އޭޝިއަން އެތުލެޓިކްސްގެ ލީޑަޝިޕް އެވޯޑު ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ޠަލާލަށް

އޭޝިއަން އެތުލެޓިކްސް ލީޑަޝިޕް އެވޯޑާއެކު ޠަލާލް-- ފޮޓޯ: އޭޝިއަން އެތުލެޓިކްސް

ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުވުމާއި، ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޭޝިއާގެ އެތުލެޓިކްސްގެ މައި ޖަމިއްޔާއިން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު، އަދި ކުރީގެ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ޠަލާލަށް އޭޝިއަން އެތުލެޓިކްސް ލީޑަޝިޕް އެވޯޑު ދީފިއެވެ.

ޠަލާލުގެ ޚިދުމަތް ފާހަގަކުރައްވާ އޭނާއަށް ޝަރަފުވެރިކަމުގެ މި އެވޯޑު އަރުވާފައިވަނީ މިހާރު ދެކުނު ކޮރެއާގައި ކުރިޔަށްދާ އޭޝިއަން އެތްލެޓިކްސް ކޮންގްރެސް 2025ގެ ހަވާސާގެ ތެރެއިން ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

ޠަލާލަށް މި ޝަރަފުވެރި އެޑޯވް ދިނުމަށް އޭޝިއާ އެތުލެޓިކްސްއިން ނިންމީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުއްވުމަށް ކުރެއްވި މަސައްކަތްތަކާއި ޝައުގުވެރިކަމާއެކު ކުރައްވާ ޚިދުމަތްތައް ފާހަގަކުރައްވާ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ޠަލާލް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 2012ވަނަ އަހަރެވެ. އޭގެ ކުރިންވެސް ޠަލާލް ވަނީ އެކި ގޮތްގޮތުން އެތްލެޓިކްސްއަށް ހިދުމަތްކުރައްވާފައެވެ. އަދި 2021ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ.

ޠަލާލްގެ މޭސްތިރިކަމުގެ ދަށުން ނުވަތަ އޭނާގެ ލީޑަޝިޕުގެ ދަށުން ރާއްޖެއިން ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ގޭމްސްއަކުން ރާއްޖެއިން ހޯދި ރަން މެޑަލް ފާހަގަކޮށްލެވެއެވެ. ރިޔޫނިއަންގައި 2015ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދާފައެވެ.

އެއަށްފަހު ރާއްޖެއިން ގިނަ ގައުމީ ރިކޯޑުތަކެއް އައުކޮށްފައިވާއިރު، 2019ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރަން މެޑަލް ހޯދާފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް ސަރަހައްދީ ފެންވަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފުރަތަމަ ރަން މެޑަލްއެވެ. މީގެ އިތުރުން ދިވެހި އެތުލީޓުންގެ ޓައިމިންތައް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.

ޖެހިޖެހިގެން ތިން ދައުރު މަގާމުގައި ހޭދަކުރެއްވުމަށްފަހު ޠަލާލް އެ މަގާމް ދޫކޮށްލެއްވީ 2023ވަނަ އަހަރު މި ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު