ވޮޝިންޓަން (25 މެއި 2025) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް އުވާލަން އެމެރިކާ ތައްޔާރުވަމުން ދާކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔިސްރައެލް ހިޔޮމް" ބުނެފިއެވެ.
މި ނޫސް ބުނާގޮތުން މިއީ އިސްރާއީލުގެ ވެރިން ވަރަށް ބޮޑަށް ހިތުގައި ޖެހޭނެކަމެކެވެ. ނަމަވެސް އީރާނާބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންހާޔޫ ދައްކާ ހުރިހާ ވާހަކަތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގަބޫލު ނުކުރައްވާ ކަމަށާއި ޓްރަމްޕް ބުރަވަނީ އީރާނާދެކޮޅަށް ހަނގުރާމައަކަށް ގޮސްގެން ވާނެ ފައިދާ އެއް ނޯންނެކަމަށް އެމެރިކާ ގަބޫލުކުރާކަމަށް މި ނޫސް ބުނެއެވެ.
އަދި ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އީރާނުން ދިނުމާއި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 3.7 އަށް ވުރެ ދަށް ކުރުމަށް އީރާން އެއްބަސްވުމުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އީރާނާއެކު ވިޔަފާރި ކުރުމުން އެމެރިކާއަށް މާބޮޑަށް ފައިދާ ވާނެކަމުގައެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރަމްޕް ގެ ސަރުކާރުން ވަނީ ގަލްފުގެ ގައުމެއްކަމަށްވާ އުމާން މެދުވެރިކޮށް ނުސީދާކޮށް އީރާނާއެކު ވާހަކަތައް ފަށާފައެވެ. މިވާހަކަތަކުގެ ފަސް ބުރު މިހާރު ބާއްވާފައިވާއިރު ފަހުބުރުން ކޮންމެވެސް ވަރެއްގެ ކުރިއެރުން ތަކެއް ލިބިފައިވާކަން އެމެރިކާއާއި އީރާނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލަ އަދިވެސް ހައްލުނުވެއެވެ.
ސުލްހަވެރި ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާ ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި އީރާންވެސް ހިމެނޭގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ލިބިދޭ ހައްގެކެވެ. ނަމަވެސް އެމެރިކާ ބޭނުންވަނީ އިސްރާއީލު އެދޭގޮތަށް ނިއުކްލިޔާ ޓެކްނޮލޮޖީން އީރާން އެއްކޮށް މަހުރޫމް ކުރާށެވެ. އެހެންކަމުން އީރާނަށް ބިރު ދައްކައިގެން މި ހައްގު ދޫކޮށްލަން އީރާނަށް މަޖުބޫރު ކުރުވާށެވެ. ނަމަވެސް އީރާނަށް އޮތީ އެމެރިކާ ޖަހާހައި މަޅިއަކަށް ބޯކޮށްޕާލާ ގޮތަކަށް ނޫނެވެ. އަދި އެމެރިކާއަށްް ލަގަން ދޫކޮށްލާ ގޮތަަކަށްވެސް ނޫނެވެ. ހައްގު ހޯދުމަށްޓަކައި ހަނގުރާމަ ކުރަންޖެހިއްޖެނަމަ އެކަންވެސް ކުރާ ގޮތަށެވެ.
ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގު ދޫކޮށްލުމަށް އީރާން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. އަދި މިއީ ހުރަސް ނުކުރާނެ ރަތް ރޮނގު ކަމަށާއި މި ހައްގު ދިފާއު ކުރުމަށްޓަކައި ހަނގުރާމަކުރަން ޖެހުނަސް އެކަން ކުރާނެކަން ތަކުރާރުކޮށް އީރާން ގެންދަނީ ބުނެ އަމަލީގޮތުން އެކަން ދައްކަމުންނެވެ.
އެމެރިކާއަކީ ގައުމުތަކަށް ލަނޑުދޭ މަކަރުވެރި މުނާފިގު ގައުމެއްކަން ރަނގަޅަށް ދަންނަކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އެހެންކަމުން މި މައްސަލާގައި އެމެރިކާއަށް ހެދޭނެ މާބޮޑު ގޮތެެއްނެތެވެ. އީރާނާދެކޮޅަށް ހަނގުރާމައަކަށް ގޮސްގެން މަގުސަދު ހާސިލް ނުކުރެވޭނެކަމަށް ޚުދު އެމެރިކާގެ ތަޖުރިބާކާރުން ވެސް ގަބޫލުކުރެއެވެ. އެމެރިކާއަށް ހޫޘީން ބަލިނުކުރޭވޭއިރު އީރާން ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެހެންކަމުން އެންމެފަހުން ވާހަކަތައް ނިމޭނީ ޔޫރޭނިޔަމް ފައްކާ ކުރުމުގެ ހައްގު އީރާނަށް ލިބޭގޮތަށް ނަމަވެސް ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އީރާނުން ދިނުމުގެ މައްޗަށްކަމަށް ތަހުލީލީ ރިޕޯޓްތައް ބުނެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އުވާލަން އެމެރިކާ މިހާރު މަސައްކަތްކުރަނީ ކޮން ބާވަތެއްގެ ފިޔަވަޅުތަކެއްކަން އަދި ސާފެއް ނުވެއެވެ.