"އިންސާނާއަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށްހީއަކީ ވަގުތު އެބައޮތް ކަމަށް ގަބޫލުކުރުމެވެ."

***

ޒުބޭރުގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. ޕާރުސަލެކެވެ. ބަތް ޕާރުސަލެއްކަން ނޭގެއެވެ. އެކަމަކު އޭނަ އަތް ހިއްލާނުލިއެވެ. އޭރު ފަޅުވެރިންވެސް ބޯޓުގެ ނަގިލި ނައްޓައިލަމުން ފާލަމާއި ދުރަށް ދާންފެށިއެވެ. ބޯޓާއި ބަނދަރާއި ދޭތެރޭވާ ފެންގަނޑު ފުޅާވާން ފެށިއެވެ. އަނދިރިވެފައި ރާޅުބާނިތައް ގިނައެވެ. ޒުބޭރު ހީވީ ހަދާނެގޮތް ހުސްވެފައި ހުރިހެންނެވެ. އަތްހޫރަންވީކަމެއް ނޫނީ މަޑުކޮށްލައިގެން ހުންނަންވީ ކަމެއް ނޭގިފައެވެ. މިރިއަމް ހީލަން ވެސް ބޭނުމެއްނުވިއެވެ. އަދި ދުރަށް ބަލަންފެށިއެވެ. އޭނަގެ މަންމަ ކައިވެނީގެ މައުޟޫއަށް ވާހަކަ ގެންދާ ސަބަބަކީވެސް މި ޒުބޭރުއެވެ. އޭނަގެ ބޭނުމަކީ ކޮބާހެއްޔެވެ؟މިރިއަމް ދުވަހަކުވެސް އޭނައާއި ގަޔާވެފައެއް ނެތެވެ. ކުޑައިރުވެސް މިހާރުވެސް ޒުބޭރުއަށް އެނގެނީ އޭނަ ރުޅިއަރުވާށެވެ. މާޒީފަދައިން މިހާރުވެސް އެއުޅެނީ އޭނަގެ ދުވަސްތައް ޚަރާބުކުރާށެވެ.

ބޯޓު އަނދިރީގެ ތެރެއަށް އޮބައިލަންދެން ޒުބޭރު އެތާ މަޑުކޮށްލައިގެން ހުއްޓެވެ.

ބޯޓު ރާޅާއެކު ދެފަރާތަށް ކިރެންފެށުމާއެކު މިރިއަމްގެ ލޮލަށް ނިދި ސަވާރުވިއެވެ. މަޑުމަޑުން ނަގިލިއަށް ބީއްސަމުންދާ ރާޅުތައް ހިތަށް ފިނިކަން ގެނެސްދޭފަދަ ތަރާނާއަަކަށްވިއެވެ. އޭނަ އިތުރު ޚިޔާލުތައް ކުރަން ސިކުނޑިއަށް ފުރުސަތެއް ނުދިނެވެ. ފަހަރެއްގައި އޭނަގެ ހަށިގަނޑުވެސް އޭނަ ޚިޔާލުތަކުން ހިމާޔަތް ކުރަން މަސައްކަތްކުރަނީ ކަމަށް ވެދާނެއެވެ. ފިނި ވައިރޯޅިތައް އޭނަގެ މޫނުގައި ބީހެންފެށިއެވެ. އޭނަގެ ނޭވާ ލަސްވެ މަންޒަރުތައް ފުސްވިއެވެ. ފުރަތަމަ ބޯޓުދަތުރުކަމުގައި ވުމާއެކުގައިވެސް ދާދިއަވަހަށް ނިދީގެ ހިތްގައިމު އާލަމަށް ދަތުރުކުރެވުނެވެ.

