"ހިތްހެޔޮކަމުގެ ކުޑަ މިންވަރަކުންވެސް މީހެއްގެ ހިތަށް އުފާވެރިކަން ފޯރުކޮށްދެވިދާނެއެވެ. އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަޅާލާ އޯގާތެރިވާށެވެ."

***

" އުވެއިސް އިޒް ގޯން...."

މަދީނާގެ ކަންފަތަށް އެ އަޑު އިވުނީ ހޮނުގުގުގުރިއެއް ހެންނެވެ.

"ނޫން...ނޯ.....ހީ ކާންޓް ލިވް މީ....." މަދީނާ ހަޅޭކާއެކު ތެދުވެ އެނދުމަތީގައި އިށީނެވެ. ބާރަށް ރޮމުންނެވެ.

"އިޓްސް އޯލް އަ ބޭޑް ޑްރީމް އާންޓް....އިޓްސް ޖަސްޓް އަ ނައިޓްމެއާ....." މިރެލް މައުސޫމްކަމާއެކު ބުނެލިއިރު ލޮލުގައި ވިދަމުން ދިޔައީ ބޮޑެތި ކަރުނަ ތިކިތަކެވެ. އެކުއްޖާގެ މޫނު މަދީނާގެ މޫނާއި ޖެހޭހާ ކައިރީ ގުދުވެލިއިރު އެ ބުޅި އިސްތަށިގަނޑު ފަރުދާއެއްހެން އޭނަގެ ކޮނޑުމައްޗަށް ފެތުރިފައިއޮތެވެ. އެކުއްޖާގެ ދުލުން ބުނެލާ ކޮންމެ ލަފުޒެއް އަނދިރިވެފައި ކުޑަކުއްޖަކަށް ފަހުމްވާ ވަރަށްވުރެ ވަރުގަދައެވެ.

"އުވައިސް ހިނގައްޖެ.ދެނެއް ނާންނާނެ. ބޭކާރު ކަރުނަތައް އޮއްސުމުގެ މާނައެއްނެތް........." މިރެލް ބީރައްޓެހި ފާޑަކަށް ހުނެވެ. ކުއްލިއަކަށް މަދީނާ ތެދުވެ އިށީނދެ ލޯބޮޑުކޮށްލީ ޕެނިކްވެފައިވާފަދަ ގޮތަކަށެވެ. ނޭވާވެސް ނުލެވޭފަދައެވެ. ކޮންމެވެސް މީހެއްގެ ގައިގާ ހިފާ ދަމާފަދަ ގޮތަކަށް އޭނަ ވައިގެ ތެރޭގައި އަތް ހިންގަމުން ދިޔައެވެ.

"ނޫން. އޭނަ ނުދާނެ..."މަދީނާ ހަޅޭއްލަވައިގަތުމުން އަޑު ކެނޑޭގޮތްވިއެވެ. ހިތްހަލާކުވެފައިވާފަދަ އަޑެކެވެ." ނޫން. އޭނަ ބުންޏެއްނު ނުދާނަމޭ.."

އުރުޖުވާން އަވަސްވެގަތީ މަދީނާ ހަމަޔަކަށް އެޅުވުމުގެ ނިޔަތުުގައެވެ. މިރެލް މައުސޫމްގޮތަކަށް އެސްފިޔަ ޖަހައިލިއެވެ." ނޯ ވޮރީސް..އެއީ ހަމަ ބިރުވެރި ހުވަފެނެއް...ބޭޑް ޑްރީމްއެއް..."

