ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، އެ ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން"، މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށާއި، ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
އެކަލާނގެ އަޅަމެންނަށް ގޮވައިލައްވަނީ، އެކަލާނގެ ހަޟުރަތަށް އަލުން އައުމަށްކަމަށް ޚުތުބާގައި ބުންޏެވެ.
އިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށް ޚުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒަށް މީހުން ހުކުރު ނަމާދަށް އަރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތްﷲ އަށް ތަގުވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ އަމަލުތައްކުރުން ގިނަކުރުމަށެވެ. އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަކުރައްވާ އެއްޗެއް މާތްކުރައްވައި، ޚިޔާރުކުރައްވާ ރަސްކަލާނގެ ކަމަށް ޚުތުބާގައި ބުންޏެވެ.
މުސްލިމުންނަކީ، އެ މީހުންގެ އަމަލުތަކާއި، ވަގުތުތަކުގައި، މާތްﷲ ގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭން ޖެހޭ ބަޔެއް. އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ މާތްﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތައް، ހުކުރު ޚުތުބާ
ހުކުރު ޚުތުބާގައި ބުނީ ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށާއި، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތްﷲ މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ވާ ކަމަށެވެ. ދީން ފުރިހަމަވުމުގެ ސަބަބުން:
- ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބޭ.
- އެ މީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ.
- އެ މީހުންގެ ހަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށް ވޭ.
- އެ މީހުންގެ ސުލޫކާއި އަޚުލާގު ރިވެތި ސުލޫކުކަމުގައި ވޭ.
- އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބޭ.

ދިވެހި ޙައްޖުވެރިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތްﷲ ގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާން ފެށި ކަމަށާއި، މާތްﷲ ގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުންވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެ ދުވަސްވަރު އަރަބިކަރައިގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފައި ކަމަށާއި، އިސްލާމް ދީން އަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށެވެ. މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައިވުމަށާއި، އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިހު އަމަލުތައް ގިނަކޮށް މާތްﷲ ގެ ހަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އެ ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތްﷲ އަށް ޒިކުރުކުރުން ހިމެނޭ ކަމަށާއި، އެކަލާނގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރުކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.