ކޭލަކުނާއި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީކުރަން ސޮއިކޮށްފި

ކޭލަކުނާއި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީކުރަން ސޮއިކުރުން ---- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކޭލަކުނާއި ފަރުކޮޅު ޙިމާޔަތްކޮށްފައިވާތީ މި މަޝްރޫޢުގެ ދަށުން އެ ރަށްތަކުގައި ނޭޗާޕާކުގެ މަސައްކަތްކުރުމަށް ކުރާނީ ޤުދްރަތީ ނުވަތަ ޠަބީޢީ ގޮތުގައި ރައްކާތެރިކޮށް، ދަމަހައްޓައި ތަންތަނާބެހޭ ގަވާއިދާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ޤާއިމްކުރުމުގެ މަސައްކަތާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޭލަކުނާއި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީކުރަން ސޮއިކުރުން ---- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ޓެކްނިކަލް ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.

ކޭލަކުނަކީ ޖަންގައްޔެއްގައި ހުންނަ ސިފަތައް ހުންނަހެން ރާއްޖޭގައި އޮތް ހަމައެކަނި ރަށެވެ. އެ ރަށަކީ ކުރީގައި މީހުން ދިރިއުޅުން ރަށެއް ނަމަވެސް މީލާދީ ގޮތުން 1820 ގައި ކުރި ގަދަ ވިއްސާރާގެ ސަބަބުން އެ ރަށް ސުންނާފަތިވެ، އެ ރަށުގައި ދިރިއުޅުނު މީހުން ރަށުން ފައިބައިގެން ދިޔައީ ކަމަށް ތާރީޚީ ފޮތްތަކުގައިވެއެވެ.

ފަރުކޮޅަކީ ފުނަދޫގެ އިހުތިޞާސުގެ ތެރޭގައިވާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެވަނަ ގަރާރުގައެވެ. އެގޮތަށް އެކަން ފާސްކުރެއްވި ނަމަވެސް ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ.

comment ކޮމެންޓް