އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމަށް ދިމާވާ ގޮންޖެހުންތަކާމެދު ސަރަހައްދީ ގައުމުތަކުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ވާޗުއަލްކޮށް ބޭއްވި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އަންނަން އޮތް ޖީލުތަކަށް އިންޑިއާ ކަނޑު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުން ހޯސްޓު ކުރީ އައިއޯއާރުއޭ ޗެއާކުރަމުންދާ ސްރީލަންކާއިންނެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެންބަރު ގައުމުގެ މިނިސްޓަަރުންނާއި ސީނިއާ އޮފިޝަލުންނާއި 12 ޑައިލޮގު ޕާޓްނަރުން ބައިވެރިވި ކަމަށެވެ.
މިނިސްޓަރު ޚަލީލްގެ ވާހަކައިގައި، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަމަށް ގައުމުތަކުން ގުޅިގެން އަވަސް ހައްލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އައި އައިއޯއާރުއޭގެ ތަސައްވުރަށް ރާއްޖޭން އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އައިއޯއާރުއޭއަކީ ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، އިންޑިއާ ކަނޑުގެ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް ޓަކައި 1997ވަނަ އަހަރު ސަރަހައްދީ ގައުމުތަކުން ހިއްސާ ވެގެން އުފެއްދި ޖަމިއްޔާއެކެވެ. އައިއޯއާރުއޭގެ 22ވަނަ މެންބަރު ގައުމުގެ ގޮތުގައި އެ ޖަމިއްޔާއާ ރާއްޖެއިން ގުޅުނީ އަށެއް ނޮވެންބަރު 2019ގައެވެ.