"ޓޫ އޮފް އަސް" ޝޯއަށް އިންޑިއާގެ ހޯސްޓް ކެޓަންއާއި ޝިވޮހަމް ބޭންޑް ރާއްޖެ އަތުވެއްޖެ

'ޓޫ އޮފް އަސް'އިން ބާއްވާ ޝޯގެ ހޯސްޓް އަދި 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންޚާއި، އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ބޭންޑު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި ޝޯ ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ ރޭ 8:00 އިން ފެށިގެން 12:00އާ ހަމައަށެވެ.

ޓޫ އޮފް އަސްއިން ބާއްވާ މި ޝޯ ވަރަށް ޚާއްސައެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަޑު ބޮޑު ޝޯއެވެ. އަދި އިންޑިއާގެ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާ މި ޝޯ ހޯސްޓު ކުރާނީ ވެސް 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަންއެވެ.

'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން އެސްއެސްޓީވީއާ ވާހަކަދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ރާއްޖެ އައިސް 'އެސްއެސްޓީވީ'އަށް ދިން އިންޓަވިއުގައި ކެޓަން ބުނީ، މީގެ ކުރިން، ދުވަހަކު ވެސް އަދި، ރާއްޖެއަށް އާދެވިފައިނުވާ ކަމަށެވެ. މީގެ ކުރިން މުޅިން ވެސް ރާއްޖެ ފެންނަނީ ޓީވީން، ޔޫޓިއުބުން ނޫނީ އިންޑިއާ ސެލެބްރިޓީން ރާއްޖެ އައިސް ނަގާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ކަމަށް އޭނާ ބުންޏެވެ.

"ސީ އައި އޭމް ވެރީ އެކްސައިޓެޑް، [ ބަލަ، އަހަރެން މިހުރީ ހަމަ ވަރަށް ޝައުގުވެރިވެފައި]" ކެޓަން ބުންޏެވެ.

ޝޯ ހޯސްޓުކުރުމަށް އޭނާ ލާނެ ކޮސްޓިއުމާ ގުޅޭގޮތުން ސުވަލުކުރުމުން ކެޓަން ބުނީ އޭނާއަކީ އަބަދުވެސް އަމިއްލައަށް އޭނާގެ ކޮސްޓިއުމް ޑިޒައިން ކުރާ މީހެއްކަމަށެވެ.

"ޑެފިނެޓްލީ ދެއާ ވިލް ބީ އަ ލޮޓް އޮފް ބްލެކް! [ހަމަ ޔަގީނުން ވެސް ވަރަށް ކަޅު ކުލަ ގިނަ ވާނެ،" ކެޓަން ބުންޏެވެ.

ކެޓަން ބުނި ގޮތުގައި އޭނާއަށް ބެޓްލް އޮފް ދަ ބޭންޑްސް މުބާރާތުގައި ޓޫ އޮފް އަސްގެ އެންމެ ކަމުދިޔަ ޕާފޯމަންސަކީ، ދެވަނަ ޕާފޯމަންސްގައި ހުށަހަޅައިދިން 'ރަށު މުދިމަށް ކުކުޅު ނުދީ' ލަވައެވެ. ޚާއްސަކޮށް ބޭންޑުގެ ލީޑަރު، އަހުމަދު އަދުހަމް (އަދޫ)ގެ ހުނަރު އޭނާ ފާހަގަކުރިއެވެ. ރާއްޖެ ސިފަކޮށްދިނުމަށް އެ ޕާފޯމަންސްގައި އޭނާގެ އަޑުން ދޫންޏާއި، ކާޅުގެ އަޑުތައް ގެނެސްދިނުން ވެސް ކެޓަން ފާހަގަކުރިއެވެ.

'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ޝްރުތީ އަނިންދިތާ އެސްއެސްޓީވީއާ ވާހަކަދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ކެޓަންއާއި ޝިވޮހަމް ބޭންޑުގެ އިތުރަށް 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ޝްރުތީ އަނިންދިތާ ވަރްމާ ވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

'އެސްއެސްޓީވީ' އާ ވާހަކަދައްކަމުން އޭނާ ބުނީ އަދޫ އަދި މުޅި ބޭންޑަކީ ވެސް އާއިލާހާ ގާތް ބައެއްކަމަށެވެ. އެގޮތުން ރާއްޖެ އައިއިރު ކުރެވުނީ އާއިލާ ކައިރިއަށް އާދެވުން ފަދަ އިހުސާސެއްކަމަށް އޭނާ ބުންޏެވެ.