***

މިރިއަމް ބަގީޗާގެ ގަސްތަކުގެ ތެރެއިން ހިނގާލާފައި ދިޔައިރު ފަތްތައް ދަޅައަރަމުންދިޔައި ޔާގޫތުތަކެއްހެންނެވެ. ވައިގާ ހިފާފައިވީ ވާރެއާއި ފަރިވެ ފޮޅެމުންދާ މާތަކުގެ މީރުވަހެވެ. ގޮފިތަކުގެ ދޭތެރެއިން އަލި ފުރާނާލާފައިވާއިރު ހިޔަނިތައް ވަޔާއެކު ނަށަނީއެވެ. ނެތް ވައްތަރެއްގެ ގަހެއްނެތެވެ. ޓިއުލިޕާއި މެގްނޯލިއާ އަދި ލެވެންޑާއެވެ. ފިނިފެންމަލާއި ލިލީ އަދި ހަޔަސިންތެވެ. ޑެފޮޑިލް އަދި ޗެރީ ބްލޮސޮމްތަކެވެ. ބަހާރުގެ ރީތި ކުލަަތައް އެ ބަގީޗާގައި ވާދަކުރާގޮތުން ދުނިޔެމަތީގެ ސުވަރުގެއެއްފަދައެވެ.

އެ މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދަމުން މާތަކާއި ކުޅެމުން ވަސްބަލަމުން ދަނިކޮށް ތަންކޮޅެއް ދުރުން ކުޑަ ސޫރައެއް ފައުޅުވިއެވެ. އިރުގެ އަލި އެޅުމުން މާމުއި ކުލައަކަށްދާ މުށިކުލައެއް އެޅިފައިވާ ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ބޮޑު ދެލޮލެވެ. ޖޯޝުން ފުރިފައިވާ ވިދާ ލޮލެވެ. އެކުއްޖާ ހަރަކާތްކުރާގޮތުން ވަޔާއެކު ނަށަމުންދާފަދައެވެ. ކޮންމެ ފަހަރަކު އެކުއްޖާ އެނބުރި ބަލައިލަމުން އޭނައަށް ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. އޭނަ އެކުއްޖާ އަތުލަންވެގެން ފަހަތުން ދިޔައެވެ. ނަމަވެސް ކާމިޔާބެއްނުވިއެވެ.

ބަގީޗާގެ ގަސްތައް މަޑުމަޑުން ލޯމަތިން ޣައިބުވާން ފެށިއިރު އެކުއްޖާގެ ފިޔަވަޅުތައްވެސް ހުއްޓިއްޖެއެވެ. އެނބުރިބަލައިލިއެވެ. ކޮންމެވެސް އެއްޗެއް ބުނެލިފަދައެވެ. ނަމަވެސް އޭނައަކަށް ސާފެއްނުވިއެވެ.

"މަޑުކުރޭ..."އޭނަ ރޮމުން ދުއްވައިގަތުމާއެކު އަނދިރިކަމުގެ އުނގުތެރެއަށް އޭނަ ވެއްޓުނެވެ.

"މަރްވާ...މަޑުކުރޭ.."

އޭނަ ސިހިފައި ލޯ ހުޅުވައިލިއެވެ.

އޭނަ މަރްވާ އެ ނަން ތަކުރާރުކޮށް ކިޔައިލުމުން ދެނެފަރިތަކަމާއެކު ބީރައްޓެހިކަމެއްވެސް އިހުސާސްވިއެވެ. އެކުއްޖާއަކީ ކާކުހެއްޔެވެ؟ އެނަމުގެ މާނައަކީ ކޮބާހެއްޔެވެ؟ އޭނައަކަށް ނޭގުނެވެ. ހައްލުނުވި ސިއްރެކެވެ. ޚިޔާލު އެހެން ދިމާލަކަށް ނުގެންދާން އުޅުނަސް ފާޑުފާޑުގެ ވިސްނުންތައް ސިކުނޑި ހިސާރުކޮށްލިއެވެ. އެފަހުން ނިދިވެސް އޭނަގެ ލޮލާއި ރުޅިވިއެވެ. އުދަރެހުންފެންނަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު ކޮންމެވެސް ވަރަކަށް މަންމައާއި ސަޔާރާގެ އަގުހުރި ނަސޭހަތްތަކާއިމެދު ވިސްނުނެވެ. އުޑުމަތި ފެނުމުން ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރެވުނެވެ.

