ފެޑެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފެޑެކްސްއަކީ ދަތުރުފަތުރާއި އީ-ކޮމާސް އަދި ވިޔަފާރީގެ ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ އެމެރިކާގެ 'މަލްޓިނޭޝަނަލް ކޮންގްލޮމަރޭޓް' ކޯޕަރޭޝަނެކެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ، އޭޝިއާ އުމުރުން 34 އަހަރުގެ އިމްތާޒް ރަޝީދެވެ.
އޭނާގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުމާއި، ބޭނުންކުރުމުގެ ތުހުމަތެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވާ ގޮތުގައި، ފެޑެކްސް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ކެތިނޯން' ފެނިފައިވެއެވެ.
އަދި ފެޑެކްސްއަށް ދިޔަ މީހާ އެ ޕެކޭޖު ބަލާ ދިޔައީ އިމްތާޒު ބުނެގެން ކަމަށާއި، އޭނާގެ ފޯނުން ފެޑެކްސްއަށް ގުޅައި، އެ ޕެކޭޖު ޑެލިވާކޮށްދިނުމަށް އެދުނު ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެފަދައިން ޑެލިވާ ކޮށްދެވެން ނެތްކަމަށް ބުނުމުން އޭނާ އެ ޕެކޭޖު ބަލައި މީހަކު ފޮނުވީ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގި ކަމަށާއި، ޕެކޭޖު ނަގަން ދިޔަ މީހާއަށް ފޮށިގަނޑު ހަވާލުކުރަންޖެހޭ މީހާއާ ގުޅޭނެ އެއްވެސް ގޮތެއް ނެތުމުން، ސީދާ އެ ޕެކޭޖު ގެންދަން ޖެހޭ ގެއަށް ގޮސް ހަދަން ޖެހޭ ގޮތެއް ނޭނގުނު ކަމަށް ފުލުހުންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް އެ ތަކެތި ބަލައި އެއްވެސް ފަރާތަކުން އަންނާނެކަމަށް ފުލުހުންނަށް ގަބޫލުނުކުރެވޭތީ އެ އޮޕަރޭޝަން ހުއްޓާލީ ކަމަށް ކޯޓު އަމުރުން އެނގެއެވެ.
އެ ޕެކޭޖާ އިމްތާޒާ ސީދާ ގުޅޭ ގޮތެއް ސާފުނުވާކަމަށާއި، ޕެކޭޖު ބަލައި ދިޔަމީހާގެ އަތުގައި އޮތް ފޯނާއި، ފޯނު ނަންބަރަކީ އޭނާގެ އެއްޗެއްކަން ނޭނގޭ ކަމަށާއި، މައްސަލައިގައި އޭނާއާ އިމްތާޒާ ސީދާ ގުޅުވާލަދޭ ހެއްކާއި ގަރީނާ ހުރިކަމަށް ނުފެންނަކަމަށް ދިފާއުން ވަނީ ފާހަގަކޮށްފައެވެ.
އެ ޕެކޭޖު ގެނައުމަށްޓަކައި ޕެކޭޖު ބޭރުގައި ޖަހާނެ މައުލޫމާތު އިމްތާޒު ހިއްސާކޮށްފައިވާ ކަމަށާއި، އެ ޕެކޭޖު ނެރުމަށްޓަކައި އިމްތާޒު ތަކުރާރުކޮށް މުއާމަލާތްކޮށްފައިވާ ކަމަށާއި، އަދި އެ ޕެކޭޖު ނެރުމަށްޓަކައި ފައިސާގެ އެހީތެރިކަން ލިބިފައިވާ ކަމަށް އައިއޯ ވަނީ ފާހަގަކޮށްފައެވެ.
ކޯޓު އަމުރުން އެނގުނު ގޮތުގައި އޭނާގެ ކުޑަކަމުދާތަކެތި ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފައެވެ.
އޭނާ ބަންދުކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ތަކެތި:
- މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހާދިސާ ރިޕޯޓު
- ފުލުހުންގެ ބަޔާން
- އާދަމް ޝަމީމް ތަހުގީގަށް ދީފައިވާ ބަޔާން
- މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު
- ކުޑަކަމުދާތަކެތީގެ ތަހުލީލު ނަތީޖާ
- މޮބައިލް ފޮރެންސިކް ރިޕޯޓު
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ.
އެއާއެކު އޭނާގެ މައްޗަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު އިއްޔެ ޖަހައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން މިއަހަރުގެ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެ ހާދިސާގައި ފެޑެކްސް މެދުވެރިކޮށް ގެނައި ފޮށިގަނޑަކާ ހަވާލުވާން ދިޔައިރު، އެ ފޮށިގަނޑުން މަސްތުވާތަކެތި ހުރި ޕެކެޓެއް ފެނިފައިވާތީ އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.