ޗެމްޕިއަންސް ލީގުގެ ފަހު ތިން ޖާގަ ސިޓީ، ޗެލްސީ އަދި ނިއުކާސްލްއަށް

އިންގްލިޝް ޕްރިމިއާ ލީގުން މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފަހު ތިން ޓީމަކަށް މެންޗެސްޓާ ސިޓީ، ޗެލްސީ އަދި ނިއުކާސްލް ޔުނައިޓެޑް ވެގެން ހިނގައްޖެއެވެ.

މި ތިން ޓީމަށް މި ޖާގަތައް ކަށަވަރު ވެގެންދިޔައި ލީގުގެ ފަހު ބުރުގައި ކުޅުނު މެޗުތަކުގެ ނަތީޖާތައް ނިކުމެގެންދިޔަ ގޮތުންނެވެ. މި ތިން ޓީމުގެ ތެރެއިން އެންމެ ފުރުސަތު ބޮޑުކޮށް އޮތީ މިދިޔަ ސީޒަންގެ ޗެމްޕިއަން ސިޓީ އަށެވެ. އެ ޓީމަށް ފުލަމް އާ ބައްދަލުކުރި މެޗު އެއްވަރު ކޮށްލައިގެން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތް ނަމަވެސް އެ ޓީމުން ވަނީ ރަށުން ބޭރުގައި ކުޅުނު މި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށް ލީގުގެ ތިން ވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކޮށްފައެވެ.

ސިޓީއިން މި ސީޒަން ތަށްޓެއް ނެތި ނިންމާލިއިރު ލީގުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި ފުލަމް ސީޒަން ނިންމާލީ 54 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގާ އޮވެގެންނެވެ. މި މެޗު ވެގެންދިޔައީ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނާ އެ ޓީމަށް ކުޅުނު ފަހު މެޗަށެވެ. މިއަންނަ ސީޒަންގައި ޑި ބްރުއިނާ ފެނުން އެންމެ ގާތް ކަމަށް ބެލެވިފައިވަނީ އިޓާލިއަން ސެރީއާގެ ޗެމްޕިއަން ނަޕޯލީއިންނެވެ.

ޗެލްސީއަށް ބަލާލާއިރު އެ ޓީމުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 50 ވަނަ މިނެޓުގައި ލެވީ ކޯލްވެލްއެވެ. ޗެމްޕިއަންސް ލީގަށް ޗެލްސީ އާއެކު ވާދަކުރަމުންދިޔަ ފޮރެސްޓަށް މި މެޗުގައި ޗެލްސީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި ކާމިޔާބީ އާއެކު ޗެލްސީއިން ލީގު ނިންމާލީ 69 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައި އޮވެގެންނެވެ. އަދި ފޮރެސްޓް ސީޒަން ނިންމާލީ 65 ޕޮއިންޓާއެކު ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފް ޖާގައަކާއެކުއެވެ.

ފަހު މެޗަށް ބަލާއިރު އެންމެ ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނި 66 ޕޮއިންޓާއެކު ފަހު މެޗަށް ނިކުން ނިއުކާސްލް ޔުނައިޓެޑާއި އެސްޓަން ވިލާ ކުޅުނު ދެ މެޗުގައެވެ. ނިއުކާސްލް ފަހު މެޗުގައި އަމިއްލަ ދަނޑުގައި އެވަޓަން އާއި ބައްދަލުކުރާ މެޗު ފަސޭހަ ވެގެން ދާނެކަމަށް ހީވި ނަމަވެސް މި މެޗު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން އެވަޓަން މޮޅު ވެގެންނެވެ. އަދި ވިލާއިން ފަހު މެޗުގައި ނިކުތީ ރަށުން ބޭރުގައި މާރަނގަޅު ކުޅުމެއް ފަހަކަށް އައިސް ނުދެއްކޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކަމުން މި މެޗުން އެ ޓީމު ވެސް މޮޅު ވާނެކަމަށް ބެލެވިގެންދިޔައެވެ.

