އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިންތައް ޑިޖިޓަލް ޕްލެޓްފޯމްތަކުން އުފައްދާ ވެބް ކޮންޓެންޓްތަކުން ފެންނަ މިންވަރު އިތުރުވެފައިވީ ނަމަވެސް އެފަދަ އުފެއްދުންތަކަށް އެކްޓަރު ޖޯން އަބްރަހަމް ތައްޔާރު ނޫންކަމަށް އެކްޓަރު ބުނެފިއެވެ.
ފިލްމު "ދޫމް"، "ރޭސް" އަދި "ޕަތާން"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ދާދިފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޯޓީޓީ ޕްލެޓްފޯމްތަކުން ފުރުސަތުތަކެއް ވެސް އެކްޓަރަށް ލިބޭ ކަމަށެވެ.
ނަމަވެސް ޖޯން ދެކޭގޮތުގައި އޭނާ އަކީ ހަމައެކަނި ބޮޑު ސްކްރީނު ފިލްމުތަކަށް ފިޓުވާ އެކްޓަރެއް ކަމަށާއި ވެބް ކޮންޓެންޓްތަކަށް އަދި ތައްޔާރު ނޫން ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަންނަ އުފެއްދުންތަކަކީ ވަރަށް ބޮޑު ޓީމަކާ އެކު ހިންގޭ ވަރަށް ބޮޑު އޮޕަރޭޝަނަކަށް ވާއިރު ގިނަ ފަހަރަށް ބޮޑު ޚަރަދުކޮށްގެން އުފައްދާ ވެބް ކޮންޓެންޓްތަކުން ޚަރަދު ފޫނުބެއްދޭ ކަމަށް ޖޯން ވަނީ ބުނެފައެވެ.

ޖޯން އަބްރަހަމް ފިލްމު "ދަ ޑިޕްލޮމެޓް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
އެކަން ވަރަށް ގިނަ ވެބް ކޮންޓެންޓް އުފައްދާ މީހުން ގަބޫލުކުރާނެ ކަމަށާއި ވެބް ސީރީސްތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނުހުންނަ އެއް ސަބަބަކީ އެއީ ކަމަށް ޖޯން ވަނީ ބުނެފައެވެ.
ވެބް ކޮންޓެންޓްތަކުގައި އެކްޓް ކުރުމުގެ ޝައުގުވެރިކަން ނެތަސް ކުރިމަގުގައި ވެބް ސީރީސްއެއް ޕްރޮޑިއުސްކުރެވިދާނެ ކަމަށް ޖޯން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ވަރަށް ރަގަޅު ސްކްރިޕްޓަކަށް ވާންޖެހޭނެ ކަމަށް ޖޯން ވަނީ ބުނެފައެވެ.
ޖޯން ހާމަކުރި ގޮތުގައި ފިލްމެއް ނުވަތަ ވެބް ސީރީސްއެއް ވިޔަސް ގެނެސްދޭއިރު އެންމެ ބޮޑު އިސްކަމެއް ދެނީ އެއީ ބެލުންތެރިންގެ ޝައުގުވެރިކަން ހޯދައިގަނެވޭނެ ކަހަލަ ވާހަކައެއް ފިލްމުގައި ހިމެނުމަށެވެ.
ފިލްމު "ދަ ޑިޕްލޮމެޓް"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރު އަންނަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި އިއުލާނު ނުކުރާ މި ފިލްމަކީ މުމްބާއި ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ފީޗާއެކެވެ.