"ދަތުރު ދުޢާ ނުކިޔާ އަހަރެން ކުރި ދަތުރެއް... ﷲ ގަންދީ ބުނާ ތެދެއް. ކިރިޔާ ހަމަ ބޯޓު ބަންޑުން ޖަހައިނުލީ. ރާޅުތައް ހަމަ ބޯ މަތިން ދިޔައީ..އެންމެން ރޮއެ ދުޢާކޮށްގެން ހެއްދެވި ފަރާތަށް ކުރި ދުޢާ އިޖާބަވި...އިރުގަނޑެއް ނުވަނީސް ވައިމަޑުވި......އެފަހުން ދަތުރު ދުޢާ ނުކިޔާ ބައިސްކަލަކަށްވެސް ނާރަން. ދުޢާކިޔުމުން ސަލާމަތްކަން އިހުސާސްކުރެވޭ..އަމިއްލައަށް ތަޖުރިބާ ކުރެވިފައި ހުރިކަމެއް...." ކައިރީގައި ތިބި ޒުވާނުން ދޭތެރޭގައި ދެކެވުނު ވާހަކައެއް އިވުމުން އޭނަ ހައިރާންވިއެވެ.

"ދުޢާއަކީ ބާރުގަދަ ހަތިޔާރެއް.."

ބަލާބެލުމުން ދީނީ ފާޑު ނުޖެހިޔަސް ދީނަށް ލޯބިކުރާ ޒުވާނުން އެބައުޅޭ ތާއެވެ. ދެކެވޭ ވާހަކައަކީވެސް ހިދާޔަތް ލިބުމަށް ހުޅުވޭ މަގެކެވެ.

އެވާހަކަތައް އިވި މިރިއަމްގެ އަތުން ހީބިހި ހަލުވައިލީ ކީއްވެކަމެއް ނޭގުނެވެ. ހިތަށް ތަފާތު އަސަރެއްކުރުވިއެވެ. އޭނަވެސް ދަތުރަށް އެރީ ދުޢާ ކުރުމަކާއި ނުލައެވެ. ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާ ކިޔަން ފަރުވާލެއް ނުބެހެއްޓެއެވެ.މަންމަ ކުޑައިރު އޭނައަށް ހާދަ ގިނަ ދުޢާތަކެއް ކިޔާދެއެވެ. ގެއަށް ވަންނަންވިޔަސް މޫނުބަލާ ލޯގަނޑުން މޫނު ފެނުނަސް ހަދިޔާއެއް ލިބުނަސް ވާރޭވެހުނަސް ދަތުރުކުރަން އުޅަދަކަށް އެރިޔަސް ދުޢާކިޔުމަށް މަންމަ ހަނދާންކޮށްދެއެވެ. ދަތުރުދުޢާ އޭނަ ހަނދާން ހުންނާނީ ކިހިނެއްހެއްޔެވެ؟ އޭނަ އާއްމުކޮށް އުޅެނީ ފައިމަގުގައެވެ. ދުނިޔަވީ އެދުންތަކާއި މުސްތަގުބަލަށްޓަކާ ނޫނީ އޭނައަށް ދުޢާކުރެވިފައެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ދުޢާއަކީ އަޅުކަމެކެވެ. ސަވާބު ލިބޭނެއެވެ. އޭނައަށް މި ދަތުރުކުރެވޭ މަގުސަދުވެސް އެންމެ ރަގަޅެއްނޫނެވެ. ފިރިހެނަކަށްޓަކައެވެ. މިއީ ހުއްދަ ކަމަކަށްވާނެހެއްޔެވެ؟އޭނަ ބޯ ހޫރުވައިލިއެވެ. ލައިލާ ބުނާހެން މިހެން ނެގެޓިވް ޚިޔާލުކޮށްގެން ދިރިއުޅުން އުފާވެރިއެއްނުވާނެއެވެ. އޭނަ މާޒީއަށް ފިލަން ބޭނުންވާ ސަބަބަކީވެސް އުފާވެރި ކާމިޔާބު ދިރިއުޅުމެއް ހޯދުމަށެވެ. ލައިލާފަދައިންނެވެ. ފަހުން ތައުބާ ވާނީއެވެ.