ނަމަވެސް މި މެޗު ވެގެންދިޔައީ ހިތްހަމަ ނުޖެހުން ގިނަ އަދި ހާދިސާ ގިނަ މެޗަކަށެވެ. މި ގޮތުން ފުރަތަމަ ހާފުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގައި ވިލާގެ ކީޕާ އެމިލިއާނޯ މާޓިނޭޒް ޔުނައިޓެޑްގެ ފޯވަޑް ރަސްމުސް ހޮއިލުންޑްއަށް ޕެނަލްޓީ އޭރިއާ ބޭރުން ފަހު ކުޅުންތެރިޔާއަށް ވެހުރެ ލަނޑު ޖަހަށް ހުސްކޮށް ލިބިގެންދިޔަ ފުރުސަތަކަށް ހުރަސް އެޅުމާއެކު އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެހެން ކަމުން އެ ޓީމުން މެޗުގެ ފަހު ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗުގެ 76 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އަމަޑު ޑިއާލޯ އެޓީމުގެ ލަނޑު ޖެހުމާ ހަމައަށް ވިލާއަށް އޮތީ ޗެމްޕިއަންސް ލިގުގެ ޖާގައެއް ލިބިގެންދާ ގޮތަށެވެ.

އެއީ އެވަޓަން އެވަގުތު ނިއުކާސްލްގެ މައްޗަށް ކުރި ހޯދާފައިވުމާއި ގުޅިގެންނެވެ. ނަމަވެސް މިލަނޑައެކު ފައިދާ ގޯލުން ކުރި ހޯދާ ނިއުކާސްލް އިން ފަސް ވަނައަށް އެރިއެވެ. ޔުނައިޓެޑްއިން މި ލަނޑު ކާމިޔާބު ކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ވިލާގެ މޯގަން ރޮޖާސްއިން އެ ޓީމަށް ލީޑު ނަގައިދެވުނު ކަމަށް ހީވެގެންދިޔަ ނަމަވެސް އޭނާ ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ރެފްރީ ފައުލަކަށް ކަށިގަނޑު ފުމެފައިވުމުގެ ސަބަބުން އެ ލަނޑު ވީއޭއާރަށް ބެލޭނެގޮތެއްނެތި ރެފްރީގެ ނިންމުމާއެއް ގޮތަށް ނިމިގެންދިޔައެވެ.

ނަމަވެސް ޔުނައިޓެޑްގެ ކީޕަރު އަލްޓާ ބަޔިންޑީރު އަތުގައި އޮއްވާ ބޯޅައިގައި ޖެހިކަމަށް ހީވެގެން ދިޔަ ނަމަވެސް ފަހުން ވީޑިއާއިން ފެނިގެންދިޔަ ގޮތުގައި ކީޕަރަށް ރަނގަޅަށް އެ ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިނުވާކަން ފާހަގަ ވެގެންދިޔައެވެ. މިއާއެކު ވިލާގެ ބެންޗުންނާއި ކުޅުންތެރިންގެ ފަރާތުން ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.

މި މެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން މި ސީޒަނާއެކު ޔުނައިޓެޑް ދޫކޮށްލާކަން ހާމަވެފައިވާ ކްރިސްޓިއަން އެރިކްސަންއެވެ.

މި މެޗުން ވިލާ ބަލިވިއިރު ނިއުކާސްލްއިން އެވަޓަން އަތުން ބަލިވި ނަމަވެސް ވިލާ މެޗުގެ ނަތީޖާ އެނގުމާއެކު އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަން ފެނިއެވެ. އަދި ވިލާގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން މާޔޫސްކަން ފެނިގެންދިޔައެވެ. މިއާއެކު ވިލާއިން ސީޒަން ނިންމާލީ ޔޫރޮޕާ ލިގުގެ ޖާގައަކާއެކުއެވެ.

comment ކޮމެންޓް