ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ފޮތް ލިޔުމަށް ދޭ ގްރާންޓާއި ރިސާޗު ކުރުމަށް ދޭ ގްރާންޓު ހަތަރު މީހަކާ މިއަދު ހަވާލުކޮށްފިއެވެ.
ގްރާންޓުތައް ހަވާލުކުރި މީހުންނަކީ:
- އިބްރާހިމް އާދަމް: ބުކް ގްރާންޓް
- އާސިޔާ އިބްރާހީމް: ރިސާޗް ގްރާންޓް
- ބަތޫލް ޒަހޫރް ޤާޒީ: ރިސާޗް ގްރާންޓް
- މަރިޔަމް ހުދާ: ރިސާޗް ގްރާންޓް
އެމްއެންޔޫއިން ބުނީ، ފޮތް ލިޔުމަށް ދޭ ގްރާންޓަކީ ޔުނިވާސިޓީ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކޮށް ދިރުވުމަށް ދޭ ގްރާންޓެއް ކަމަށެވެ. މިފަހަރު ގްރާންޓުގެ ގޮތުގައި 43،500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ޔުނިވާސިޓީގައި ރިސާޗު މާހައުލެއް ގާއިމުކުރުމަށާއި މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ދޭ 'ރިސާޗް ގްރާންޓު' ހޯދުމަށް އެމްއެންޔޫގެ މުވައްޒަފުންނާއި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް އެދެވޭނެއެވެ.
އެ ގްރާންޓު ދެނީ ހުށަހަޅާ ޕްރޮޕޯސަލްތައް ރިސާޗު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބިނާކޮށް ފެންވަރު ވަޒަންކުރުމަށް ފަހު ހޮވޭ ޕްރޮޖެކްޓުތަކަށް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. އެގޮތުން، މިފަހަރު އެ ގްރާންޓަށް ޖުމުލަ 215،700 ރުފިޔަ ދިނުމަށް ވަނީ ނިންމާފައެވެ.