މިރިއަމްއަށް ނޭގުނީ ތައުބާވާން ހުއްޓާ ދުނިޔެ ދޫކޮށްފައިވާ ޒުވާނުންގެ އަދަދު ގިނަވަމުން އަންނަކަމެވެ. ކުއްލި މަރުތައް އެހާ ގިނަވާކަމެވެ.

***

މާލެއާއި ކައިރިވާންފެށުމާއެކު މާލޭގެ އަލިތައް މޫދުގެ ފެންގަނޑުގެ ތެރޭ ފިޔަޖަަންފެށިއެވެ. ކޮންމެ ރާޅަކާއެކު އަލިތައް ގަދަވާންފެށިއެވެ. ބޮނޑިވެ އެކަތިގަނޑަކަށްވެފައިވާ އިމާރާތްތައް ފެންނަނީ އުކާލެވިފައިވާ ތަރިތަކުގެ އާލަމެއްހެންނެވެ. އޭނަގެ ރަށުގެ ހިމޭން ސާދާ ދިރިއުޅުމާއި ހާސްބައި ތަފާތެވެ. އޭނަގެ އުމުރުން މިވީ ބާވީސްއަހަރު ތެރޭގައި މިހާ ގިނަ މީސްތައް އެއްވެފައި އޮތްތަނެއް ނުދެކޭތީ ހާސްކަން ވަށައިލިއެވެ. ލައިލާ އޭނަ ބަލާ އަންނާނެކަމަށް މެސެޖްކޮށްފައި ޚަބަރެއް ނުވުމުން އިތުރަށް ނުތަނަވަސްވިއެވެ. ގުޅަން މަސައްކަތްކުއިރު ފޯނު އޮތީ ނިވާލާފައެވެ.

"ޑޭމް ލައިލާ..ހަމަ ލޯ ދިއްލާލައިގެން ކާރެއްގައި ބަލާ އައިސް ހުންނާނެކަމަށް ހީކުރީ. ކޮންކަހަލަ ފްރެންޑެއްތަ؟ މުޅިން ކަޑަ ކޮށްލައިފި. ދެން ހަމަ ލައިލާ ހުރިތަނެއް ހޯދަން ދާން މަ ޖެހެނީ؟..އެކަމަކު ފްލައިޓްގަޑި ޖެހެން ގިނައިރެއްނެތް. ލައިލާއަށް ވެއިޓް ކުރުމުގެ މާނައެއްނެތް. އިޖިފްޓުން އައިސްފަ މީޓްކުރާނީ..ބާސްކިން ރޮބިންސް އައިސްކްރީމް ބޯން ދާނީ ޔޯ ކިޔާފައި އެ ފިލީ....."

"ހެލޯ....."މިރިއަމް ކާރެއް ނަގަން އަތް ނެގިއެވެ. ގިނަ ޓެކްސީތަކުގައި ހުރީ ފެހި ބޯޑު ދިއްލާލާފައެވެ. ރަތް ބޯޑާއި ފެހި ބޯޑުތަކުގެ މާނަ ނޭގޭތީ ޕްރައިވެޓްކާރެއް ފެނުނަސް އަތް ހިއްލާލައެވެ. ފަތުރުވެރިން ސޫޓްކޭސްތައް ދަމަމުންދާއިރު ކާރުގެ ކިއޫއާއި އެކު ސައިކަލްތަކުގެ ބަރުގޮނު އަޑުން ކަންފަތަށް ނުކުޅަދާނަވާވަރުވިއެވެ. ރަށްފުށު ކުއްޖަކަށްވުމުން ތަރައްގީއާއި ބީރައްޓެހީހެއްޔެވެ؟ ޒަމާނީ ދިރިއުޅުމަށް ހޭނެން އުދަގުލީކަން ނޭގެއެވެ. ޔަގީނުންވެސް އޭނައަށް ރަށް މާ ބޮޑަށްވެސް ކަމުދެއެވެ. މިޝަހަރުވެސް އޭނައަށް މަރުހަބާ ކިޔަން ތައްޔާރެއްނޫނެވެ. އޭނަގެ ނުތަނަސްވަކަން ހައްލުކޮށްނުދޭތާ ހިނިތުންވުމެއްވެސް ނުފެނެއެވެ. އޭނަގެ ރަށް ކިހާ ހިމޭންހެއްޔެވެ؟ މިގަޑީގައި އެންމެންހެން ތިބޭނީ ރޭގަނޑުގެ އަރާމު ނިދި ހޯދަން އެނދުގައެވެ. ގަޑިއެއްހާއިރުވަންދެން ކާރެއް ނުލިބިގެން މަސައްކަތްކުރެވުނުއިރު ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ލައިލާ ކިހިނެއް ދެން މާފު ކުރެވޭނީ؟ ނޭގޭ ތަނަކަށް އައުމުން އެހީވާން އައީއެއްނޫން..."

"އަބަދުވެސް އެހީތެރިވެވޮޑިގެންވާނީ ﷲ ތައާލާ. އެކަނިވެރިކަމަށް ނުދެކޭތި..ސަބަބަކީ ﷲ ތައާލާ އަބަދުވެސް ތިބާއާއިއެކު ވޮޑިގެންވޭ...އެހެންވެ އެފަރާތާއި ގާތްވާން މަސައްކަތް ކުރަންޖެހެނީ...އެކަނިމާއެކަނި ދުނިޔެއަށް އައިގޮތަށް މިތަނުންދާން ޖެހޭނީވެސް އެކަނި. ވީއިރު އެވަރަށް އިންސާނުންނަށް ބަރޯސާވާކަށް ނުވާނެ..."ސަޔާރާގެ ބަސްކޮޅުތައް ހަނދާނަށް އައުމުން ހިތްވަރުލިބުނެވެ.

"ޔާ ﷲ.....ހެލްޕްމީ....."އޭނައަށް އުޑާއި ދިމާލަށް ބަލައިލެވުނެވެ.

ދެބައި އުމުރުގެ މީހަކު ބިއްލޫރި ތިރިކޮށްލުމާއެކު އޭނަ ސިހުނެވެ. ހަގީގަތުގައިވެސް އެއްލި ދުނިދަނޑިފަދައިން ދުޢާ އިޖާބާވީހެއްޔެވެ؟ ހިތުގައި ކުޑަވަރެއްގެ ފޮނިކަމެއް ހިނގައިލިއެވެ. ސަޔާރާއަށް މިކަން އެނގިއްޖެއްޔާ ހަމަ ހަސަދަވެރިވާނެއެވެ.

"އެއާޕޯޓް...ފެރީ ޓާމިނަލް..." އޭނަ ކާރަށް އަރާފައި ބޭނުންވީ ރަށަށް ދިޔުމަށެެވެ. އަމިއްލަ ގޭގެ ކޮޓަރީގެ އަރާމު އެނދުގައި ރަޖާދަށަށް ވަނުމަށެވެ.

"އެއީ މަގޭ ކޮމްފޯޓް ޒޯން..."

"ކީކޭ؟"ޑްރައިވަރު އެހިއެވެ.

"އެއްޗެކޭ ނުބުނަން.."އޭނައަށް އަމިއްލަ ނަފުސާއި ވާހަކަދެއްކެނީހެއްޔެވެ؟ ސްޓްރެސްއިން ކޮންމެފަދަ ކަމެއްވެސް ހަށިގަނޑަށް ވެދާނެއެވެ. އޭނައަށް މި ދަތުރު ވަރަށް އުދަގޫދެނިވި ބުރަކަމަކަށްވެއްޖެއެވެ. މިހާވަރުން އޭނަ މި ދަތުރު އަންނަން ބޭނުންވި މަގުސަދެއްވެސް ނޭގުނެވެ. މިއީ ހަމަ އެހާވަރުން އަންނަން ޖެހޭ ދަތުރެއްހެއްޔެވެ؟

