"ދިރިއުޅުން ހީނުކުރާހާ އަވަހަށް ނިމިގެން ދާނެއެވެ. ވީހާވެސް ރަގަޅަށް ވަގުތުގެ ބޭނުން ހިފާށެވެ. ވަގުތު ބޭކާރުކޮށް ދުއްވާނުލާ ހަޔާތުގެ މަގުސަދާއި މެދު ވިސްނައިލަން ވާނެއެވެ. ވަގުތު ފާއިތުވުމުން ހިތާމަކުރިޔަސް އެދުވަސް އަނބުރާ ނާންނާނެއެވެ."
***
"އޭނަ އެހެރީ އައިސް..."މަންމަ ވައިއަޑަކުން ބުނެލިއެވެ.
"ކީކޭ މަންމާ...ކާކު؟"
މަންމަ ލޯބޮޑުކޮށްގެން ހުރެ އެކި ދިމާލަށް ލޯ ހިންގައިލިއެވެ." ފުރަތަމަވެސް ބުނިން އޭނަ ކައިރީ ޓަކިނުޖަހާ ނުވަންނާށޭ...އެކަމަކު ހަނދާނެއް ނުހުރޭ. ހަމަ އެހެން ވަދެލާފައި ބުނާނެ ގޭގައި އެބަ ދުވައޭ އެއްޗެއް ފިހާ ވަސް.."
އޭނައަށް އިހުސާސްވީ މައިބަދައިގާ ފިނި ރާޅެއް ދުވެލިހެންނެވެ. މަންމަގެ ފަރާތުން އެގޮތަށް ހަމަނުޖެހޭ ވާހަކަތައް އިވުމުން ސިކުނޑިއަށް ބަލައިގަންނަން އުދަގުލެވެ.
"މަންމަ ތި ކިޔަނީ ކީކޭތަ؟" އޭނަ އެއްވަރަކަށް އަޑު ހިފަހައްޓަން މަސައްކަތްކުރިއެވެ.
"އާނ ބައްޕަ އެހެރީ ތެމިގެން އައިސް....އެތެރެއަށް ވަނުމުގެ ކުރިން ތެތް އެއްޗެހި ބަދަލުކޮށްލައިގެން ހިކިގެން އަންނާށޭ ބުނެބަލަ...އެކުވެރިއަކުވެސް ގޮވައިގެން އެއައީ. ކީކޭ ބުނާނީ......." ޖަމީލާ އިތުރަށް ބުނެލިއެވެ. އޭނައަށް މަންމައަށް ނަޒަރު ހުއްޓައިލެވުނުގޮތަށް އަނގަ ހުޅުވިފައި ހުރެވުނީއެވެ. މަންމަގެ ރާގުގައި ސަމާސާ ފާޑެއްވެސް ހުއްޓެވެ. މީހުން ސަމާސާއަށްވެސް ދޮގުހަދާ ހެއްޔެވެ؟ އެކަމަކު އޭނައަށް ފާހަގަކުރެވުނީ އަތް ތުރުތުރުލާކަމެވެ.
"ވަރަށް މަޖާ ވާހަކައެއް...... މަންމާ.."
"އެ ގެނައި އެކުވެރިޔާ އެއްގޮތަކަށްވެސް ރަގަޅެއްނޫން...މަންމަ އޭނައާއެކު އެކަނި ދޫކޮށްފައި ނުދައްޗޭ..."
އެއްޗެކޭ ބުނަން އުޅެފައިވެސް އަނގަ ލައްޕައިލެވުނެވެ. މަންމަގެ މޫނުމަތިން އެއްވެސް ކަމެއް ދެނެގަންނަން ފަސޭހައެއް ނުވިއެވެ.
"މަންމަ ހަނދާން ނެތުނީ..."އޭނަ ލަސްލަހުން ކިޔައިލިއެވެ. "ދުނިޔޭގައި ނެތްކަން...."
"ކާކު ދުނިޔޭގައި ނެތޭ؟" ޖަމީލާ ހައިރާންވިއެވެ.
" މަންމަ ވަރަށް މޮޅު މީހުން ހައްދަން.....އެކަމަކު ދެން އެހެން ނަހަދައްޗޭ...ވަރަށް ވިއާޑް...." އޭނަ ފުން ނޭވާއެއް ދޫކޮށްލަމުން ކުޑަކޮށް ހީގަތެވެ. ޖަމީލާގެ ނަޒަރު ގެއަށް ވަންނަ ދޮރާއި ދިމާލަށް ހިންގައިލިކަމާއި ވަޔާއި ދޮރު ތެޅުމުން ލޯ ކުޑަކޮށްލިގޮތާއި އަމިއްލައަށް ވާހަކަދެއްކިކަން މިރިއަމްއަކަށް ފާހަގައެއްނުވިއެވެ.
އެރޭ މިރިއަމް ދަބަސް ޕެކްކޮށް ނިމުމަށްފަހު އެނދު ކައިރީ ބަހައްޓާފައި އޮށޯވެލިޔަސް ޚިޔާލުވަނީ އެހެން ދިމާލެއްގައެވެ. އޭނަ މަންމަގެ ހާލަތާއިމެދު ވިސްނިއެވެ. މަންމަ ގަސްތުގައި އެގޮތަށް ވާހަކަދައްކަނީހެއްޔެވެ؟ ނޫނީ ހެއްވަން ދައްކާ ވާހަކައެއް ހެއްޔެވެ؟ ނޫނީ ހަކުރުދަށްވަނީއެވެ. ފޮނި އެއްޗެހި ކާލެއް މަދީއެވެ. މަންމައަކީ ކުރިން ދޮގު ހަދާ އުޅުނު މީހެއް ނޫނެވެ. ތެދުވެރި ވަފާތެރިއެކެވެ. ނޫނީ އޭނަގެ ދަތުރު ހުއްޓުވަން މަންމަ ގެ ރޭވުމެއް ހެއްޔެވެ؟ ޒުބޭރުއާއި ކައިވެނިނުކޮށް އޭނަ ފޮނުވަން މަންމަ ދެކޮޅެވެ. އޭނަ ދަތުރުގެ ވާހަކަ ދެއްކުމާއި ހަމަޔަށް މަންމަ ހަމަ "ނޯމަލް"އެވެ. ބަދަލުވާނީ ހަމަ ކޮންމެވެސް ނިޔަތެއް އޮތީމަ ނޫންހެއްޔެވެ؟ އެކަމަކު އޭނަ މިދަތުރު ދާނެއެވެ. އޭނަ ދާން ކޮންމެހެން ވެސް މަޖުބޫރު ނޫން ހެއްޔެވެ؟
***
އެރެއަކީ އުޑުމަތި ސާފު ރެއެކެވެ. ހަނދުގެ ވިދުން ގަދަވެފައި ތަރިތައް ފެންނާން ހުރީ ކަޅު ވެލްވެޓްގެ ތެރެއަށް އުކާލެވިފައިވާ ލޮނުތަކެއްހެންނެވެ. މާލެއަށް ފުރާ ބޯޓު މަޑުކޮށްލައިގެން އޮތްއިރު އޭގެ އަލިތަކުން މޫދަށް ދަޅައަރައެވެ. ލޮނާއި ޑީސަލްގެ ވަސް މުޅި ތަނުގައި ހިފާފައިވިއެވެ. ބައެއް ދަތުރުވެރިން ފާލަން ކައިރީ ބޮނޑިވެލައިގެން ތިބިއިރު އެމީހުންގެ ދިގު ހިޔަނިތައް ޕްލޭންކަށް އެޅިފައިވިއެވެ. މިރިއަމްއަށް ސޫޓުކޭސްގައި ބާރަށް ހިފަހައްޓައިލެވުނެވެ. އޭނަގެ މަންމަވެސް މަޑުނޫކުލައިގެ ބުރުގާއަކާއި ގުޅޭ ހެދުމެއްލައިގެން ހުރިއިރު މަންމަގެ މޫނު ފެންނަނީ ތަންކޮޅެއް ހުދުކޮށެވެ. އޭނައަށްވުރެ މަންމަ ކުޑަ ތަންކޮޅެއް ދިގުވިޔަސް މާ ކުޑަކަމުގެ އިހުސާސްވެސްވިއެވެ. އަދި މޫނުގައި ކުދި ކުދި ރޫ ގިނަކަންވެސް އެނގުނެވެ. ސަޔާރާވެސް އޭނަގެ އަނެއް ފަރާތުގައި ހުރެ ހިނިތުންވާން މަސައްކަތްކުރިޔަސް ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. ސަޔާރާގެ މަންމަ ޖަމީލާގާތު ދައްކަމުން ދިޔަ ވާހަކައެއް އޭނައަކަށް ނީވުނެވެ.
"މިރިއަމް ކޮންމެހެން ފުރާނެ ކަމެއް ނެތް. މަންމަ އެކަނިވާނެ...."ޖަމީލާ ކުއްލިއަކަށް ބުނެލިއެވެ. އެ ލަފުޒުތައް ހަމަހިމޭންކަމުގެ ތެރެއަށް ވައްޓައިލެވުނު ގާކޮޅުތަކެއް ހެން އޭނަގެ ކަންފަތަށް އިވުނެވެ.
