ރާއްޖޭގެ ސިއްހީ ދާއިރާއިންދޭ ގިނަ ޚިދުމަތްތަކެއްގެ ފެންވަރު ރަނގަޅު ކުރުމަށް ތައިލެންޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 78ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ހެލްތު މިނިސްޓަރު ޑޭޝް އިސް ކައުތޯންއެވެ.
މި އެއްބަސްވުމުގެ ދަށުން ހަރުދަނާކުރާ ސިއްހީ ޚިދުމަތްތައް
- ޕްރައިމަރީ ހެލްތުކެއާގެ ޚިދުމަތްތައް
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ޚިދުމަތް
- ރާއްޖޭގެ ހެލްތު ޕޮލިސީއާއި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް
- ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ
މީގެ އިތުރުން ވެސް މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް އެހީތެރިކަން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
މިނިސްޓަރު ނާޒިމްގެ ވާހަކަފުޅުގައި ރާއްޖެއާ ތައިލޭންޑުގެ ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.