ޓްރީ ޓޮޕްއިން ނަރުހުންގެ ތަމްރީން ޕްރޮގްރާމަކާއެކު، ކުޑަހުވަދޫގައި ހެލްތު ކޭމްޕް ބާއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ދ. ކުޑަހުވަދޫގައި ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ދެވަނަ ކޮމިއުނިޓީ ހެލްތު އިނީޝިއޭޓިވްގެ ގޮތުގައި ދ. ކުޑަހުވަދޫގައި ދެ ދުވަހުގެ ހެލްތު ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް ބާއްވާފައިފައި ވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެ ހޮސްޕިޓަލުން ވަނީ މި ކޭމްޕުގައި ގާތްގަނޑަކަށް 400 މީހުން ޑޮކްޓަރަށް ދައްކާފައި ވާކަމަށް ބުނެފައެވެ.

މި ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ކޮންސަލްޓަންޓް ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި:

  • ޑރ. ޒާކިޔާ އަހްމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް، ޚާއްސަކޮށް ކޮނޑުހުޅާއި ކުޅިވަރުގެ އަނިޔާތައް
  • ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން

ޞިއްޙީ ހޭލުންތެރިކަމާއި ތަމްރީން

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އަންހެނުންގެ ޞިއްޙަތާއި ދަރިމައިވުމާ ގުޅޭ ޚާއްސަ މަޢުލޫމާތު ސެޝަންއެއް ޑރ. ޒާކިޔާ އަޙްމަދު ކުރިޔަށް ގެންދެވި ކަމަށެވެ. އަދި ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައި ވާކަމަށް ވަނީ ބުނެފައެވެ.

ޖުމްލަ 400 އެއްހާ ރައްޔިތުންނަށް ޚިދުމަތް ދެވުނު އެ ކޭމްޕަކީ އަތޮޅުތަކުގައި ސްޕެޝަލިސްޓް މެޑިކަލް ޚިދުމަތްތަކަށް ހުރި ބޭނުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

އެ ކޭމްޕް ބާއްވައިފައިވަނީ މާލެއިން ބޭރުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވެސް ޓްރީ ޓޮޕުން ވަނީ ފާހަގަކޮށްފައެވެ.

އެ ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލްގެ އިތުރުން ކުޑަހުވަދޫ ކައުންސިލާއި ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވި އެހީތެރިކަމަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދ. ކުޑަހުވަދޫގައި ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

އަދި ހެލްތް ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި ޓްރެވަލް ޕާޓްނަރެއްގެ ހައިޞިއްޔަތުން މަންޓާ އެއާއިން ދެއްވި އެއްބާރުލުމަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރުގެ ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް