ކުޑަ ގައުމެއްގެ ހައިސިއްޔަތުން ގޮންޖެހުންތައް ހުރި ނަމަވެސް، ޓެކުހާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މުސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ދެއްވި ކީނޯޓް ޚިތާބުގައެވެ. މި ޚިތާބުގައި އޭނާ ވަނީ ހާމަކަން ބޮޑު ގޮތެއްގައި ޓެކްސްގެ ނިޒާމު ބެލެހެއްޓުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.
"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްހަތު އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.
ޓެކްސް ނުދެއްކުމާއި، ގާނޫނީ ގޮތުން ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ހާމަކަން ބޮޑު ޓެކްސްގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރާއްޖެއިން މިއަދު ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއި ވެސް ކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ރާއްޖެއިން ސޮއިކުރުން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. އެހެން ނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ" ވަޒީރު ޒަމީރު ވިދާޅުވިއެވެ.
އޭޝިއާ އިނީޝިއޭޓިވްގެ ކޯޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ގާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ޒަމީރު ވަނީ ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ލީޑަޝިޕްގެ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިންގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިގުތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭން ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.
އެގޮތުން:
- ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވުން
- ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ޖީޑީޕީގެ 13.8 އިންސައްތަ ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން.
ޒަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައިފައި ވާކަމަށެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
މީގެ އިތުރުން ވެސް، ޑިޖިޓަލް ޓެކްނޮލޮޖީގައި، ބައިނަލްއަގުވާމީ އެއްބާރުލުމަކީ ވަރަށް މުހިންމުކަން ޒަމީރު ފާހަގަކުރެއްވިއެވެ.