އެހާ ކުޑަކުއްޖެއްގެ ތުންފަތުން އެފަދަ ބަސްތައް ނިކުންނައިރު ތުންފަތް ހަރަކާތެއްވެސް ނުކުރެއެވެ. މިކާއިލްވެސް ހުއްޓުން އަރާފައި ހުރިއިރު މަދީނާގެ އަތުގެ އިނގިއްޔަށް ނަޒަރު ހުއްޓިފައިވިއެވެ. ތުރުތުރުލަމުން ދިޔަ އިނގިލިތަކުން ސޯފާގެ ކައިރިފަށުގައި ބާރަށް ހިފަހައްޓާލައިގެންއިންއިރު އަދިވެސް އަނގޮޓިން ދަޅަ އަޅައެވެ. މުތްތަކުން ހަދާފައިވާ މެގްނޯލިއާ މަލެކެވެ. ކުރިން އަނގޮޓި އެޅި ކުއްޖެއްނޫނެވެ. ނަމަވެސް މިހާރު މި އެނގޮޓިއާއި އެ ދައްކާ ހަމަނުޖެހޭ ވާހަކަތަކާއިއެކު ސިހިފައިވާގޮތުން ހިތުގައި ސުވާލުތަކެއް އުފެދިގަތެވެ.

"މަދީނާ އެ މުޚާތަބު ކުރަނީ ކޮންފަރާތަކާއ؟ ނުދާށޭ އެބުނަނީ ކާކުކައިރީ؟ އަހަރެންގެ ވާހަކަތަ؟ މަދީނާ ބިރުން އުޅެނީ އަހަރެން ގެއްލިދާނެތީ؟ ނޫނީ. އެހެން މީހަކު ހުރީތަ؟" އޭނަ އަމިއްލަ ޟަމީރާއި ސުވާލުކުރީ ހާސްކަމާއެކުގައެވެ. ހިތުގައި ލުއި ރުއިމެއް އުފެދުނެވެ.

ކެނާން މާޒިމްމެން ކައިރިން ހިނގާލާފައިގޮސް މަދީނާ ކައިރީގައި ކުޑަކަކޫ ޖައްސާލައިގެން އިށީނެވެ. އޭނަ ކޮއްކޮގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ކިހިނެއްވީ ސްވީޓްހާޓް؟ މީކާއިލްވެސް މިހިރީނު، އެންމެން އެބަތިބ. މިރެލްއަށްވެސް ކަމެއްނުވޭ..."

މަދީނާގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ. އެއާއެކު އިސްޖަހައިލެވުނެވެ. އިނގިލި ޖައްސައިލެވުނީ ހެދުމުގައެވެ. އެއްވެސް މީހަކާއި ހަތަރުކަޅި ހަމަކުރަންވެސް އޭނައަށް ފަސޭހައެއްނުވިއެވެ. ޚާއްސަކޮށް މީކާއިލްއާއެވެ.

"އައިމް ފައިން.."އޭނަގެ އަޑު ނިކަން މަޑެވެ."އައިމް.....ފައިން..."

އެއްވެސް މީހަކަށް އޭނަގެ ވާހަކަ ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ ހުރިހާކަމެއް ހިނގީ އެންމެންގެ ކުރިމަތީގައެވެ. މީކާއިލްއަށްވެސް އެ ހިމޭންކަމުގެ ތެރެއިން ކޮންމެވެސް އެއްޗެއް ފެނިލިއެވެ. ފާރެކެވެ. ސިއްރެކެވެ. އޭނަގެ ހިތަށް ފިނިވެ ބިރުގަންނަގޮތްވިއެވެ. މަދީނާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

"ނިދާލަން ބޭނުންވަނީ...."

"އެކަނި؟" ޚުޝަލް އެހިއެވެ.

"އާނ...."

"އެކަނި ހުރުން ނޮޓް އޯކޭ...."ކެނާން އޭނަގެ ފަހަތުން ދާން ހެދުމުން ނާޝިދު ގޮވައިލިއެވެ.

"ލެޓް ހާރ ބީ..." ކެނާންގެ ކޮނޑުގައި އަތްް ޖައްސައިލުމުން ތަންކޮޅެއް ހަރުގޮތަކަށް ބުނުމުން އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. ކަންކަތުރަށް ބާރުކޮށްލެވުނެވެ. ބައްޕައާއި އަރައިރުމަކަށް ދާން އުޅެފައިވެސް ކެތްތެރިކަން އިސްކުރިއެވެ. ހަގީގަތަކީ އޭނައަށް ހުރިހާ ދިމާލަކުންވެސް ރޫހާނީ ކަންތައް ފެންނާންފެށިކަމެވެ. އެހެން މީހުން ގަބޫލުކުރިޔަސް އޭނަވަނީ މެދީނާއަށް ކުރިން ދިމާވި ކަންތައް ދާދި ގާތުން ދެކެފައެވެ. މިއީ އާދައިގެ ގޮތަކަށް ނެގޭވަރަށްވުރެ ބިރުވެރި ހާލަތަކެވެ. މީހެއްގެ ފުރާނައަށްވެސް ނުރައްކާވެދާނެއެވެ. އެކަމަކު ބައްޕައަށް ކުރާ ގަދަރެއްގެ ބޮޑުކަމުން އޭނަ ފަހަތަށް ޖެހިލިޔަސް ސިކުނޑީގެ ހައިޖާންގަނޑު މޫނުމަތިން ފެނެއެވެ.

މިކާއިލްވެސް ހަދާންގޮތް ހުސްވެފައިކަހަލަ ގޮތަކަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެފައި ކުޑަކޮށް ހީލީ ކޮންމެހެން ވަކި މީހަކަށް ނޫނެވެ. އެންމެންވެސް ތިބީ އެފަދަ ހާލަތެއްގައެވެ. ވާނުވާ ނޭގިފައެވެ.

ތަނަށް ވެރިވެފައިވާ އުދަގޫދެނިވި ނުތަނަވަސްކަން ނިމުމަކަށް ގެނައީ އުރުޖުވާންއެވެ. އޭނަގެ އަޑު މަޑަސް ޔަގީންކަން ކުޑަވެފައި އަވަސްކަމެއް ވިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ މާޒިމްއަށެވެ."ހިޔެއްނުވޭތަ މި އިހުސާސް އަދި ބިރުވެރިކަން....ފަރަހް..."

އޭނައަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"އުރޫޖް...."މާޒިމްގެ ލޯ ހަނިކޮށްލިއެވެ.

"އަހަންނަށްވެސް އެނގޭ....އެކަމަކު މިރޭ ވަރަށް ގޯސް...ހަމަ އެރޭހެން ހީވަނީ..އޭނަ މަރުވިރޭ...ވައިވެސް ތަންކޮޅެއް ބަރުހެން ހީވަނީ. މި އިހުސާސްތައް އިގްނޯ ކޮށްލެވޭނީ ކިހިނެއްތަ؟"

މާޒިމް ފުންނޭވާއެއް ދުކޮށްލިއެވެ. އޭނަ ރުންކުރުވާގޮތްވިއެވެ. "މިއީ އޭ އަސްލު މައްސަލަ....އެންމެންވެސް މާބޮޑަށް ސުޕަސްޓިޝަސްވެފައި. ވަހުމާއި ޝައްކު އަދި ފުލޯކު ކަންތައްތައްތަކަށް އީމާންވެގެން..........."

"މާޒް...."އޭނައަށް ގޮވައިލެވުނީ އާދައިގެ ދުވަހަށްވުރެ ބާރަށެވެ.

"ނޫން އަހަރެން ހަމަ ސީރިޔަސް..ކިރިޔާ ތަފާތުކަމެއްވާއިރަށް ދެން އެނިމުނީ..ހަންޑިއާއި ބަދު ރޫހުތަކާއި ހިޔަނިތައް..މިސާލަކަށް މީހުން މާ ބޮޑަށް...." މާޒިމްއަށް އެކަށީގެންވާ ލަފުޒެއް ހޯދަން ވިސްނަން ޖެހުނެވެ." މުޅިން ރަގަޅުނޫން ވީމަ؟ ފަރަހްވެސް އަވަލާފައެއްނޫނޭ އުރުޖުވާން....އޭނަ ހުރީ ނަފްސާނީ މައްސަލައެއް ދިމާވެފައި. އޭރުވެސް އަހަރެމެންނަށް އެކަން ނޭގުނީ...މިހާރުވެސް އެންމެން އެކަންތައްތައް އިގްނޯކޮށްލާފައި އެހެން ރޮގަކުން ވިސްނަނީ..ރޫހާނީ ކަންތައްގަނޑެއްކަމަށް. ކިހާ ހެއްވާ ދެން......." މާޒިމ އެންމެފަހުގެ ޖުމްލަ ބުނެލިއިރު އެންމެނާއި ދިމާލަށް ބަލައިލިއެވެ. އޭނަގެ ނުކުތާ އެންމެނަށް ހެކި ދެއްކުމަށެވެ.

