ހާރިޖީ ގުޅުންތައް ވަރުގަދަ ކުރަން، ރައީސްގެ ޚާއްސަ މަންދޫބަކަށް ކުރީގެ ރައީސް ވަހީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އައްޔަން ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އައްޔަނުކުރައްވައިފިއެވެ.

ރައީސްގެ ޚާއްސަ މަންދޫބުގެ މަގާމަށް ވަހީދު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ކުރީގެ ރައީސް ވަހީދު މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.

މަގާމަށް އައްޔަން ކުރެއްވުމަށް ފަހު, ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ވަޙީދަކީ ވަރަށް ގާބިލު ބޭފުޅެއްކަމަށެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ހަމައެހެންމެ އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ޙާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ވަޙީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ވަހީދަކީ ސިޔާސީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް ވަރަށް ގިނަ ތަޖުރިބާ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާން ވަނީ, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އެ މަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާއި އެ ދާއިރާ ލީޑު ކުރައްވަން ތިއްބެވި ފަރާތްތަކަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް