އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރޭ، އެކި އުފެއްދުންތައް ބަލަމުން ދިޔަ ބަޔަކު، ކޭކެއް ކައިރީ ހުއްޓިލައިގެން ހުރި ރިޝްފާއާ 'އެއީ ހަމަ އަސްލު، ކެވިދާނެ ކޭކެއްތޯ' ވަރަށް ހައިރާންވެ ތިބެ ސުވާލު ކުރިއެެވެ.
އެއީ 'ކެވޭނެ' ކޭކެއްކަން ބުނުމުން ވެސް، އެ މީހުންނަށް ތަކުރާރުކުރެވުނީ ހަމަ އެ ސުވާލެވެ. ސަބަބަކީ، ކުރިމަތީ ފެންނަން ހުރި ކޭކަކީ އާދައިގެ ކޭކަކަށް ނުވާތީއެވެ. އެއީ ރަސްފަރީ ފަރުގެ ދިރުމެއްގެ ބަޔަކަށް ވާތީއެވެ.
ހުނަރުވެރި މަސައްކަތްތެރިންގެ އުފެއްދުންތަކުން ފުރިފައިވާ އެ މައުރަޒުގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަރާތުން ރިޝްފާ ހުށަހެޅި 'ކޭކު ރަސްފަރީ' އަކީ މުޅި މައުރަޒުން ވެސް އެންމެ މަތިން މާކްސް ލިބުނު ފަސް އުފެއްދުމުގެ ތެރެއިން އުފެއްދުމެކެވެ. އަދި ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން ވެސް އެއްވަނަ ހޯދި މަސައްކަތެވެ.

ޕޮލިޓެކްނިކުގެ ފަރާތުން މައުރަޒުގައި ބައިވެރިވި ރިޝްފާ ތައްޔާރުކުރި ކޭކު ރަސްފަރި -- ސަން ފޮޓޯ
ކުލަކުލައިގެ މުރަކަތަކުގެ މަތީން ވެލައެއް ފީނާފައިދާ މަންޒަރު ސިފަވާ މި ކޭކުން ރަމްޒުކޮށްދެނީ ކަނޑު އަޑީގެ ދިރުންތަކާއި، ހިމޭންކަމެވެ.
ރިޝްފާ ބުނި ގޮތުގައި މި ކޭކު އެއްކޮށް ތައްޔާރުކޮށް، މި މަސައްކަތަށް ދިރުން ގެނުވަން 14 ދުވަސް އޭނާ ހޭދަކުރިއެެވެ.
ކޭކުގެ އެންމެ ކުދިކުދި ތަންކޮޅުކޮޅުން ފެށިގެން، ކޮންމެ ފަރުމާއެއް ވެސް ތައްޔާރުކޮށްފައިވަނީ ފޮންޑެންޓު ބޭނުންކޮށް، އަތުން ފަރުމާ ގެނެސްގެންނެވެ.
"ސާދަ ދުވަހުގެ ވަރަށް ހާޑް ވޯކް މިއީ، ޕޮލިޓެކްގެ ފަރާތުން އަޅުގަނޑު މި އުފައްދައިފައި މި ވަނީ،" ޕޮލިޓެކްގެ ދަރިވަރެއް ކަމަށްވާ ރިޝްފާ ބުންޏެވެ.

ޕޮލިޓެކްނިކުގެ ފަރާތުން މައުރަޒުގައި ބައިވެރިކުރި ކޭކު ރަސްފަރި ތައްޔާރުކުރި ރިޝްފާ --
ކޭކު އެޅުމަށް ޝައުގުވެރިކަން އުފެދުމާއެކު، މި ކަން އިތުރަށް ދަސްކޮށް ތަމްރީނު ހޯދުމަށް ޓަކައި ރިޝްފާ ބޭނުންވީ އާދައިގެ ކޯހަކަށް ވަންނާށެވެ.
"ބޭސިކްއޭ ބުނީމާ އަޅުގަނޑު ހީކުރީ ވަރަށް ބޭސިކްއޭ. އެކަމު މިއީ އަޅުގަނޑުމެންގެ މި ބޭސިކް ކޯހަކީ [އޭގެ ނަތީޖާއަކީ]،" ކޭކަށް އިޝާރާތް ކުރަމުން ރިޝްފާ ބުނެލިއެވެ.
ރިޝްފާ ބުނި ގޮތުގައި ކޭކު އެޅުމަކީ އޭނާއަށް މާ ދަތި ކަމެއް ނޫނެވެ. އުނދަގޫ މަސައްކަތެއް ނޫނެވެެ. ނަމަވެސް މިފަދަ ބޮޑު މައުރަޒެއްގައި އަލަށް ބައިވެރިވެ، ކުރިން ވެސް ތަޖުރިބާ ލިބިފައި ތިބި ބަޔަކާ ވާދަކުރަން ޖެހުމުން ކޮންމެވެސް މިންވަރަކަށް އެ ކަމާ ޖެހިލުންވުމެއް އޮތް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު މި ދާއިރާއަށް އާ ކުއްޖަކަށް ވެފައި، މީތި ހަދައިލަން ފެއްޓިއިރު ވެސް ވަރަށް ޖެހިލުންވި މި ކަހަލަ ބޮޑު އެކްސްޕޯއެއްގައި. ދެން ގިނަ، ދުވަސްވީ މީހުން ބައިވެރިވާނެ ދެއްތޯ. އެހެންވެ އެކަމާ ވަރަށް ޖެހިލުންވި. ދެން އަނެއްހެން ޗެލެންޖެއް ނާދޭ،" ރިޝްފާ ބުންޏެވެ.

ޕޮލިޓެކްނިކުގެ ފަރާތުން މައުރަޒުގައި ބައިވެރިވި ރިޝްފާ ތައްޔާރުކުރި ކޭކު ރަސްފަރި އަށް ލިބުނު ވަނަ ރައީސް މުއިއްޒު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭނާ ބުނި ގޮތުގައި، މި މަސައްކަތަށް ގިނަ ބައެއްގެ އެއްބާރުލުމާއި، އެހީތެރިކަމާއި ހިތްވަރު ލިބުނެވެ.
އަދި ރަންވަނައެއް ލިބުމަކީ މަސައްކަތުގެ ނިމުން ނޫން ކަމަށާއި، މިއީ ފެށުން ކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތް ތަނުގައި އަދި މިއަށްވުރެ ބޮޑެތި މަސައްކަތްތައް ކުރުމުގެ އަޒުމު އެބައޮތް ކަމަށް ވެސް ރިޝްފާ ބުންޏެވެ.
"ދިޒް އިޒް ނޮޓް ދަ އެންޑް. އަދި ސްޓާޓް މިވީ. އިންޝާﷲ އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތައް މި ވަނީ،" އޭނާ ބުންޏެވެ.
މި ކަމަށް ޝައުގުވެރިވާ ކޮންމެ ޒުވާނަކަށް ވެސް ރިޝްފާ ދެނީ ހިތްވަރެވެ. އޭނާ ބުނީ މިއީ، އެހެން މީހުންނަށް ވެސް އުފާވެރިކަން ލިބިދޭފަދަ މޮޅު މަސައްކަތެއް ކަމަށެވެ. އަދި ކުރިމަގު އޮތް މަސައްކަތެއް ކަމަށެވެ.