ކުލަގަދަ ހަރަކާތްތަކާއެކު، ސަން ސިޔާމް މީޑިއާގެ ބޮޑު އީދު ކަވަރޭޖު ލ. ގަމާއި ބ. ދަރަވަންދޫން ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ.
އެކަމަށްޓަކައި، އެސްއެސްމީޑިއާއި ދަރަވަންދޫ ކައުންސިލާއި ގަމު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެގޮތުން، އެރަށްތަކުގެ ތެރެއިން ދަރަވަންދޫއިން ވަނީ 'މަގޭ އީދު' ކުލަގަދަ ގަދަކޮށް، ފާހަގަކުރުމަށް ތައްޔާރުވެފައެވެ. އެރަށުގެ އީދު ހަރަކާތްތައް ފަށާނީ ޖޫން ފަސް ވަނަ ދުވަހުގެ ރޭ އޮންނަ 'މަގޭ ބަގީޗާ' ހުޅުވުމުގެ ރަސްމިއްޔާތުންނެވެ. އެއަށްފަހު، ކުޑަކުދިންނާ އާއިލާތަކަށް ޚާއްސަ 'ރޮބޯމޭން'ގެ ޝޯއެއް އޮންނައިރު، އެރޭ ހަވާ އެރުވުން ވެސް އޮންނާނެއެވެ.

ދަރަވަންދޫގެ އީދު ހަރަކާތްތައް: އެ ރަށުގަޢި ކުލަ ގަދަކޮށް، އީދު ފާހަގަކުރުމަށް ވަނީ ރާވާފައި ----
އޭގެފަހުން، އީދު ދުވަހުގެ ހަރަކާތްތައް ފަށާނީ އީދު ހެނދުނު 07:00ގައި ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުންނެވެ. އޭގެފަހުން، އެދުވަހު އީދު ފެންކުޅިއާއި އީދު ސައި އޮންނާނެއެވެ.
އެދުވަހުގެ ހަވީރު ދަރަވަންދޫ ބަނދަރު ސަރަހައްދުގައި އޮންނާނީ ކ. ކާށިދޫ ވެންޗާ ކުލަބުގެ ސަގާފީ ހަރަކާތެކެވެ. އެރޭ 21:00ގައި ދަރަވަންދޫ ރަސްގެއޮޑި އަތިރިމަތިން ވެސް އެ ކުލަބުގެ ސަގާފީ ޝޯއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން، ވަޅު އީދު ދުވަހު (ޖޫން ހަތްވަނަ ދުވަހު) މާލި ނެށުމާއި ކޯޑި ހިނގުން އޮންނައިރު، ޓޫއޮފް އަސް ބޭންޑުގެ ޝޯއެއް ވެސް އޮންނާނެއެވެ.
އެ ޝޯ އޮންނަކަން އިއުލާނުކުރުމާއެކު، ގިނަ އަދަދެއްގެ މީހުން އަންނަނީ ދަރަވަންދޫއަށް ޒިޔާރަތްކުރުމަށް ޓިކެޓު ބުކް ކުރަމުންނެވެ. މި ހަރަކާތްތަކުގެ އިތުރުން ވެސް އީދުގެ ގިނަ ހަރަކާތްތަކެއް ދަރަވަންދޫގައި ބާއްވާނެއެވެ.

ގަމު ކައުންސިލާއެކު އެސްއެސްމީޑިއާއިން ސޮއިކުރުން --- ސަން ފޮޓޯ/ މޫސާ ނަދީމް
ގަމުގައި ވެސް ފޯރިގަދަ ހަރަކާތްތަކެއް ބޮޑު އީދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބައިބަލާ މުބާރާތަކާއި ސްޓޭޖު ޝޯއެއް ބާއްވަން ވަނީ ނިންމާފައެވެ.
މި ހުރިހާ ހަރަކާތްތަކެއް ވަރަށް ފޯރިއާއެކު، ވަގުތުން އެސްއެސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުން ގެނެސްދޭނެއެވެ. އެ ރަށްތަކުން އީދުގެ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް އެސްއެސްމީޑިއާގެ ކުރޫއެއް ހަރަކާތްތެރިވާނެއެވެ.
މިއަހަރުގެ ބޮޑު އީދު އެސްއެސްމީޑިއާއަށް ޚާއްސަވާ އަނެއް ކަމަކީ، އެއްފަހަރާ ގިނަ ތަންތަނުން ލައިވް ކުރުމަށް 'ސަން ޕްލޭ' ލޯންޗު ކުރުމަށް ނިންމާފައި ވުމެވެ. މި އެޕް ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން އީދުގެ ކުރިން ޑައުންލޯޑުކޮށްލެވޭނެއެވެ.