"މަންމާ.."އޭނައަށް ބަލައިލެވުނެވެ.
"އަދި މަޑުކޮށްލާ.." ޖަމީލާ ބޯޓާއި ދިމާލަށް ބަލަން ހުއްޓެވެ." އަދި ދުވަސްކޮޅަކަށް..ޒުބޭރުގެ އާއިލާ........."
"މަންމާ.. އަހަރެމެންނަށް މި ވާހަކަ ވަރަށް ގިނައިން ދެކެވިއްޖެ..."
ޖަމީލާގެ ލޯ ކުޑަވިއެވެ. ހައިރާންކަމާއި ސިހުމެވެ.
އޭނައަށް ތަންކޮޅެއް ބާރަށް ރުންކުރުވެފައި ވާހަކަދެއްކުނުކަން އެނގި މަޑުމައިތިރި އަޑަކުން ބުނެލިއެވެ." މިބުނީ....މިއީ ވަރަށް ކުރު ދަތުރެއް...ލައިލާވެސް މާލޭގައި އިންތިޒާރުގައި ހުރީ. އެކަނިވެރިއެއް ނުވާނެ. ވަރަށް އަވަހަށް އަންނާނަން..."
ޖަމީލާ އޭނައާއި ދިމާލަށް އެނބުރުނުއިރު މޫނަށް އެޅިފައިވާ އަލިން ލޮލުގައި ކަރުނަވިދާތަން ފެނުނެވެ." އިންޝާﷲ...އެހެން ބުނަން ހަނދާން ނައްތާނުލާ.."
މަންމަގެ ކަރުނަ ފެނުމުން އޭނަގެ ހިތް މަޑުވިއެވެ." އެންމެ ރަގަޅު...ވަރަށް އަވަހަށް އެނބުރި އަންނާނަން އިންޝާﷲ...."
ބޯޓުގެ ފަޅުވެރިންގެ އަަޑު ރާޅުތަކަށްވުރެ ބާރުވިއެވެ. އިންޖީނަށްވެސް ދިރުން ލިބުނެވެ. އާފުރެމުން ދިޔަ ދަތުރުވެރިން ފާލަން ގިރާކޮށް ބޯޓަށް އަރަމުން ދިޔައެވެ. ސަޔާރާ ކުރިއަށް ޖެހިލާފައި އޭނަގެ އަތަށް ކުޑަ ސިޓީއުރައެއް ދިނެވެ.
"މިއީ ކޯނޗެއް؟"
"ކުޑަ ހަދިޔާއެއް......ފީ އަމާނިﷲ.. ބަލައިގެން އުޅޭތި މިރިއަމް. އަދި ޚަބަރުވެލައްޗޭ.. ޖަމީލާދައްތަ ފޮޓޯތައް ބަލަން ބޭނުންވާނެ. އަހަންނަށް ފޮނުވީމަ ޔަގީނުންވެސް ދައްކާނަން. ހަނދާންނައްތާނުލާތި އިނގޭ........" ސަޔާރާ ފަހަތަށް ޖެހިލީ ޖަމީލާއަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ދިނުމަށވެ.
"ހުރިހާ އެއްޗެއް ޕެކްކުރިކަން ޔަގީންތަ؟"ޖަމީލާ މިރިއަމްގެ އަތުގައި ހިފެހެއްޓިއެވެ.
"އާނ..."އޭނަ ބޯ ޖަހައިލިއެވެ.
"މުސައްލައާއި ގުރުއާން؟ ދަތްއުގުޅާ ބުރުސް؟"
"އާނ މަންމާ.."އޭނައަށް ހީލެވުނެވެ.
"މަންޒިލަށް ފޯރީމަ ގުޅަން ހަނދާން ނައްތާނުލާތި.." އެތައް އަހަރެއްގެ ފަހުން ކުއްލިއަކަށް މަންމަގެ ފަރާތުން ހިތަށް ނާރާފަދަ ފަރާތެއް ފެނުނެވެ. އެހޫނު އަތުގެ ހިމާޔަތް އިރުކޮޅަކަށް ލިބުނެވެ. އޭނަގެ އަތް މަޑުމަޑުން މިރިއަމްގެ ބޮލުގައި ޖައްސާލާފާއި މެޔާ ބޮނޑިކޮށްލީ ކުޑައިރެކޭ އެއްފަދައިންނެވެ.
"ޢަވަހަށް އަންނައްޗޭ މިރިއަމް.."
އޭނަ ލަސްލަހުން ބޯ ޖަހައިލިއެވެ. މިފަހަރު މަންމަގެ އަޑު އިވުނީ ވަރަށް ލުއިކޮށެވެ. ވަޔާއެކުވީ ހެންނެވެ.
"އެކަމަކު އޭނަގެ އެކުވެރިޔާ ނުގެންނާތި..."
"ކީކޭ؟" އޭނަގެ މުޅި ހަށިގަނޑަށް ވާންވިއެވެ. ޖަމީލާ އެއްޗެކޭ ނުބުނެ ހިނިތުންވެލިއިރު އަނދިރީގެ ތެރެއިން ވިދައެވެ. ފަޅުވެރިން ގޮވަން ފެށުމުން އޭނައަށް ދާން މަޖުބޫރުވިއެވެ. ބޯޓަށް އަރަން ދިޔައިރު އޭނަގެ ހިތުގެ ވިންދު ހަމަޔަކަށް ނޭޅުނެވެ. މަންމަ ބުނެލީ ހާދަ ހަމަނުޖެހޭ އެއްޗެކެވެ. އެހާ މާނަ ހުރި އެއްޗެއް ނޫނެވެ. ހަނދާން ނައްތާލާށެވެ. އޭނަ އެނބުރި އަންނައިރު މަންމަ ހުންނާނީ ހަމަޔަކަށް އެޅިފައެވެ. އޭނަ ފަހަތަށް އެނބުރި ބަލާވެސް ނުލީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅިދާނެކަމުގެ ބިރަށެވެ. އެވަގުތު އޭނަގެ ކަންފަތުގައި ބައިސްކަލެއްގެ އަޑު ޖެހުނެވެ. ރަބަރު ޓައިރެއް ގާތަކުގައި އަޑުގޮއްވަމުން އަންނަ އަޑެވެ. ކުޑަކޮށް އެނބުރުނީ ބޭއިޚުތިޔާރުގައެވެ. އެއީ ޒުބޭރުއެވެ. ހުދު ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއްލައިގެން ޗައްޕަލަކަށް އަރައިގެން ހުރިގޮތުން ހީވީ ކުއްލި ކަމަކު އޮފީހަށް ދާން ޖެހުމުން ހަސަންބެގެ ފައިވާނަށް އަރައިގެން އައީހެންނެވެ. އޭނަ އެންމެ ތަންކޮޅެއްވެސް ކުރިއަށް ދުއްވައިލިނަމަ ގޮސްޖެހޭނީ މޫދުގައިކަން ޔަގީނެވެ. އޭރު އޭނަހުރީ މަތި ނޭވާ ލެވިފައެވެ.އިސްތަށިގަނޑުވެސް ވަޔާއި އުދުހެމުން ދިޔައެވެ.
ޒުބޭރުގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. ޕާރުސަލެކެވެ. ބަތް ޕާރުސަލެއްކަން ނޭގެއެވެ. އެކަމަކު އޭނަ އަތް ހިއްލާނުލިއެވެ. އޭރު ފަޅުވެރިންވެސް ބޯޓުގެ ނަގިލި ނައްޓައިލަމުން ފާލަމާއި ދުރަށް ދާންފެށިއެވެ. ބޯޓާއި ބަނދަރާއި ދޭތެރޭވާ ފެންގަނޑު ފުޅާވާން ފެށިއެވެ. އަނދިރިވެފައި ރާޅުބާނިތައް ގިނައެވެ. ޒުބޭރު ހީވީ ހަދާނެގޮތް ހުސްވެފައި ހުރިހެންނެވެ. އަތްހޫރަންވީކަމެއް ނޫނީ މަޑުކޮށްލައިގެން ހުންނަންވީ ކަމެއް ނޭގިފައެވެ. މިރިއަމް ހީލަން ވެސް ބޭނުމެއްނުވިއެވެ. އަދި ދުރަށް ބަލަންފެށިއެވެ. އޭނަގެ މަންމަ ކައިވެނީގެ މައުޟޫއަށް ވާހަކަ ގެންދާ ސަބަބަކީވެސް މި ޒުބޭރުއެވެ. އޭނަގެ ބޭނުމަކީ ކޮބާހެއްޔެވެ؟މިރިއަމް ދުވަހަކުވެސް އޭނައާއި ގަޔާވެފައެއް ނެތެވެ. ކުޑައިރުވެސް މިހާރުވެސް ޒުބޭރުއަށް އެނގެނީ އޭނަ ރުޅިއަރުވާށެވެ. މާޒީފަދައިން މިހާރުވެސް އެއުޅެނީ އޭނަގެ ދުވަސްތައް ޚަރާބުކުރާށެވެ.
ބޯޓި އަނދިރީގެ ތެރެއަށް އޮބައިލަންދެން ޒުބޭރު އެތާ މަޑުކޮށްލައިގެން ހުއްޓެވެ.
ނުނިމޭ