ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި 28،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިން މައްސަލައެއްގައި ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދޫކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވައިފައިވެއެވެ.
އެ މީހާގެ ނަން މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އެ ސިޓީގައި ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައި ވަނީ އޭރު ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުރި، އެ ރަށު ހިޔާވެހި، އަލީ އާދަމް, ކަމަށް އޭސީސީއިން ބުނެއެވެ.
އެހެންވެ، އެ މައްސަލައިގައި އަލީ އާދަމަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ 18 ވަނަ ދުވަހު އޭސީސީން ވަނީ ޕީޖީއަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ މުންޑޫ ސްކޫލަށް އަންގައިފައެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މުންޑޫގެ އާބާދީއަކީ 176 މީހުންނެވެ.