ކާރުގެ ކުޑަދޮރުން މާލޭގެ އިމާރާތްތައް ފަސްދެމުންދާތަން ފެނުނެވެ. އިމާރަތްތަކާއި ފިހާރަތަކާއި ގެތަކެވެ. ޕާކްތަކެވެ. ހުރިހާ ދިމާލެއްގައި އަލިތަކެވެ. ކެފޭއެއްގެ ދޮރުގައި ތިބި ޒުވާން ފިރިހެންކުދިންތަކެއް އެކަކު އަނެކަކާއި ސަމާސާކޮށް ބާރުބާރަށް ވާހަކަދައްކަމުން ދިުައެވެ. ޒުވާން ދެމަފިރިން ޖެހި ފިތިގެން ތިބެ ހަނި ގޯޅިއަކުން ދިޔައެވެ. އުޅަދުތަކުން ފުރާލެވިފައިވާ މަގުތަކުން ފުރާނައަށް ބިރެއްނެތި ހުރަސްކުރާ މީހުންނާއިމެދުވެސް ހައިރާންހީވިއެވެ. އެކަކު ގައިގާ ކާރު ނުޖެހުނީ ހަމަ އެންމެ އިންޗިއެއްގެ ތަންކޮޅުންނެވެ. އޭނައަށް އަނގަމަތީގައި އަތް އެޅުނެވެ. މުޅި ޝަހަރުވެސް ހީވަނީ ކޮންމެވެސް އެއްޗެއް ނުލިބިގެން ލަސްވެގެން އުޅޭހެންނެވެ.

ޓްރެފިކަށް ކާރު ހުއްޓައިލިތަނާ އޭނަގެ ލޮލުގައި އަޅައިގަތީ އިސްކޮޅުން ދިގު ފިރިހެނެކެވެ. މަގު ހުރަސްކުރިއިރު ކުޑަކޮށް ކޮރުޖަހާހެން ހީވިއެވެ. ފަޔަށް ގެއްލުމެއް ލިބިފައިވާ މީހެއްކަން ނޭގެއެވެ. ނޫކުލައިގެ ގަމީހަކާއި ފަޓުލޫނެއްލައިގެން އިސްތަށިގަނޑުގައި ހުދުކުލައިގެ ތޮތްޕެއް އަޅައިގެންނެވެ. އޭނަގެ ހަރަކާތްތައް ލަހެވެ. އުމުރަށްވުރެ ދުވަސްވީ މީހެއްކަމަށް ހެދިގެން ގަސްތުގައި ފިޔަވަޅުތައް ލަސްކުރަނީކަން ނޭގެއެވެ.

ކުއްލިއަކަށް އޭނަގެ ނޭވާ ހުއްޓުނެވެ. އެމީހާ ވައްތަރީ އޭނަ ދަންނަ މީހަކާއެވެ. އޭނަގެ ބައްޕައާއެވެ. ސީދާ ބައްޕައެއްނޫނެވެ. އެކަމަކު އާދަޔާ ޚިލާފަށް ވައްތަރުގޮތެއް ހުއްޓެވެ. ކޮނޑުގެ ސީދާކަމާއި އިސްތަށިގަނޑުގެ ވަކި ތަންކޮޅެއް ނުރަޖަހާފައި ހުރުމެވެ. އޭނަ އެސްފިޔަ ޖަހަމުން ދިޔައިރު ހިތްވެސް އަވަސްވެ ތެޅިފޮޅެމުން ދިޔައެވެ. އެމީހާ ކުޑަކޮށް މޫނު އަނބުރައިލުމާއެކު މުޅި މޫނުގެ ސިފަ ފެނުނެވެ. އޭނަގެ ލޯ ބޮޑުވިއެވެ.

"ނޫން...އެހެނެއްނުވާނެ.." އޭނައަށް ބުނެވުނެވެ. އެވަގުތު އެތަނަށް ނިކުތް ބޮޑު ވޭނުގެ ސަބަބުން ބައްޕައާއި ވައްތަރު މީހާ ފޮރުވައިލިއެވެ. ވޭން ދުއްވައިލިއިރު އެމީހާ ފެންނާނަކަށްނެތެވެ. އޭނަ އަވަސްއަވަހަށް އާޔަތުލް ކުރުސި ކިޔަވަންފެށިއިރު މޫނުން ދާ ހިއްލާލައިފިއެވެ. މަންމަ ފަދައިން އޭނައަށްވެސް އެއްޗެހި ފެންނާން ފެށީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު