ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ "ބޭންކް ފަންޑް" އަށް ޕްރޮޕޯޒަލް ހުށަހަޅަން ބާކީ ތިން ދުވަހަށް ވެއްޖެއެވެ.
ބީއެމްއެލްއިން މި އަހަރު ބޭންކް ފަންޑަށް ހުޅުވާލާފައި ވަނީ ނިމިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
އެ ބޭންކުން ބުނީ މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރުގެ އިތުރުން މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭއެހީ އެ ބޭންކުން ދޭނެ ކަމަށެވެ.
މި ފަންޑަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] ހުށަހެޅޭނެއެވެ.
ބީއެމްއެލްއިން ބުނީ އެ ފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަނި ކަމަށެެވެ. މިއީ ބީއެމްއެލްއިން މި ފަންޑަށް ހުޅުވާލި ދެވަނަ އަހަރެވެ.
މިދިޔަ އަހަރު ވެސް ބީއެމްއެލްއިން ވަނީ މި ފަންޑުން ފަސް ޖަމިއްޔާއަކަށް އެހީ ފޯރުކޮށްދީފައެވެ.
އެ ބޭންކުން ވަނީ މުޖުތަމައު ބާރުވެރިކުރުވައި ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބީއެމްއެލްއިން އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއް ދޭކަމަށް ބުނެފައެވެ.