އުރުޖުވާން މިރެލްގެނެސް މޭގައި ޖައްސާލައިގެން ހުއްޓެވެ.

މާޒިމްގެ ޖުމްލަތައް ހިތިވެފައި އަމާޒުވީ ކެނާންއަށެވެ. އޭރު ކެނާން ހުރީ ތަންކޮޅެއް ދުރުގައެވެ. "އެންމެން ހަންޑީގެ ވާހަކަ ދެއްކުމުގައި އަވަދިނެތި އުޅޭއިރު ވަގުތުކޮޅެއް ހޯދައިގެންވެސް އަހަން އެބަޖެހެއެއްނު ވީލްޗެއާގައި އަހަރެއްވީ މީހަކު ކުއްލިއަކަށް ކޮޅަށް ތެދުވެ ހިނގަންފެށީ ކިހިނެއްކަން؟ އެއަށް ކިޔާނީވެސް މިރެކްލްއެކޭތަ؟"

އެތަނަށް ދިގު ހިމޭންކަމެއް ފެތުރުނެވެ. ކެނާން ގެ ދަތްދޮޅިއަށް ކުޑަކޮށް ބާރުކޮށްލެވުނެވެ. ނާޝިދުގެ ބުމަ ގޮށްޖެހުނަސް ޚިޔާރުކުރީ ހިމޭންކަމެވެ. އުރުޖުވާންވެސް ޖަވާބެއް ނުދިނަސް ނަޒަރު ހުރީ މާޒިމްގެ މޫނަށެވެ. ރުޅިންނެއް ނޫނެވެ. އޭނަގެ ހިތުގައި އާލާވެގަތް ބިރުވެރިކަން ލަފުޒުތަކުން ބުނެދޭންވެސް ނުކުޅެދެއެވވެ. މާޒިމްގެ ވާހަކަހުރި ގޮތުންނެއް ނޫނެވެ. އޭނަގެ ހިތުގެ އެންމެ ފުން މިނުން ބުނަމުންދަނީ ފަހުމުވާވަރަށްވުރެ ބޮޑުކަމެއް ހިނގަމުންދާކަމެވެ.

އޭރުވެސް އޭނަގެ އުރުގައި އިން މިރެލްގެ ތުންފަތުގައިވަނީ ތަފާތު ހިނިތުންވުމެކެވެ.

"މާޒް.....ވިސްނައިގެން ވާހަކަދައްކަބަލަ ޕްލީޒް.."

"ބައްޕަ އަތުން ބޭކާރު ޚަރަދު ކުރުވަން އެވަރު ސްޓަންޓެއް ޖައްސާފައިވެސް ފައިނަލީ ބުނާނެ ޖިންނި އަވަލީއޭ...ދަރިފުޅު ބެޑްޓައިމް ހިނގާ ނިދަން.."މާޒިމް މިރެލް ކޮނޑަށް ލިއެވެ.

