އިންޑިއާއި ޕާކިސްތާނުގައި ތިބި ސިފައިން ހަނގުރާމައިގެ ކުރިން ތިބި ހިސާބަށް ފަހަތަށް ޖެހެން އެއްބަސްވެއްޖެއެވެ.
"ހަނގުރާމައިގެ ކުރިން ސިފައިން ތިބި ހިސާބަށް މެއި މަސް ނިމުމުގެ ކުރިން އަނބުރާ ގެންދާނެ." މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން، ނަން ނުޖެހުމަށް ޝަރުތުކޮށް ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގެ ނަން ދީފައިވާ ކަޝްމީރުގެ ޑިފެކްޓޯ ބޯޑަރުގައި ހަރަކާތްތެރިވާ އިތުރު ސިފައިންނާއި ހަތިޔާރުވެސް މަރުހަލާތަކަކަށް ބަހާލައިގެން މަޑުމަޑުން ފަހަތަށް ޖެއްސުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ދެ ގައުމުން އެގޮތަށް އެއްބަސްވެފައި ވަނީ ބޯޑަރުތަކާއި ފޯވާޑް ސަރަހައްދުތަކުން ސިފައިން މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް އެއީ އިންޑިއާ ސިފައިން މިދިޔަ ހަފުތާގައި ބުނެފައިވަނިކޮށެވެ.
"މި ހުރިހާ ކަމެއް ދިހަ ދުވަސް ތެރޭ ފުރިހަމަކުރަން އެއްބަސްވީ. ނަމަވެސް ދިމާވި ކުދި ކުދި ބައެއް ކަންކަމާ ހެދި ލަސްތަކެއް ކުރިމަތިވީ." ޕާކިސްތާނުގެ އޮފިޝަލް ވިދާޅުވިއެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އާންމުންގެ 26 މީހަކު މަރާލި ހާދިސާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދޭން ފެށުމާއެކު ދެ ގައުމުގެ ބޯޑަރު ކައިރިއަށް ސިފައިން ވަނީ ޖަމާކޮށްފައެވެ. ވައިގެ މަގުން އަދި ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި ދެ ގައުމުން 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި މަހުގެ ހަތް ވަނަ ދުވަ ދޭން ފެށި އެ ހަމަލާތައް ހުއްޓާލުމަށް ކުއްލި ގޮތަކަށް ދެ ގައުމުން އެއްބަސްވުމަކަށް އައިސް ހުއްޓާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިންޑިއާ އާއި ޕާކިސްތާނަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ދެ ގައުމުން ވެސް އަންނަނީ ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ.