ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި ބްލޫ ޕްލެނެޓް އެލަޔަންސްގެ ބާނީ، ހޭންކް ރޮޖާޒް: ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފި -- ފޮޓޯ/ ރައީސް އޮފީސް

ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެންބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒްއެވެ.

ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން، "ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓް"ގައި ދީފައިވާ ކަމަށެވެ.

އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ރަސްމީ މެންބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ އެއްބަސްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި ބްލޫ ޕްލެނެޓް އެލަޔަންސްގެ ބާނީ، ހޭންކް ރޮޖާޒް -- ފޮޓޯ/ ރައީސް އޮފީސް

ހަވާއީގައި މިހާރު ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

comment ކޮމެންޓް