މ. އަތޮޅަށް ތާރީޚީ ދުވަހެއް: މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

މުލީ އެއާޕޯޓު ހުޅުވުމަށް ރައީސް މުއިއްޒު މުއްޔަށް ވަޑައިގަތުން ---- ފޮޓޯ/ ރައީސް އޮފީސް

މ. އަތޮޅުގައި ހުޅުވި ފުރަތަމަ އެއާޕޯޓުގެ ގޮތުގައި މ. މުލީ އެއާޕޯޓު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ރަސްމީކޮށް، ހުޅުވައިދެއްވައިފިއެވެ.

މުލީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މުލީގެ އެއާޕޯޓު ހުޅުވުނީ ވަރަށް ގިނަ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.

އެގޮތުން، ސަރުކާރާ ހަވާލުވިއިރު މަސައްކަތް އޮތީ ހުއްޓިފައިކަން ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވީ، އެ މަސައްކަތް 18 މަސްތެރޭ ނިންމުނީ އެމްޓީސީސީގެ ބުރަ މަސައްކަތުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި އަމަލީ މަސައްކަތް ފެށި، މުލީ އެއާޕޯޓަށް 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

މި އެއާޕޯޓު މިއަދު ރަސްމީކޮށް، ހުޅުވާފައިވަނީ، 1500 މީޓަރު ދިގު ރަންވޭއަކާއި، އެއްފަހަރާ 150 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖާ ޓާމިނަލް އިމާރާތަކާއި ސަލާމާތީ ވަސީލަތްތަކާ އެކުގައެވެ.

ރައީސް މުއިއްޒުގެ އަރިހުގައި، އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މ. އަތޮޅުގެ މަޖިލީސް މެންބަރުންނާއި ކެބިނެޓުގެ ވަޒީރުން ބައިވެރިވަޑައިގެންނެވިއެވެ.

މި އެއާޕޯޓުގެ ތަރައްގީކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2021ވަނަ އަހަރެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ އޭޕްރީލް މަހުގެ 25 ގައެވެ.

އޭގެފަހުން މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްސީއެލް) ވަނީ، މުލީ އެއާޕޯޓުގެ ކޮމާޝަން އޮޕަރޭޝަންތައް ފެށުމަށް ޓަކައި ދަތުރުތައް ފުރުސަތު ހުޅުވާލައިފއެވެ.

comment ކޮމެންޓް