ގައިދީންނަށް ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދޭން ގުރުއާނާ ބެހޭ މަރުކަޒާއެކު ސޮއިކޮށްފި

ގައިދީންނަށް ގުރުއާން ކިޔަވައިދިނުމަށް ގުރުއާނާބެހޭ މަރުކަޒާއެކު ސޮއިކޮށްފި -- ފޮޓޯ/ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ގުރުއާންއުނގަންނައިދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާއި ބެހޭ ޤައުމީ މަރުކަޒުއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި ކީރިތި ގުރުއާންއާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް ޢަބްދުﷲ ސަޢުދާނެވެ.

އެމްސީއެސްއިން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި، އެ ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ތަޖުވީދުމަގުން ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާން ވިދާޅުވީ ސޮއިކުރެވުނު ފަހުމްނާމާއަކީ ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއް ކަމަށެވެ.

ގައިދީންނަށް ގުރުއާން ކިޔަވައިދިނުމަށް ގުރުއާނާބެހޭ މަރުކަޒާއެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އަދި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ކީރިތި ގުރުއާންއުނގަންނައިދިނުމަށް ޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް މުސްތަޤްބަލުގައި ޖަލުތަކުގައި ވެސް ހިންގާނެކަމަށެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ އިސްލާމިކް މިނިސްްޓްރީއިން އަބަދު ވެސް ދެމުންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކޮށްފައެވެ.

ކޮމިޝަނާ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރު ވެސް ރަނގަޅަށް ކީރިތި ގުރުއާން ކިޔަވަން ނޭނގޭކަމަށެވެ.

ގައިދީންނަށް ގުރުއާން ކިޔަވައިދިނުމަށް ގުރުއާނާބެހޭ މަރުކަޒާއެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެ ފަރާތްތަކަށް ޤުރުއާން އުގަންނާދެވޭނެ ފުރުސަތު ލިބިގެންދާކަމަށާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ކޮސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށް ވެސް ކޮމިޝަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ފަހުމްނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަށް ކީރިތި ގުރުއާންއާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ގައިދީންނަށް ގުރުއާން ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ.

އަދި ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުދީންގެ ތަޢުލީމީ ފެންވަރަށް ރިޢާއަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި، އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ވަނީ ހިމަނާފައެވެ.

comment ކޮމެންޓް