***

މަދީނާ އޭނަގެ ކޮޓަރިއަށް ވަދެ އެނދުގައި އިށީންއިރުވެސް ނިތްކުރީގައި މުތްތައްފަދައިން ދާތިކިތައް ބަބުޅައެވެ. އޭނަގެ ނޭވާގެ ހިނގުން އޭރުވަނީ ލަސްވެގައެވެ. އަތްތިލަވެސް ތުރުތުރުލުން ނުހުއްޓެއެވެ. އަތްތިލައަށް ބަލައިލުމުން އަނގޮޓި ފެނި ވޭނީ ހަނދާނަކަށްވިއެވެ. މެގްނޯލިއާ މަލެއް ނާޒުކް މުތްތަކުން ފަރުމާކޮށްފައެވެ. ގަހަނާ އަޅާ ހިތްނުވާ ކުއްޖަކަށްވިޔަސް އުވައިސްގެ އެ ހަދިޔާ އަޅަން ފަހެއް ނުޖެހުނެވެ. އެ ހަނދާންތައް އޭނަގެ ލޯ ތެންމައިލިއެވެ. ކޮންފަދަ ލޯބިވެތި ވަގުތެއްހެއްޔެވެ؟ ސާބިތުކަން ދެއްކިޔަސް އުވައިސްގެ އަތްތިލަވެސް ތުރުތުރުލިއެވެ. އެ ނަޒަރުގައިވީ އާދަޔާ ޚިލާފު ލޯތްބެވެ. އެ ލޯބި ފައުޅުކުރަން ލަފުޒުތަކަކަށް ބޭނުމެއްނުވެއެވެ.

"ދުވަހަކު އަނގޮޓިއެއް ނާޅަމެއްނު.."ރަކި ހިނިތުންވުމެކެވެ."އެކަމަކު މި ފެނުމުން ހަމަ ހީވަނީ މަދީނާގެ އިނގިލިއަށް ހައްގު އެއްޗެއްހެން...."

އޭނަވެސް އިތުރު ބަހެއް ބުނުމަކާއި ނުލާ އިނގިލި ދީގެން ހުރިއިރު އެ ފިނި އަނގޮޓި ހަމުގައި ޖެހުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. ވައުދާއިއެކު މާތް ގުޅުމެއްގެ ރަމްޒެކެވެ. އެމީހުންގެ ދުލުން އިގުރާރު ނުވިޔަސް އެންމެ ރަގަޅެވެ. ވަގުތުކޮޅުވެސް މަޑުޖެހިލިފަދައެވެ. އޭނަވެސް ދުނިޔެމަތިން ހަނދާންނެތުނެވެ. ދުނިޔެއާއި ދުނިޔޭގެ ގާނޫނެވެ. އުވައިސްފަދަ ޒުވާނެއްދެކެ ލޯބިވުމަކީ ކޮންކަހަލަކަމެއްކަން ހަނދާން ނެތުނެވެ.

ކުއްލިއަކަށް ހޯލާއި ދިމާލުން އިވެންފެށި އަޑުގެ ތޫނުކަން މުޅި ފަޒާގައި ހަރުލިއެވެ. އެހާ ވަރުގަދަ އަޑަކުން ހަޅޭއްލަވައިގަތީއެވެ. މިރެލްވެސް އެތަނަށް ވަދެގަތެވެ. ނޫނެކެވެ. އެއީ މިރެލްއެއްނޫނެވެ. އެ ރުއިން ބަދަލުވީ ޝައިތާނީ ހުނުމަކަށެވެ. މަދީނާގެ ހަށިގަނޑުން ފިނިރާޅެއް ދުވެލިއެވެ. ބިރުންގޮސް ހޭނެތޭވަރުވިއެވެ. ބޮކިތައް ނިވިދިއްލެން ފެށުމާއެކު ފާރުގައިވާ ހިޔަނިތައް ކުރުގެޅިގަތީވެސް ފިތުރީ ހަމަޔާއި އަރައިރުންވާފަދަ ގޮތަކަށެވެ. ކުޑަދޮރުގެ ބިއްލޫރިތައް ފުނޑުފުނޑުވެގެން ފައިބައިގަތުމާއެކު އުވައިސްވެސް އެނބުރުނެވެ.ބާރު އަޑެއް އިވުމާއެކު ބިއްލޫރިތައް އެކި ދިމާލަށް ބުރައިގެންދިޔައެވެ. ބާރު ވައިރޯޅިތަކެއް ދޮރުގެ ބާކީ ހުރި ބިއްލޫރިތަކަށް ހަމަލާދިނެވެ. ކޮޓަރިތެރޭގައިވިވާ ހޫނުކަމެއް ދަމައިގަނެ ގަނޑުފެނުގެ އަސަރު މުޅިތަނަށް ފެތުރުނެވެ. އޭރު މިރެލް ކޮޓަރީގެ މެދުގައި ހުއްޓިލައިގެން ހުރެ ނުބައިގޮތަކަށް ހީލިއެވެ. މަދީނާއަށް އަނގޮޓީގައި ބާރަަށް ހިފަހައްޓައިލެވުނެވެ.

