ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ޔުނިފޯމްގައި ހަރުކޮށްފައި ހުންނަ ކެމެރާ ނުވަތަ ބޮޑީ ވޯން ކެމެރާ އިމިގްރޭޝަން އޮފިސަރުން ބޭނުންކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އެ ޚިދުމަތުން އިއްޔެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ އޮޕަރޭޝަނުގައި އިމިގްރޭޝަން އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފައި ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އިމިގްރޭޝަން އޮފިސަރަކު ބިދޭސީއެއްގެ ފޮޓޯ ނަގަނީ: އިމިގްރޭޝަން އޮފިސަރުން ވަނީ ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފައި -- ފޮޓޯ/ އިމިގްރޭޝަން
އިމިގްރޭޝަނުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފައި ވަނީ، އެ އިދާރާގެ އޮފިސަރުންތަކެއްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ، އެ އިދާރާގެ އެންމެ އިސް ފަރާތަކަށް މި ސަރުކާރުން ފުރަތަމަ ކަނޑައެޅި މުޙައްމަދު ޝައްމާން ވަހީދާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ, މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކެކެވެ.
އެ މައްސަލައިގައި ތުހުމަތުކުރަނީ، އިމިގްރޭޝަންގެ އުސޫލުތަކާ ޚިލާފަށް ބިދޭސީންތަކެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އަތުލައިފައިވާ ކަމަށެވެ.
އެ ތުހުމަތާ ގުޅިގެން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާޢި 10،000 ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިމަހުގެ 12 ވަނަ ދުވަހު ވަނީ ފޮނުވައިފައެވެ. ނަމަވެސް މިހާތަނަށް ޕީޖީން ދައުވާ ކުރިކަން ހާމަކޮށްފައިނުވެއެވެ.
ޝަމްއާންގެ އާއިލާއިން ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ ފްރޭމްކުރީ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭގެ ސަބަބަކީ އޭނާ ކޮރަޕްޝަން ފަޅާ އަރުވާލަން މަސައްކަތް ކުރުން ކަމަށާއި އޭނާގެ އަތުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް އޮތް ކަމަށް އިހުސާން ގަބޫލުކުރައްވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޝަމްއާން ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެފައިވާއިރު، އިހުސާނާ ގުޅޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި ބިދޭސީން އުޅެނީ ގަވައިދަށްތޯ ބަލައެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ގަވައިދަށް އުޅުމަށް ފުރުސަތު ދެއެވެ. ނުވަތަ އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދެއެވެ.
މީގެ އިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އެ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.