"އަރެމެންނަށް ފެނިއްޖެ ބޭރުގެ ފަސްގަނޑެއްގައި ޓޫ އޮފް އަސްގެ ވަރުގަދަ ހުށަހެޅުންތަކެއް. ދޭ ރޮކް! އެހެންވީމަ އަދި އަމިއްލަ ފަސްގަނޑުގައި އެއަށް ވުރެ ފުރިހަމަ ވަނެކަން ހަމަ ޔަގީން،" އަނިންދިތާ ބުންޏެވެ.

އެއް މަހަށްވުރެ ގިނަ ދުވަސް ވަންދެން ޓޫ އޮފް އަސްއާއެކު ހޭދަކުރި ވަގުތަކީ ވަރަށް އުފާވެރި މަޖާ ވަގުތުތަކެއްކަން ފާހަގަކޮށް އަނިންދިތާ ބުނީ، އެކުގައި އުޅެފައި އެނބުރި ރާއްޖެ އައުމުން އެންމެންނަށް ވެސް ރޮވުނު ކަމަށެވެ.

"އެއީ އެމީހުންނާ އޮތް ގުޅުމަކީ. އަބަދުވެސް އަދޫ ގާތު ބުނަން އަދި ދިމާވާންޖެހޭނެއޭ ވަރަށް އަވަހަށް. އެކަމު ހިތަކަށް ނާރާ މިހާ އަވަހަށް ކަމެއް ދެން ދިމަވާނީ،" އަނިންދިތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝޯގައި ބެލުންތެރިންނަށް ކަމުދާނެ އެތައް ސަޕްރައިޒެއް ފެންނާނެއެވެ.

"ޖަސްޓް ވެއިޓް އެންޑް ވޮޗް!" އަނިންދިތާ ބުންޏެވެ.

'ޓޫ އޮފް އަސް'ގެ ޝޯއަށް 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން އަދި ޝިވޮހަމް ބޭންޑު ރާއްޖެއަށް -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގައި ޓޫ އޮފް އަސްގެ ހުށަހެޅުންތަކާ ގުޅޭގޮތުން ވެސް އަނިންދިތާ ވަނީ ވާހަކަދައްކައިފައެވެ. އެގޮތުން ޓޫ އޮފް އަސް ބޭންޑު މީގެކުރިން ނޭނގުނު ނަމަވެސް އެ ބޭންޑުން އިންޑިއާއަށް އައިސް، ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވެ، އެ ގެނެސްދިން ކޮންމެ ހުށަހެޅުމަކީ ވެސް ސަޕްރައިޒެއް ކަމަށް އޭނާ ބުންޏެވެ. އެއީ އެހެން ލެވަލެއް ކަމަށާއި މިފަހަރުގެ ޝޯގައި ޓޫ އޮފް އަސްއިން ދެން ދައްކާނީ ކިހާވަރެއްގެ ހުށަހެޅުމެއްކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ލައިވްކޮށް ރާއްޖޭގެ މީހުންނަށް މިހާ ބޮޑު ޝޯއެއް މީގެކުރިން ފެނިގެންދާނެ ކަމާމެދު ޝައްކު. އަދޫ އަދި ޓޫ އޮފް އަސް. އެ މީހުން ހަމަ އެކަނި މުބާރަތުން މޮޅުވީއެއް ނޫން. ހިތްތައް ވެސް އަތުލައިފި. ބެޓްލް އޮފް ދަ ބޭންޑްސް މިހާ މަޝްހޫރުވީ އެމީހުންގެ ސަބަބުން،" އަނިންދިތާ ބުންޏެވެ.

'ޓޫ އޮފް އަސް'އިން އޮލިމްޕަހުގައި ބާއްވާ ޝޯގެ ޚަރަދުގެ ބޮޑުބައެއް ސްޕޮންސާ ކުރުމުން، ޝޯގެ ޓިކެޓު މިހާރު ވަނީ އަގުހެޔޮކޮށްފައެވެ. މިހާރު ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް 1،000 ރުފިޔާއަށް ލިބޭއިރު، ގޯލްޑް ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 500 ރުފިޔާއަށެވެ. އަދި ބްރޮންޒް ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 250 ރުފިޔާއަށެވެ.

ޓޫ އޮފް އަސްއިން ބާއްވާ ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ވުމަށް ސޮއިކުރުން -- ސަން ފޮޓޯ/ އަފުވާން ސޮލާހް

އެ ބޭންޑުން ބާއްވާ ޝޯގެ ޓިކެޓު ވިއްކަނީ އެ ކަމަށް ޚާއްސަކޮށް ހަދާފައިވާ ވެބްސައިޓު މެދުވެރިކޮށެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހުގައި ޓިކެޓު ގަނެވޭނެއެވެ.

މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ.

ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ އިތުރު ފަންނާނުންނާއި ރާއްޖޭގެ ފަންނާނުންގެ ތެރޭގައި:

  • ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް
  • ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް'
  • މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)

ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

comment ކޮމެންޓް