ފަހުގެ ތާރީޚެއްގައި ތެލަސީމިއާ ކުދިންނަށް އެންމެ ބޮޑަށް އިސްކަން ދިނީ މި ސަރުކާރުން: ނާޒިމް

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް، ރައީސް މުއިއްޒު އެ ތަން ހުޅުވައިދެއްވަނީ: ރައީސް ވަނީ މިއަދު އެތަން ބައްލަވާލައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ތެލަސީމިއާ ކުދިންނަށްދޭ ޚިދުމަތް ރަނގަޅުކުރަން ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ވަރަށް ގިނަ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ރަސްމީކޮށް މިއަދު ވަނީ ބަދަލުކޮށްފައެވެ.

ތެލަސީމިއާ ސެންޓަރު، އޮރެންޖު ހިޔާއަށް ބަދަލުކޮށް އެތަން މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު ނާޒިމާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، އެމްއެންޑީއެފްގެ އިސްވެރިންގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވަނީ އެ ސެންޓަރު ހުޅުވައިދެއްވުމަށްފަހު، އެތަން ބައްލަވައިލައްވާ، އެވަގުތު އެތަނުގައި ފަރުވާ ހޯދަމުންދިޔަ ތެލަސީމިއާ ޕޭޝަންޓުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް، ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ތެލަސީމިއާ ކުދިންނަށްޓަކައި ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށާއި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ވެސް އެބަހުރިކަމަށެވެ. ނަމަވެސް މިއަދު އެ ދާއިރާއިން ގިނަގުނަ ކާމިޔާބީތަކެއް ވެސް ހާސިލުވެފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ، ގާތްގަނޑަކަށް 30 އަހަރު ބޭނުންކުރި ތެލަސީމިއާ ސެންޓަރު އިމާރާތުގައި ޚިދުމަތް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވީތީ ރައީސަށް ޝުކުރުއަދާކުރައްވައިފައެވެ.

އަދި ކުޑަދުވަސްކޮޅެއް ތެރޭގައި ރައީސްގެ އިސްނެންގެވުމާއެކު އެކަން ހަގީގަތަކަށް ހެދުމުގައި ޑިފެންސް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ކުރި ބުރަ މަސައްކަތަށް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

މި ބައްޔަށް ޝިފާ ހޯދުމާއި، މިކަމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ތަރުތީބުކުރެވިގެން އައިސްފައި ވަނީ ހަމައެކަނި މި ފަހުގެ ތާރީޚެއްގައި މިއަދުގެ ސަރުކާރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް

އައު ތެލަސީމިއާ ސެންޓަރު ގާއިމުކޮށްފައި ވަނީ އޮރެންޖް ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް، ރައީސް މުއިއްޒު އެ ތަން ހުޅުވައިދެއްވަނީ: ރައީސް ވަނީ މިއަދު އެތަން ބައްލަވާލައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މި ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވޯޑެއް ވަނީ ގާއިމުކޮށްފައެވެ. މި ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވަނީ ގާއިމުކޮށްފައެވެ. އަދި އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑެއްވެސް ގާއިމުކޮށްފައިވެއެވެ.

ހަމައެއާއެކު ބަލިމީހުންނަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ކައުންސެލިން ރޫމެއްވެސް އެ ސެންޓަރުގައި ގާއިމުކޮށްފައިވެއެވެ.

މި ސެންޓަރުން ލިބޭނެ ޚިދުމަތްތަކަކީ:

  • ކޮންސަލްޓޭޝަންގެ ޚިދުމަތްތައް: ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން ރޭގަނޑު 20:30އަށް
  • ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން ރޭގަނޑު 19:30އާއި ހަމައަށް ލޭ ހަދިޔާ ކުރުން
  • ތެލެސީމިއާ ސްކްރީނިން ހެދުން
  • ތެލެސީމިއާ ކާޑު ދޫކުރުން

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް، ރައީސް މުއިއްޒު އެ ތަން ހުޅުވައިދެއްވަނީ: ރައީސް ވަނީ މިއަދު އެތަން ބައްލަވާލައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުވައިފައިވަނީ 1994ގައި ކަމަށްވާއިރު، އެ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ނުވުމާއި އިމާރާތް ބައުވުމުގެ ކަންބޮޑުވުން ޚިދުމަތް ހޯދާ މީހުންގެ އާއިލާތަކުން ކުރިން ފާޅުކުރިއެވެ.

އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންވެ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ، އޮރެންޖް ހިޔާ އިތުރަށް ތަރައްގީކޮށް އެ ތަނަށް ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމަވައިފައެވެ.

މިދިޔަ މާރިޗު މަހު، އެ މަސައްކަތުގެ ބޮޑު ބައެއް ނުނިމޭތީއާއި ކޮންޓްރެކްޓް ވެސް ހަމަވާތީ އެތަން ނިންމުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ރައީސް ސިފައިންނާ ހަވާލުކުރެއްވިއެވެ.

މާރިޗު މަހުގެ 28ގައި ސިފައިން އެ މަސައްކަތް ފަށައި، ކުރިއަށްގެންދިޔައީ މިނިސްޓަރު ޣައްސާންގެ އިރުޝާދުގެ ދަށުން ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ. އޮރެންޖު ހިޔާގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ވެސް ގެނެސްފައެވެ.

ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް، ރައީސް މުއިއްޒު އެ ތަން ހުޅުވައިދެއްވަނީ: މި ތަން ހުޅުވައިދެއްވައި ރައީސް ވަނީ ބައްލަވައިލައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އެއަށްފަހު އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކޮށް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

comment ކޮމެންޓް