ކޫޕް ޑެ ފްރާންސް ނުވަތަ ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕެރިސް ސެއިންޓް ޖާމެއިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ރެއިމްސް އާ ބައްދަލުކޮށް ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މި ކާމިޔާބީއާއެކު މި ސީޒަންގައި ޑޮމެސްޓިކް ދެ ތަށީގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދާ ޔޫރަަޕްގެ 11 ވަނަ ޓީމަށް ވުމުގެ ފުރުސަތު ޕީއެސްޖީއަށް މިވަނީ ހުޅުވިގެން ގޮސްފައެވެ. އެއީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކާމިޔާބު ކޮށްގެންނެވެ.
ޕީއެސްޖީއިން ވަނީ މި ފަހަރުގެ ފްރެންޗް ލީގު އާންވެސް ކާމިޔާބު ކޮށްފައެވެ. ސްޓާޑޭ ޑެ ފްރާންސްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. އަދި ރެއިމްސްއަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިގެންދިޔަތަން ފެނިގެނެއް ނުދިޔައެވެ. އަދި ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.
މި މެޗު ޕީއެސްޖީއިން ފެށިތަން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކޮށެވެ. މި ގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޕީއެސްޖީއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ. އަދި މި ލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓް ފަހުން ބާކޯލާ ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޕީއެސްޖީއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަޝްރަފް ހަކީމީއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އުސްމާން ޑެންބެލޭއަށް އެ ޓީމުގެ ލީޑު ފުޅާކުރާނެ އިތުރު ދެ ފުރުސަތެއް ލިބިގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް އޭނާއަށް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފި ދިޔައިރު މެޗު ނިމިގެންދިޔައި ނަތީޖާއަށް އިތުރު ބަދަލެއް ނައިހެއެވެ.
މި ކާމިޔާބީ އާއެކު ޕީއެސްޖީގެ ސަމާލުކަން ދެން ހުއްޓިގެންދާނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށްކަން ޔަގީނެވެ. މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ޕީއެސްޖީ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނި އިންޓާ މިލާން އާއެވެ.
ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވެގެންދާނީ ޗެމްޕިއަންސް ލީގާއެކު ތިން ތަށި އެއް ސީޒަނެއްގައި ދެ ފަހަރަށް ކާމިޔާބު ކުރާ ދެވަނަ ކޯޗަށެވެ. އޭނާވަނީ ތިންތަށި އެފްސީ ބާސެލޯނާ އާއެކު 2015 ވަނަ އަހަރު ހާސިލްކޮށްފައެވެ. މިކަން މިހާތަނަށް ހާސިލް ކުރެވިފައިވާ ހަމައެކަނި ކޯޗަކީ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. އޭނާވަނީ ތިން ތަށި ބާސާ އާއެކު 2009 ވަނަ އަހަރު އަދި ސިޓީ އާއެކު 2023 ވަނަ އަހަރު ހާސިލްކޮށްފައެވެ.