މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ" އެއް އަހަރު ދުވަހަށް ހިންގާނެ ބަޔަކު ހޯދަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި ވަނީ އޮޅުހިޔާގެ 'ޝެލްޓާ ބައި' އެއް އަހަރު ދުވަހަށް، މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 14 ދުވަހުގެ ތެރޭ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އިއުލާނުކޮށްފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 13:00އެވެ.
މިނިސްޓްރީން އެކުލަވައިލި ކަރުދާހުގައި އޮޅުހިޔާގެ ޝެލްޓަރު ބައި ހިންގަން ހަވާލުވާ ފަރާތުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- ޝެލްޓަރިން ބައިގެ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން.
- އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމާ ގުޅޭގޮތުން މިނިސްޓްރީން ހަދާފައިވާ ޕްލޭންގައިވާ ގޮތުގެ މަތިން މާލެ ސިޓީގެ މަގުތަކުން ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ގެންދިޔުމުގައި އެހީތެރިވުން.
- އޮޅުހިޔާގެ ކްލިނިކުގައި ވެޓެރިނަރީ ނާސިން ޚިދުމަތް ދިނުމުގައި އެހީތެރިވުން.
- މަސައްކަތާ ހަވާލުވާ މުއްދަތުގައި މިނިސްޓްރީއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން.

އޮޅު ހިޔާގެ އެތެރޭގެ ފޮޓޮއެއް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މީގެ އިތުރުން އޮޅުހިޔާ ބަލަހައްޓަން ހަވާލުކުރާ ފަރާތަށް މިނިސްޓްރީގެ ފަރާތުން ކޮށްދޭނެ ކަންތައްތަކާއި ޒިންމާތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ:
- އޮޅުހިޔާއިން ކުޑަ އޮފީސް ޖާގައެއް ހަމަޖައްސައިދިނުން.
- ޝެލްޓަރު ބައިގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި ތަކެތި ފޯރުކޮށްދިނުން.
- ޝެލްޓަރު ބައި ހިންގުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
- މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މާލެ ސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔަލަށް ވެއްދުން.
- އިދާރީ ގޮތުން މުޅި އޮޅުހިޔާ ހިންގުމާއި ސެކިއުރިޓީ ބެލެހެއްޓުން.
- އޮޅުހިޔާގެ ކްލިނިކް ހިންގައި ބެލެހެއްޓުން.
- އޮޅުހިޔާއާ ބެހޭ ފެއާތަކާއި ކޭމްޕްތައް ރާވައި ހިންގުން.
- އޮޅުހިޔާއިން ބުޅަލުގެ އެޑޮޕްޝަން ކަންކަން ހިންގާ ބެލެހެއްޓުން.
- އޮޅުހިޔާގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.
އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް އެޑްވާންސް ފައިސާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް
ފައިސާ ދޫކުރެވިދާނެއެވެ. އެ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250،000 އަށްވުރެ ބޮޑުވާނެނަމައެވެ.
އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15 ޕަސެންޓަށް ވުރެ ބޮޑުނުވާ އަދަދެއް ކަމަށް ވެސް އިއުލާނުގައިވެއެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނި ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

އޮޅުހިޔަލަށް ގެންގޮސްފައިވާ ބުޅާތަކެއް: މިހާތަނަށް 30 ބުޅާ ގެންގޮސްފި -- ފޮޓޯ/ އެނިމަލް ވެލްފެއާ މިނިސްޓްރީ
މީގެ އިތުރުން ވެސް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އޮޅުހިޔަލަށް ވެޓިރިނަރީ އެސިސްޓެންޓެއް ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިންނެވެ. މި މަގާމުގެ މުސާރައިގެ ގޮތުގައި 4،465 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މާލެ ސިޓީ ކައުންސިލްގެ ޚަރަދުގައި ބުޅާ ފެސިލިޓީ ގާއިމުކޮށް، އެތަނަށް ބުޅާތައް ގެންދަން ތައްޔާރުވެފައި ވަނިކޮށް، އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އެދުނެވެ. އެއީ، އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް، ސިޓީ ކައުންސިލުން މިނިސްޓްރީއާ ފެސިލިޓީ ހަވާލުކުރަން ނިންމީ އެތަނަށް ކުރި ޚަރަދު ހޯދާ ގޮތަށެވެ.
އޭގެފަހުން، މިދިޔަ ފެބްރުއަރީ މަހު 26ގައި މިނިސްޓްރީން ވަނީ ފެސިލިޓީއާ ހަވާލުވެ، 15 ބުޅާ ގެންގޮސްފައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މިހާތަނަށް 30 ބުޅާ އެތަނަށް ގެންގޮސްފައިވާ ކަމަށެވެ.
އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލް އޮކިއުޕަންސީގައި ބުޅާ ފެސިލިޓީ ހިންގާއިރު، ނޮން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
އަދި އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ.
މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.