އުވައިސް އޭނައާއި މިރެލްގެ ދެމެދަށް އައްޑަނައަކަށްވިއެވެ.

"މަދީނާއަށް ގެއްލުމެއް ނުދެވޭނެ..."

މިރެލް އެސްފިޔަޖަހާނުލާ އަދިވެސް ކުރިއަށް އައެވެ. ލަސްލަހުންނެވެ. އޭނަ ވައިގެ ހުސްކަމުގެ ތެރޭގައި ދެއަތުން އެއްޗެއްގައި ހިފަހައްޓާފަދަ ހަރަކާތެއް ގެނައެވެ. އެ ހަރަކާތުން މަދީނާއަށް ނޭވާ ނުލެވުނެވެ. އަތެއް ނުފެނުނަސް ބާރުގަދަ އަތަކުން އޭނަގެ ކަނދުރާއަށް ފިތައި ބާރުކުރަމުންދިޔަ އިހުސާސްވިއެވެ. ދިލަނެގިއެވެ. ލޮލަށް ފުސްވާގޮތްވިއެވެ.

"ލީވް ހާ...ނޫނީ އަހަރެން އޭނަ ގެންދާނަން..."މިރެލް އަމުރުކުރިއެވެ.

"ހެޔޮނުވާނެ. އެހެން ނަހަދާ...." އުވައިސް އާދޭސްކުރިއެވެ. އެވަރުންވެސް މިރެލް ދުރުގައި ހުރެގެން މަދީނާގެ ކަރަށް އިތުރަށް ބާރުކޮށްލިއެވެ. އުވައިސްގެ ލޮލުން ކަރުނަ ފައިބައިގެން ދިޔުމާއެކު މަދީނާގެ ހިތް ހަލާކުކޮށްލާފަދަ ލަފުޒުތަކެއް ބުނެލިއެވެ.

"އޭނަގެ ބަދަލުގައި އަހަރެން ގެންދޭ.."

ވިދުވަރުގެ އަލި އެޅުނުހެން ހީވުމާއެކު ލޯމަތިން އުވައިސް ގެއްލުނެވެ. މިފަހަރުވެސް ކުޑަދޮރުތައް ތެޅިގެން ދިޔުމާއެކު އެތަން އަމާންވިއެވެ. މަދީނާ ތަޅުންމައްޗަށް ވެއްޓުމާއެކު އޭނަ ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އެ އަނދިރިކަން ވެރިވެ ހަލާކުވެފައިވާ ޖަގަހައިގާ ގުގުމާފައިވަނީ އުވައިސްގެ ފަނޑުވަމުން ދިޔަ އަޑެވެ.

"އަހަރެން އޭނަދެކެ ލޯބިވޭ.."

އެ ބާބު ނިމުނީހެއްޔެވެ؟ މިހާރު އެކަނިވެރިކަން އިހުސާސްވެ ހިތް ޒަޚަމްވެފައިވާ ހާލުގައި މަދީނާ އަނގޮޓީގައި ހިފަހައްޓާލައިގެން އިންއިރު އުވައިސްގެ އަތުގެ ބީހުން އިހުސާސްވިއެވެ. އަދިވެސް އެ އަޑުގެ ހޫނުކަން އިވެއެވެ. އެލޮލުގައި އޭނައަށްޓަކާ ވީ ލޯބި ވަރަށް ތަފާތެވެ. އޭނައަކީ ހިފެހެއްޓުމެއްނެތް ލޯބި ހައްގުވާފަދަ ނަޒަރަކުން ބެލިއެވެ. އެކަމަކު މިހާރު އެދިޔައީއެވެ.

އެ ހަޅޭކުގެ އަޑަށްވުރެ ހިމޭންކަމުން ހިތަށް ލިބޭ އަނިޔާ ބޮޑެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު