މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީ ސަފުގައި ތިބެގެން ހަރަކާތްތެރިވާންޖެހޭ ފަރާތްތަކުން، އީޖާދީ ހައްލުތައް ހޯދުމަށް، މިހާރުގެ ހާލަތަށްވުރެ ފުޅާކޮށް އަދި ހާލަތުން ބޭރުން ވިސްނުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް އެފަދައިން ގޮވައިލެއްވީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި، ޚާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅުދައްކަވަމުން، ނައިބު ރައީސް ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ޚާއްސަ ނާޒުކުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސްކަމަކީ، ދިރިއުޅުމުގެ ހަގީގަތަކަށް މިހާރު ވެފައިވާއިރު، ދިމާވާ ގޮންޖެހުންތަކާއެކުވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އެންމެ ކުރީ ސަފުގައި ދެމިތިބޭނެކަމު އަޒުމު އެމަނިކުފާނު ވަނީ އާކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ "ތާޑް ނެޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) އާއެކު ފަހުން އިއުލާނުކުރި، "2024-2033 އެނާޖީ ރޯޑްމެޕް"ގެ މައްޗަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އެ ޕްލޭންގައި، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުމަށް 2028އަށް އަމާޒެއް ކަނޑައަޅާފައިވާއިރު، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ/ ރައީސް އޮފީސް
އެ އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ގައުމީ އެޖެންޑާގެ މައިގަނޑު އަސާސެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާންޖެހިފައިވާ ހުރަސްތަކަކީ، އީޖާދީ ޚިޔާލުތަކުގެ މަގެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ޖަޒީރާ ގައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ހަރަކާތްތައް ވިލަރެސްކުރުމަށް މުހިންމު މަންސައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެ ޕްރޮގްރާމްގައި ޕޮލިސީ މާހިރުންނާއި، ޔުޓިލިޓީ ލީޑަރުން އަދި މުޖުތަމައުގެ ހައްލުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ޖަޒީރާ ގައުމުތަކަށް، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވުމާއި ސާފު ހަކަތައިގެ ހައްލުތައް ތަންފީޒުކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޓެކްނޮލޮޖީގެ ދާއިރާއިން ބޭރަށް ނިކުމެ ވިސްނުމަށާއި، މުޖުތަމައުތަކަށް ބަދަލުގެނެވޭފަދަ، ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެފަދަ އީޖާދީ ސިޔާސަތުތަކާއި، މާލީ އެހީ ހޯދުމުގެ ނިޒާމްތަކަށް އަމާޒު ހިފުމަށް ފެލޯޝިޕް ބައިވެރިންނަށް ހިތްވަރުދެއްވަވަމުންނެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ހަވާއީގެ ހޮނަލޫލޫގައި އާދިއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދާ ހަތަރު ވަނަ ފަހަރެވެ.