ.

އޭގެ ނަތީޖާ ވެސް ވަރަށް ހިއްޗެވެ. ޖުނައިދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން އެހީ ދޭން ބޭނުންވާ މީހުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލި، ގިނަ ފަހަރަށް ފައިސާ ދޭން ބޭނުންނުވާ ހާލަތަށް ވެސް އެބަދެއެވެ.

ދިވެހިންނަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސިއްހީ ކަންކަމަށް ދައުލަތުން ބޮޑު އެހީތެރިކަމެއް ލިބޭ ބައެކެވެ. އާސަންދައިގެ އިތުރުން އެންސްޕާ މެދުވެރިކޮށް ވެސް ބޮޑެތި އެހީތައް ބަލި މީހުންނަށް ލިބެއެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ވެސް ކުރެއެވެ. ނަމަވެސް ބައެއް ކަހަލަ ބަލީގެ ހާލަތުން ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅެން ޖެހުމުން ކުރަން ޖެހޭ އެހެން ޒަރޫރީ ހަރަދުތައް ވެސް ނުފުއްދޭތީ ބައެއް މީހުން އެހީތެރިކަން ބޭނުން ވަނީއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މި ގޮތަށް ފައިސާ ހޯދަނީ ހަމައެކަނި ބަލި މީހުންނަކަށެއް ނޫނެވެ. އެކި ކަންކަމުގައި ސްކޭމް ހިންގައިގެން ފައިސާ ހޯދާ މައްސަލަތައް މިހާރު އިތުރެވެ.

ރާއްޖެއަށް ބަލާއިރު އާއްމުންގެ އަތުން ފައިސާ ނެގުމަށް އެކިއެކި ހަރަކާތްތައް ހިންގުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. "ހެލްޕު" ދެން ކޮންމެ ވެސް މީހެއްގެ ނަން ޖަހައިގެން ޕޭޖުތައް ހަމަ ހިންގަން ވީއެވެ. އަދި ދީނީ ހަރަކާތްތަކަށާއި އެހެން ވެސް އިވެންޓްތަކަށް ފަންޑް ރެއިޒް ކުރަން ހަމަ ހަރަކާތްތައް ހިންގަންވީއެވެ. އެންމެން އަތުގައި ސްމާޓް ފޯނު އޮންނައިރު މިއީ ވަރަށް ފަސޭހައިން އަދި ކޮންމެ މީހަކަށް ވެސް ބޭނުންއިރަކު ކުރެވޭ ގޮތަށް އޮންނަ ކަމެކެވެ.

ނަމަވެސް ދުނިޔޭގެ ތަޖުޒީބީ ގައުމުތަކުގައި އާއްމުންގެ އަތުން ފަންޑުރައިޒް ކުރުމުގެ އުސޫލުތަކެއް ހުރެއެވެ. އެކަން ކުރެވޭނީ ސަރުކާރުގެ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ. އަދި ފައިސާ ހޯދި ގޮތާއި ހަރަދު ކުރިގޮތް ހާމަ ކުރަން ޖެހެއެވެ.

comment ކޮމެންޓް