ތަހުޒީބުވެފައިވާ އެހެނިހެން ގައުމުތަކެކޭ އެއްގޮތަށް، ހުޅުމާލޭގެ 'އައިޑެންޓިޓީ' އަކަށް 100 މީޓަރުގެ "އައިކޯނިކް ޓަވަރެއް" އެޅުމަށް އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ހިމަނައިފިއެވެ.
އިންގިލާބީ ބަދަލުތަކަކާއެކު އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވީ ހުޅުމާލޭ އާ މާސްޓާޕްލޭންގައި ފަރުކޮޅުފުށީގެ ނިމޭ ހިސާބުގައި އަލަށް ތައާރަފުކުރާ 'އައިކޯނިކް ޓަވަރު' އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ޓަވަރަކީ ހުޅުމާލޭގެ ދެވަނަ 'އައިޑެންޓިޓީ'އެއް އުފެއްދުމަށް ބިނާކުރާ ޓަވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި އަޅާ 100 މީޓަރު ޓަވަރުގެ ކުރެހުމެއް --
ޒިނަފް ވިދާޅުވި ގޮތުގައި އެ ޓަވަރުގެ އުސްމިނަކީ 100 މީޓަރެވެ.
މީގެ އެއް ބޭނުމަކީ، ހުޅުމާލެއޭ ބުނީމަ ފުރަތަމަ ވެސް އަޅައިގަންނާނެ އެއްޗަކަށްވުން. މި ޓަވަރުގެ އަނެއް ބޭނުމަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު އިތުރު ވަޒީފާއަށް ޖާގަދިނުން، އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސާ އަހުމަދު ޒިނަފް
މިހާރު ހުޅުމާލެއޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަކޮށްލެވެނީ ފޭސް-2 ގެ ހިޔާ ޓަވަރުތަކެވެ. އެއީ އެންމެ ފުރަތަމަ އެ ޓަވަރުތައް ނިމުނުއިރު ގިނަ ބައެއްގެ ސަމާލުކަން ލިބުނު ތަނެކެވެ. އަދި ގިނަ މީހުން ހުޅުމާލެ ގޮސް ހިޔާ ޓަވަރުތައް ބަލާލުމުގެ ޝައުގުވެރިކަން ހުރެއެވެ.
ޒިނަފް ވިދާޅުވި ގޮތުގައި މިހާރު ހުޅުމާލެއޭ ބުނުމުން ފޭސް2 ގެ ހިޔާ ޓަވަރުތައް މީހުންގެ ހިތަށް އަރާ ފަދައިން ހުޅުމާލޭގެ ދެވަނަ އައިޑެންޓިޓީއަކަށް އެ 100 މީޓަރުގެ އުސް ޓަވަރުވެގެންދާނެއެވެ.
ތަރައްގީވެފައިވާ އެހެނިހެން ގައުމުތަކުގައި ވެސް އެންމެ 'އައިކޯނިކް' ތަންތަނަށް ވަނީ އުސް ޓަވަރުތަކެވެ. ޚާއްސަކޮށް އެއީ ފަތުރުވެރިން ޒިޔާރާތްކުރާ މަންޒިލްތަކަށް އެ ތަންތަން ވެއެވެ.
މިސާލަކަށް މެލޭޝިއާގެ ޕެޓްރޯނަސް ޓްވިން ޓަވަރާއި، ޕެރިސްގެ އައިފެލް ޓަވަރާއި، ސިންގަޕޫރުގެ އެންމެ އުސް ޓަވަރުކަމަށްވާ ގުއޮކޯ ޓަވަރާއި، ކޮލޮމްބޯގައި ހުންނަ ލޮޓަސް ޓަވަރުފަދަ ތަންތަނަކީ، އެ ގައުމުތަކުގެ ނަން ކިޔާލުމުން އެންމެ ފުރަތަމަ ވެސް ހިތަށް އަންނަ ތަންތަނެވެ.
މެލޭޝިއާގެ ޕެޓްރޯނަސް ޓްވިން ޓަވާސް --
މި ނޫނަސް އެ ގައުމުތަކުގައި ބިނާކޮށްފައިވާ އުސް އިމާރާތްތަކަކީ އެ ގައުމުތަކުގެ ލޭންޑްމާކެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތްތަކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭގެ ހިޔާ ޓަވަރުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓެކެވެ.
މިއަދާ ހަމައަށް އައިއިރު އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އަދި މިހާތަނަށް އެތަނުގައި އަތޮޅެއް ވަރުގެ އާބާދީއެއް ވަނީ ވަނީ ގާއިމުވެފައެވެ.