އިމިގްރޭޝަނުން އިއުލާން ކުރި 50 ވަޒީފާއަކަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ކިޔޫ ހަދައި އެޕްލިކޭޝަން ހުށަހަޅައިފައިވާއިރު، އެ މަގާމަށް އިތުރު 150 މީހުން ނަގަން ފަހުން ހުޅުވައިލާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަނަށް 50 އޮފިސާ ޓްރެއިނީސް ހޯދަން ހެނދުނު 09:00 އިންޓަވިއުތައް ފެށިއިރު، ގަލޮޅު ސުކޫލުގެ ދުވާރުމަތި އެއްކޮށް ފުރާލީ އިންޓަވިއުއަށް އައި މީހުން ހެދި ކިއުއިންނެވެ.
ވޯކް-އިން އިންޓަވިއުއަކީ ކުރިއާލާ ފޯމު ހުށަހެޅުމެއް ނެތި، ވަޒީފާ ހުށަހަޅާ ތަނަކުން ބުނާ ގަޑިއެއްގައި އިންޓަވިއު ކުރާ ތަނަކަށް ގޮސް ވަގުތުން ކުރާ އިންޓަވިއުއެވެ. މިފަދަ އިންޓަވިއުތަކަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ކުރާ އިންޓަވިއުތަކެކެވެ.
އިއްޔެ ހަވީރު 05:00 އާހަމައަށް އިންޓަވިއުތައް ކުރިއަށް ގެންދިޔައިރު، 876 މީހުން ކިޔޫގައި ޖެހިގެން އެ ވަޒީފާތަކަށް ކުރިމަތިލިއެވެ.
އެހާ ގިނަ އަދަދެއްގެ މީހުން ކިޔޫގައި ޖެހިގެން ވަޒީފާއަށް ކުރިމަތިލުމުން އިތުރަށް އޮފިސާ ޓްރެއިނީސް ނަގާނެތޯ 'ސަން'އިން ސުވާލުކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޮފިސާ ޓްރެއިނީސް ނެގުމަކީ ސިލްސިލާކޮށް ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ.

އިމިގްރޭޝަންގެ ވޯކް- އިން އިންޓަވިއުއަށް އިއްޔެ ގަލޮޅު ސުކޫލުގެ ދުވަރުމަތީގައި ކިޔޫ ހަދާފައި --- ފޮޓޯ/ އިމިގްރޭޝަން
އެގޮތުން ޖުމުލަ 200 ޓްރެއިނީ އޮފިސަރުން ނަގަން ނިންމަފައިވާއިރު، މިފަހަރު ހޯދަން އިއުލާނުކުރި 50 އޮފިސަރުން އޭގެތެރޭގައި ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތުރު 150 މީހުން އެމަގާމުތަކަށް އަދި ނަގާނެ ކަމަށާއި ނަމަވެސް، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާނީ ހުއްދަ ލިބުމުން ކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި، ތާރީޚެއް ކަނޑައެޅުމުން މަގާމުތަކަށް އެޕްލައި ކުރަން ހުޅުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ އިންޓަވިއުތައް ފުރަތަމަ ކުރިއަށް ގެންދިޔައީ ގަލޮޅު ސްކޫލްގެ ޖުމްލަ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުންނެވެ. ނަމަވެސް، ޝަތުރު ހަމަވާ މީހުން ބެލުމަށް ފަހު، އިތުރު ތިން އިންޓަވިއު ޕެނަލް އިތުރުކުރިއެވެ.
މި މަގާމަށް މުސާރައަށް 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާއެވެ. އަދި ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.
ރާއްޖޭގައި 2022 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީ 515,132އަށް އަރާއިރު، މަސައްކަތު އުމުރުގެ އާބާދީ، އެއީ 15 އަހަރުން މަތީގެ އާބާދީއަކީ 411،219 އެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަސައްކަތް ލިބިފައިނުވާ އާބާދީ 9،244 (ތިން ޕަސެންޓް)އަށް އަރައެވެ.